
އިއްޔެއިން ފެށިގެން ކުރަމުން އަންނަ ވިއްސާރާގައި މިދިޔަ 24 ގަޑިއރު ހއ. ކެލާއަށް ވަނީ 145.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެން އެންމެ ބޯކޮށް އިއްޔެ ވާރޭވެހިވާކަމަށް ރެޚޯދް ކުރެވިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެ ރަށަށް 72.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
އެމްނެ އުތުރާއި މެދު ރާއްޖެތެރެއަށް ކުރަމުން އަންނަ ވިއްސާރާގައި އިއްޔެ ވަނީ ނ. މާފަރަށް 65.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި މ. މުއްޔަށްވެސް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފައެވެ. އެރަށަށް 58.8 މިލިމީޓަރުގެ ވާރޭ އިއްޔެ ވަނީ ވެހިފައެވެ.
މާލޭ ސަރަހައްދަށް ބަލާއިރު ވެރިރަށް މާލެއަށްވެސް އިއްޔެ ހަވީރުން ފެށިގެން އަންނަނީ ވާރޭ ވެހެމުންނެވެ. މެޓް ހިސާބުތައް ދައްކާގޮތުން މާލޭ ސަރަހައްދުން އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް 62.9 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ވެރިރަށް މާލެއަށް ވެހުނީ 48.8 މިލިމީޓަރު ވާރޭކަމަށް މެޓްގެ ހިސާބުތަކުން ދައްކައެވެ. އަދި ހުޅުމާލެއަށް 49.0 މިލިމީޓަރު ވާރޭ ވަނީ އިއްޔެ ވެހިފައެވެ.
މެޓް އޮފީހުން ބުނީ މިއަދުވެސް އުތުރާއި މެދު ރާއްޖެތެރެއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި މި ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.