
މިދިޔަ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ދަރިފުޅު ދުނިޔެއަށް ގެނައުމަށްފަހު މައިވަންތަކަމުގެ ތަޖުރިބާ ހޯދަން މަޑުކޮށްލި ދީޕިކާ މިހާރު ވަނީ ބޮޑު ޕްރޮޖެކްޓަކާއި ގުޅުމަށް އެއްބަސްވެފައެވެ.
ދީޕިކާގެ ގާތް މަސްދަރުތަކުން ހާމަކުރާ ގޮތުގައި އޭނާ ވޭތުވެދިޔަ މަހުގެ ތެރޭގައި ގިނަ ފިލްމު ޑިރެކްޓަރުންނާ ބައްދަލުކޮށްފައިވެއެވެ. މިހާތަނަށް އަޑުއިވެމުންދާ ގޮތުގައި އޭނާއަށް ދެ އޮޕްޝަނެއް ލިބިފައިވެއެވެ. އެއީ "ކަލްކީ 2898 އޭޑީ" ފިލްމުގެ ސީކުއަލް "ކަލްކީ 2" ކުޅުން ނުވަތަ އަންހެނަކު ލީޑުކުރާ ޑްރާމާ ފިލްމެއް ކުޅުމެވެ. "ކަލްކީ 2898 އޭޑީ" އަކީ ދީޕިކާގެ އެންމެ ފަހުން ކުޅުނު ފިލްމެވެ. މި ފިލްމުގައި އޭނާ ކުޅުނީ ސުމަތީގެ ދައުރެވެ.
އިންސްޓަގްރާމުގައި ޝާއިއުކޮށްފައިވާ ޕޯސްޓަކުން ދީޕިކާގެ ކޮމްބެކް އަންނަ ކަމުގެ ހިންޓެއް ދީފައިވެއެވެ. މި ޕޯސްޓުގައި އޭނާގެ ހިޔަނި ފާރަކަށް އެޅިފައިވާ މޮނޮކްރޯމް ފޮޓޯއެއް ހިމަނާފައިވާއިރު "ބެކް ޓު ދަ ގްރައިންޑް؟" މިހެން ލިޔެފައިވެއެވެ. ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްވެސް ފަހުން ދެއްކި ވާހަކައެއްގައި ބުނެފައިވަނީ ދީޕިކާއަށް ފިލްމީ ދުނިޔެއަށް ބަލާއިރު ބޮޑެތި ޕްލޭންތަކެއް ހުރިކަމަށެވެ.
ދީޕިކާ "ކަލްކީ 2" ކުޅޭނަމަ މި ފިލްމުގެ ފިލްމިންގ ފެށޭނީ 2025 ގެ މެދުތެރޭގައެވެ. އަދި 2026 ގައި ރިލީޒް ކުރެވޭނެއެވެ. ދީޕިކާގެ ޓީމުން ގަބޫލުކުރާ ގޮތުގައި މިވަގުތު އޭނާ މަންމައެއްގެ ގޮތުގައި އެ ދައުރު އަދާކުރުމުގައި އުފާވެރިކަން ހޯދަމުންދާއިރު، ވަގުތު ޖެހުމުން ރަސްމީކޮށް އިއުލާނު ކުރާނެއެވެ.