
މި މިސްކިތަކީ ހެންވޭރު އެއްގަމުގޭގެ ދެކުނުން ކަޅުހުރާގޭގެ އުތުރުން ހިކިފިނިފެންމާގޭ ހުޅަނގުން ކަރަންކާގޭގެ އިރުން އޮތް ކޮށީގައި ފެންނަ އެހެރަ މިސްކިތެވެ.
މި މިސްކިތަށް ހެންވޭރު ބާ މިސްކިތް އަދި ސީދީ މިސްކިތް މި ދެގޮތަށްވެސް ކިޔާ އުޅުނެވެ. އެހެންނަމަވެސް މިއަދު މި މިސްކިތުގައި ނަން ފިލާފައި ފެންނަ އޮތްގޮތުން މި މިސްކިތަށް މިހާރު ކިޔާ އުޅެނީ މަސްޖިދުއްތަގްވާ އެވެ.
ހެންވޭރޫ ބާ މިސްކިތް، މިހާރުގެ ގޮތުންނަމަ މަސްޖިދުއްތަގްވާ
މި މިސްކިތް ބިނާ ކުރީ ހިޖްރީގޮތުން 1108 ވަނަ އަހަރުގެ 1 ވީ ހުކުރު ދުވަހު އެވެ. އެއީ މީލާދީ ތާރީހުން 12 އޭޕްރިލް 1699 އެވެ. މިކަން އެނގެނީ މިސްކިތް ހުޅުވި ދުވަސްކަމަށް ބުނެ މިސްކިތުގެ ބެރީގައި ލިޔެފައިވާ ލިޔުމަކުންނެވެ. އެ ލިޔުމުގައި ވަނީ ކުރިން މި ބުނި ތާރީހެވެ.
އެ ތާރީހަށް ބަލާނަމަ މި މިސްކިތަށް މި ހާރު މިވަނީ 326 އަހަރު ވެފަ އެވެ.
މި މިސްކިތް ބިނާކުރިކަމަށް ބުނެވޭ ދުވަސްވަރު ރާއްޖޭގެ ތަހުތުގައި އިންނެވީ އައްސުލްތާން މުހައްމަދު ސިރީ ކުލަރަން މަނީ މަހާރަދުންނެވެ. މީ ދިވެހި ތާރީހުގައި މަޝްހޫރު ހާޖީ އަލީ ތުއްކަލާގެ ދަރިކަލުން މުހައްމަދެވެ. މި ރަސްގެފާނު ރަސްކަން ކުރެއްވީ ހިޖްރީ ގޮތުން 1692 އިން 1701 އަށެވެ.
މިސްކިތުގެ ބެރިތަކުގައި ލިޔެފައިވާ ލިޔުންތައް
މި މިސްިތުގެ ގިބްލަ ފަރާތުގައި ހުރި ހިލައެއް ދައްކާގޮތުން އެ ހިލައަކީ އައްސުލްތާން ޖަލާލުއްދީން އުމަރު ވީރު ޒަމާނުގައި ހެދިފައިވާ ހިލައެކެވެ. އެހެންކަމުން މި މިސްކިތަކީ އަސްލު އެ ރަދުންގެ ވެރިކަމުގެ ޒަމާނުގައި ބިނާކުރި މިސްކިތެއްކަމަށްވެސް ބެލުމުގެ ޖާގަ އެބައޮތެވެ. އެ ރަދުން ވެރިކަން ކުރެއްވީ ހިޖުރައިން 1306 އިން 1341 އަށެވެ. އެރަދުންގެ ވެރިކަން ނިމުނު އަހަރުން ގުނާނަމަ މި މިސްކިތް 600 އަހަރަށްވުރެވެސް ދޮށްޓެވެ.
މިސްކިތަށް ވަން ދިމާލުގައި ދޮރުމަތިން އެތެރޭގައި ހުރި ލޯކޮޅެއް
މިސްކިތުގައި ހުރި މި ހިލައިން ފެންނަ ހުރި ލިޔުމަށް ބެލުމުން ބެލެވޭ ގޮތުގައި އައްސުލްތާން މުހައްމަދު ސިރީ ކުލަރަން މަނީ މަހަރާދުންގެ ދުވަސްވަރު ކޮށްފައިވާ ކަމަކީ މި މިސްކިތުގެ އާބާތުރަ ފިލުވާ މަރާމާތުކުރުން ކަމުގައި ބެލެވެ އެވެ. އަދި މިސްކިތް ހުޅިވިކަމަށް ލިޔެފައިވާ އެ ތާރީހަކީ މަރާމާތަށް ފަހު އަލުން ހުޅުވި ތާރީހުކަމަަށް ވުމަކީ ދުރުކަމެއް ނޫނެވެ.
މިސްކިތަށް ވަން ދިމާލުގައި ދޮރުމަތިން އެތެރޭގައި ހުރި ލޯކޮޅެއްގައި އޮތް ލިޔުމަކީވެސް މި މިސްކިތުން ތާރީހެއް ލިޔެފައިވާ ލޯކޮޅެކެވެ. އެ ލިޔުމަށް ބަލާލުން އެއީ މިސްކިތް އަލުން މަރާމާތުކުރުމަށް ފަހު ބޭހެއްޓިފައިވާ އެއްޗެއްކަން އެނގެ އެެވެ.
މި މިސްކިތުގެ ގިބްލަ ފަރާތުގައި ހުރި ހިލަ
މި މިސްކިތުގެ ގިބްލަ ފަރާތުގައި ހުރި ހިލައެއްގައި ހުރި ކުރެހުންތަކުން ދައްކާދެނީ އެ ޒަމާނު ރާއްޖޭގައި އޮްތް ބުޑިސްޓްްގެ ނުފޫޒެވެ. އެ ހިލާފައި މަތީ ކައިރީގައިވާ ކުރެހުންތަކުން މިކަން ހާމަވެ އެވެ. އަދި ފެންނަން އެހަރަ ހިލައަކީ ރާއްޖެއިން ލިބެން ނެތް ހިލައެއްކަމަށްވެސް ތާރީހުން ފޮތްތަކުން ބުނެ އެވެ.
މިސްކިތުގެ ބޭރުން ފެންޑާގެ އެތެރޭފައި މަތިވަޑާ ގަޑަށް ލައްވާފައިވާ ފިލާގައިވެސް އޭރުގެ ލިޔުންތައް ފެންނާން އެބަހުއްޓެވެ.
ނޯޓް: މައުލޫމާތު ނަގާފައިވަނީ "މާލޭގެ މިސްކިތައް" މި ފޮތުންނެވެ.