
ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހަކީ، ހ. ރެދަން، ފަވާޒް ކަޅުތުއްތު އެވެ.
އޭނާގެ މައްޗަށް އެ މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮގަސްޓް 30، 2012 ގައެވެ. މި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިނަމަވެސް ހައިކޯޓުންވެސް ވަނީ ފަވާޒް ކަޅުތުއްތު ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ.
15 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވާފައިވާ ފަވާޒް މި ފަހަރު ހައްޔަރުކޮށްފައިވަނީ ފޭރުމާއި، ތޫނު ހަތިޔާރު ގެންގުޅުން އަދި ބިރު ދެއްކުމުގެ ތުހުމަތުގަ އެވެ. މި ތުހުމަތުތަކުގައި އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފުރަތަމަ ޖެހީ އެންމެ ފަސް ދުވަހެވެ. އެ ފަސް ދުވަސް ހަމަވެގެން، ބަންދު އިތުރުކުރަން ގެންދިޔުމުން، އިތުރު 15 ދުވަސް މިހާރުވަނީ ޖަހާފަ އެވެ.
މި ފަހަރުގެ ބަންދު އަމުރުން އެނގޭ ގޮތުގައި ފަވާޒު ކަޅުތުއްތު މީގެ ކުރިން، 49 ފަހަރު އެކިއެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 28 ފަހަރު ބަންދަށް ބަދަލުކޮށްފައިވެ އެވެ.