ads
ފީފާ ނޯމަލައިޒޭޝަން ކޮމިޓީ
ނޯމަލައިޒޭޝަން ކޮމިޓީންވެސް ވޯޓަރ ލިސްޓް ސިއްރުކޮށްފި!
ނޯމަލައިޒޭޝަން ކޮމިޓީއަށް 7 މަސްދުވަސް ވީފަހުން، 15 މާޗް 2025 ވާ ހޮނިހިރުދުވަހު އެފްއޭއެމްގެ އައުދަޔާޙިލާފް ކޮންގްރެސްއެއް އިއުލާނުކޮށްފި އެވެ.
Advertisement

އެހެންނަމަވެސް ކޮންގެރެސްގައި ވޯޓުލާ ކްލަބްތަކާއި، ޒޯންތަކާއި، އިންޓަރެސްޓް ގްރޫޕްތަކުގެ ލިސްޓް ހާމައެއް ނުކުރެއެވެ. އެކޮމިޓީން އުއްމީދުކުރަނީ މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް އެފްއޭއެމް ނޯމަލައިޒް ކުރާށެވެ.

އެފްއޭއެމް މިފަދަ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ އެޖަމިއްޔާއަށް ފީފާ އިންދޭ ހިލޭ އެހީގެ ފައިސާއިން ވައްކަންކުރުމުގެ ތުހުމަތުގަ އެވެ. ކުރީގެ ޕްރޮސިކިއުޓަރޖެނެރެލްގެ އަމުރަށް އެޖަމިއްޔާގެ އޮފީސް ރެއިޑްކޮށް، ކޯޓަށް ދިޔަ ފަހުންނެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރޕާސަންއަކަށް އެންމެ ފަހުން އައްޔަންކުރީވެސް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްއެކެވެ.

ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ އައުދަޔާޙިލާފް ކޮންގްރެސް މިބާއްވަނީ އޯޑީޓަރެއް އައްޔަންކުރުމަށާއި، ބައެއް ކޮމިޓީތައް އައްޔަންކުރުމަށް ކަމަށް ބުނެއެވެ. ސުވާލަކީ މިއީ ނޯމަލައިޒޭޝަން ކޮމިޓީން ކޮންގްރެސްއެއް ބާއްވަން ޖެހޭ ކަމެއްތޯއެވެ؟ ވައްކަމުގެ ބައިވެރިން އަނެއްކާވެސް އޮޑިޓަރު އައްޔަންކުރުމަކީ ކޮންކަހަލަ ކަމެއްތޯ ސުވާލު އުފެދެއެވެ.

ކޮންގެރެސް ގައި ވޯޓްލަނީ ކޮންބައެއް؟

ކޮންގެރެސްގައި ވޯޓް ހައްގުވާ މެމްބަރުން އެޖަމިއްޔާގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާ އާއި 22 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވެއެވެ. 

އެއީ 18 ކްލަބާއި، 9 ޒޯނާއި، 8 "އިންޓަރެއްސްޓް ގްރޫޕް" އެވެ. ކޮންގެރެސްގައި ޖުލްލަ 44 (ސާޅީސްހަތަރު) ޥޯޓް އޮވެއެވެ. ވޯޓްތައް ބެހިފައިވާގޮތް ތިރީގައި އެވަނީއެވެ.  

18 ކްލަބް - މުޅި ރާއްޖެއިން ހޮވާލެވޭ އެންމެ މޮޅު އަށާރަ ކްލަބް އަކީ އެއްވަނަ ޑިވިޒަންގެ 8 ކްލަބާއި ދެވަނަ ޑިވިޒަންގެ 10 ކްލަބެވެ. އެއްވަނަ ޑިވިޒަންގެ އަށް ކްލަބަށް ކޮންމެކްލަބަކަށް 2 ވޯޓިންގް ޑެލިގޭޓް ކަނަޑައަޅާފައިވާއިރު، ދެވަނަ ޑިވިޒަންގެ ކްލަބަކަށް ލިބެނީ 1 ވޯޓިންގް ޑެލިގޭޓެވެ. 

މި ކްލަބްތަކަކީ ތިރީގައި އެވާ 9 ޒޯނުން ހޮވަންޖެހޭ ކްލަބްތަކެއް ކަމަށް ވީނަމަވެސް، ވޯޓްލުމުގެ ހައްގު ދީފައިވަނީ ހަމައެކަނި މާލޭ ޒޯންގެ 18 ކްލަބަކަށެވެ. މިއީ އަސާސީ ގަވާއިދާ ހިލާފަށް ކުރާ ވައްކަމެކެވެ.

9 ޒޯން – އަސާސީ ގަވާއިދުން ރާއްޖެ ބަހާލެވިފައިވާ 9 ޒޯންގެ މަންދޫބުންނަށް، ކޮންމެ ޒޯނަކަށް 1 ވޯޓިންގް ޑެލިގޭޓުންގެމަގުން ކޮންގްރެސްގައި ވޯޓްލުމުގެ ހައްގު ލިބެއެވެ. އެހެންނަމަވެސް އެއްވެސް ކޮންގްރެސްއެއްގައި މާލޭ ޒޯން ފިޔަވާ އެހެން ޒޯނެއްގެ ވޯޓެއް ހައްގުވާކަމަކަށް ނުވެއެވެ. ނޯމަލައިޒޭޝަން ކޮމިޓީން ޒޯންތަކުގެ މަންދޫބުންނަށް ދައުވަތު ދީފައިވާކަމެއް އޮޅުމެއް ނުފިލައެވެ. އަދި އަސާސީ ގަވާއިދާ އެއްގޮތަށް ޒޯންތައް ގާއިމްކޮށްފައިވާ ތަނެއްވެސް ނުފެނެ އެވެ.

8 އިންޓަރެސްޓް ގްރޫޕްސް – ފުޓްސަލް، އަންހެނުންގެ ފުޓުބޯޅަ، ރެފްރީން، ކޯޗުން، ބީޗް ފުޓުބޯޅަ، ކުޅުންތެރިން، ވެޓަރަންސް އަދި ޔޫތު ފުޓްބޯލް އަކީ ވޯޓު ހައްގުވާ ފަރާތްތަކެވެ. މި އަށް (8) އެސޯސިއޭޝަންގެ ތެރެއިން އަންހެނުންގެ ފުޓުބޯޅަ އެސޯސިއޭޝަނަށް 2 ވޯޓް އާއި އެކު އިންޓަރެސްޓް ގްރޫޕްތަކަށް ޖުމަލަ ނުވަ (9) ވޯޓް ލިބެއެވެ. މި ގްރޫޕްތައް މިހާރުވެސް އެކި ނަންނަމުގައި ފުޓުބޯޅަ ހިންގިނަމަވެސް، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 83 ވަނަ މާއްދާއިން މި ގްރޫޕްތައް/އެސޯސިއޭޝަންތައް އުވާލަން މަސައްކަތްކޮށްފައިވެ އެވެ. އަދި މި އިންޓަރެސއްޓް ގޮރޫޕްތައް ބަލައިގަނެ، ވޯޓު ލުމުގެ ހައްގު އެއްވެސް އިރެއްގައި ދީފައިވާކަމެއް އެގޭކަށް ނެތެވެ.

އެފްއޭއެމް އިސްލާހްކުރަން ފީފާއިން އުފެއްދި ނޯމަލައިޒޭޝަން ކޮމިޓީންވެސް މިފެންނަނީ ކަންކަން އޮޅުވާލާތަނެވެ. އަސާސީގަވާއިދާ އެއްގޮތައް ދެންވެސް އެފްއޭއެމް "ނޯމަލައިޒް" ކުރުމުގެ ބަދަލުގައި، މިފެންނަނީ ކްލަބްތަކާ، ޒޯންތަކާ، އިންޓަރެސްޓް ގްރޫޕްތަކުގެ ހައްގުތަކަށް އަރައިގަންނަ ތަނެވެ. އަސާސީ ގަވާއިދާ ހިލާފަށް ވޯޓްލުމުގެ ހައްގު ހިފަހައްޓާ، ސިއްރު ކުރާ ތަނެވެ.

ވޯޓަރ ލިސްޓް ސިއްރުކުރަނީ ކީއްވެ؟

ވޯޓަރ ލިސްޓް ސިއްރުކުރުކުރަނީ ވައްކަންކުރުން ކުރިއަށްގެންދިއުމުގެ ނިޔަތުގައިކަމަށް ތުހުމަތުކުރެވެއެވެ. މިހެން ދަންނަވަންޖެހެނީ ވައްކަމުގެ ތުހުމަތުގައި، މައްސަލަ ބަލާ އެކަން އިސްލާހްކުރަން، ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީންވެސް އެންމެފަހުން މި ލިސްޓް ސިއްރުކުރާތަން ފެނުމުންނެވެ. ވޯޓަރ ލިސްޓް ސިއްރުކުރުމަކީ އަސާސީ ގަވާއިދުގައި އޮންނަ ކަމެއް ނޫނެވެ. 

އިންތިހާބުތަކުގައި ވޯޓުލާމީހުންގެ ލިސްޓަކީ އާއްމުކޮށް ހާމަކުރަންޖެހޭ ކަމަކެވެ. ފުޓުބޯޅައިގައިވެސް މިކަން އޮންނަނީ މިހެނެވެ. ރާއްޖެ ފިޔަވާ ވޯޓަރ ލިސްޓް ސިއްރުކުރާ އެހެން ގައުމެއް ދުނިޔޭގައިވެސް އޮތްކަމަކަށް ނުފެނެ އެވެ.

އަސާސީ ގަވާއިދު ސިއްރުކުރުން

ވޯޓަރ ލިސްޓާއި އެކު އަސާސީ ގަވާއިދު ވެސް ވަނީ ސިއްރުކޮށްފައެވެ. މިއީވެސް ހަމައެކަނި ދިވެހިރާއްޖޭގައި ކުރާކަމެކެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ވެބްސައިޓެއްގައިވެސް އަދި ސޯޝަލްމީޑިއާއިންވެސް ހާމައެއް ނުކުރެއެވެ. ނޯމަލައިޒޭޝަން ކޮމިޓީއަށް 7 މަސްދުވަސް ވީއިރުވެސް އަސާސީ ގަވާއިދު ހާމަކޮށްފައެއް ނުވެއެވެ. މިސާލަކަށް އިންޑިއާ އާއި ސިންގަޕޫރު އެސޯސިއޭޝަންގެ އަސާސީ ގަވާއިދު "ސާޗް" ކޮށްލެވެ އެވެ.

އެފްއޭއެމުން ވޯޓަރ ލިސްޓްގެ އިތުރުން އަސާސީ ގަވާއިދުވެސް ސިއްރު ކުރަނީ ވައްކަންކުރުން ދެމެހެއްޓުމުގެ ނިޔަތުގައިކަމަށް ތުހުމަތުކުރެވެއެވެ. ވައްކަން ކުރުމަކީ ހަމައެކަނި ފައިސާއިން ކުރާކަމެއް ނޫނެވެ. ބައެއްގެ ހައްގުތައް ނުދީ، އޮޅުވާލާ، ހިފެހެއްޓުމަކީ ވެސް ވައްކަންކުރުމެވެ. ވައްކަމުން އަރައިގަންނަން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީން މިއަދު އެކުރާކަމަކީ ވައްކަމުގެ ތުހުމަތު ރައްދުވާ ކްލަބަތަކެއްފަރާތުން ވައްކަން ބަލާނެ އޯޑިޓަރުން އައްޔަންކުރަން އައުދަޔާ ހިލާފް ކޮންގެރެސްއެއް ބޭއްވުމެވެ.

މިއީ އަނެއްކާވެސް ޑްރެކިއުލާ އަށް ބްލަޑްބޭންކް ހަވާލުކުރުން ކަމަށް ނޫނީ ނުވާނެ އެވެ!

ސަސްޕެންޝަން

މިފަހަރުގެ އައުދަޔާޙިލާފް ކޮންގްރެސް އޮބްޒާވްކުރަން ފީފާ އާއި އޭއެފްސީގެ މަންދޫބުން ވަޑައިގަންނަވާނެކަމަށާއި، ކޮންގެރެސް ގެ ރިޔާސަތު ބަލަހައްޓަވާނީ ނޯމަލައިޒޭޝަންކޮމިޓީގެ ޗެއަރޕާސަން އަލްއުސްތާޒު އަޙްމަދު މުއިއްޒު ކަމުގައި ސެކެޓްރީ ޖެނެރަލް މުޙަންމަދު ޝުޖާއު މީޑިއާއާއި ހިއްސާކުރައްވާފައިވެ އެވެ.

އަސާސީ ގަވާއިދާ ޙިލާފަށް ވޯޓް ހައްގުނުވާ ކްލަބްތަކެއް ބައިވެރިކޮށްގެން ކޮންގްރެސްއެއް ބޭއްވުމުން، ފީފާ އާއި އޭއެފްސީގެ އޮބްޒާވަރުން، ކޮންގްރެސް ބަލައިގަތުމާމެދުވެސް ސުވާލު އުފެދެ އެވެ. 

މިދިޔަ އަހަރުގެ މާޗްމަހުގައި ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އޮބްޒާވްކުރަންވެސް ފީފާ އާއި އޭއެފްސީގެ އޮބްޒާވަރުން ވަޑައިގަތެވެ. އެފަހަރު ކަންވީ ގޮތަކީ، އެއިން އެއްވެސް ބޭފުޅަކު އެއްވެސް އެއްޗެއް ވިދާޅުނުވެ، ފުރާވަޑައި ގެންތާ ތިންމަސްދުވަސްފަހުން އެސޯސިއޭޝަންގެ ރައީސް ސަސްޕެންޑްކޮށް، ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރީ އެވެ.  

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. 

ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް