
ޖޭއެސްސީން ޑރ. އަޒްމިރާލްދާގެ ދެ މައްސަލައެއް ބަލަމުންދާއިރު، ފުރަތަމަ މައްސަލަވެސް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އަޒްމިރާލްދާގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.
ނަމަވެސް، ކޮމިޝަނުން ނިންމާފައިވަނީ އަޑުއެހުން އާންމުކޮށް ހުޅުވައިނުލާށެވެ. އަޒްމިރާލްދާގެ ގާނޫނީ ވަކީލް މިއަދު ވިދާޅުވީ، ދެވަނަ މައްސަލަވެސް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އަޒްމިރާލްދާ އެދިވަޑައިގެންނެވި ނަމަވެސް އެ ފުރުސަތު ނުދޭން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މީގެކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލަތަކުގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލަ އަދި ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ އެކު މި ދެ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އޭސީސީންވެސް ތަހުގީގު ކުރާއިރު، އެ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.