
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޕާޓީގެ ބޭނުމަށް މައުލޫމާތު ހޯދުމަށް" ކަމަށް ބުނެ ފޭކް މެސެޖްތަކެއް މިހާރު ދައުރުވަމުންދާކަން ފާޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ޕީއެންސީން އިތުރަށް ބުނީ ޕާޓީގެ ރަސްމީ މައުލޫމާތު ހޯދަނީ ފާޓީގެ ސްޓިއަރިން ކޮމިޓީތަކަށް މައި އިދާރާއިން ނުވަތަ ފާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ކަމަށެވެ. އަދި މިކަމަށް ކަނޑައެޅިފައިވާ ފާޓީގެ ރަސްމީ ޗެނެލްތައް މެދުވެރިކޮށް ކަމަށާއި، މިގޮތަށް ގުޅާ ގުޅުންތަކުގައިވެސް ބޭނުންކުރާނީ ފާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަމަށް ފާހަގަކޮށްފައިވެއެވެ.
ޕީއެންސީން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ މިފަދަ ސައްހަނޫން މެސެޖްތައް ދައުރުކުރުމަކީ "ދަށުދަރަޖައިގެ އަމަލެއް" ކަމަށާއި، މިފަދަ ސިޔާސީ ބޭނުންތަކަށް ޕާޓީގެ ނަން ބޭނުންކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިހާތަނަށް ފާހަގަކުރެވިފައިވާ މި ބާވަތުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން ފާޓީގެ މެންބަރުންނަށް އަރުވާކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.
މިފަދަ ފޭކް މެސެޖްތައް ލިބިއްޖެނަމަ، އެއަށް ޖަވާބު ނުދިނުމަށާއި ވަގުތުން ފާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށް ޕީއެންސީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ކިބައިން ޕީއެންސީން އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަދަ އަމަލުތައް ކުރާފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށްވެސް ޕާޓީން ގޮވާލާފައިވެއެވެ.