
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މަމްދޫހު ވިދާޅުވެފައިވަނީ، ސަރުކާރުގެ ކުންފުނިތަކާއި މުޅި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރެދޭނެ ސަރުކާރަކަށް މިހާރުގެ ސަރުކާރު ބަދަލުކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ނެޓްވޯކް އަޕްގްރޭޑުކުރުމަށް ކޭބަލް ފޮނުވުމާއި، އިންޖީނު ފޯރުކޮށްދިނުމާއި، ހުއްޓިފައި ހުރި އިންޖީނުގެތަކުގެ މަސައްކަތް ފެށުމާއި، އާ އިންޖީނުގެތައް ނިންމުމުގެ މަސައްކަތްތައް މި ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަމްދޫހު ވިދާޅުވިގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ސްޓެލްކޯ އޮތީ 4.3 ބިލިއަން ރުފިޔާއިން ދަރުވާލާފައެވެ. 2023 ވަނަ އަހަރު އެކަނި ވެސް އެމްއައިބީ މެދުވެރިކޮށް 200 މިލިއަން ރުފިޔާގެ ލޯނަކާއި، މާލީ މިނިސްޓްރީއިން 231 މިލިއަން ރުފިޔާގެ ޓްރެޝަރީ ލޯނެއް، އަދި އެސްޓީއޯ މެދުވެރިކޮށް އެމްއައިބީއިން 200 މިލިއަން ރުފިޔާގެ އިތުރު ލޯނެއް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޓެރިފް ލޮސް އެޑްވާންސްގެ ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް މާލީ މިނިސްޓްރީއިން ދޫކުރަން ހުރި 619 މިލިއަން ރުފިޔާ އެޑްވާންސް ލޯނެއްގެ ގޮތުގައި ނަގާފައިވާކަން ފާހަގަކުރެއްވިއެވެ.
މަމްދޫހުގެ މި ވާހަކަތައް އައިސްފައިވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ފާޑު ކިޔައި ކަރަންޓު މައްސަލަ ހައްލުކުރުމަށް ރަށްރަށަށް ޓްރާންސްފޯމަރުތައް ގެންދިޔަ ނަމަވެސް އެއީ ރައްޔިތުން ލޮލުގައި އަނދުން އަޅުވައި ސިޔާސީ މަންފާ ހޯދުމަށްޓަކައި ރިޔާސީ އިންތިހާބަށް ޖެހި ކަނޑައެއް ކަމަށް ބުނަމުން ދާތީއެވެ.