ads
މަސްދަރު ހިމާޔަތްކުރުމަށް ގޮވާލައި ނޫސްވެރިން އަޑުއުފުލަނީ - ފޮޓޯ:އެމްޖޭއޭ
ރައީސް އިންޒާރު ދިނުމަކީ ނޫސްވެރިކަމުގެ ހައްގަށް ހުރަސް އެޅުން: އެމްޖޭއޭ
ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް، ދިވެހި ނޫސްވެރިންގެ ޖަމުޢިއްޔާ (އެމްޖޭއޭ) އިން ބުނެފިއެވެ.
Advertisement

އެމްޖޭއޭ އިން މިރޭ ވަނީ އަދަދު ނޫހުގެ އެޑިޓަރު އަދި ސީއީއޯ ހުސެއިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައިގައި ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ،  މިފަދަ އިންޒާރުތަކުގެ ސަބަބުން ފިޔާޒާއި އަދަދު ނޫހުގައި މަސައްކަތްކުރާ އެހެން ނޫސްވެރިންވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، އެ ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެކަމަށެވެ. 

އެމްޖޭއޭ އިން އިތުރަށް ބުނެފައިވަނީ މީޑިއާއަކުން ގެނެސްދޭ ހަބަރެއް ނުވަތަ ކޮންޓެންޓެއްގައި ގޯހެއްވާނަމަ، އެކަމެއް ހުށަހަޅަން ޖެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަކީ އެމްޖޭއޭ އިން އަބަދުވެސް ބާރުއަޅާ ގޮތްކަމަށެވެ. 

"އެނޫން ގޮތްގޮތަށް ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދިނުމަކީ އެމްޖޭއޭ އިން ކުށްވެރިކުރާ ކަމެއް،" ކަމަށް ބުނެފައިވެއެވެ. މިކަމާ ގުޅިގެން އަދަދު ނޫހުން ވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އެމްޖޭއޭ އިން ފާހަގަކޮށްފައިވެއެވެ.

ދިވެހި ނޫސްވެރިންގެ ޖަމުޢިއްޔާއިން ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާފައިވަނީ މި މައްސަލަ އިންސާފުވެރިކަމާއެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދިނުމަށެވެ. 

މީގެއިތުރުން އަދަދު ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރު މަތިން ލިބިފައިވާ އިންޒާރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު، އެ ކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީވެސް އެމްޖޭއޭ އިން ކަންބޮޑުވާ ކަމެއްކަމަށް ބުނެފައިވެއެވެ.

އެމްޖޭއޭ އިން މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެ އޮފީހުގެ ކޮމިއުނިކޭޝަންގެ އިސްވެރިން އެމްޖޭއޭ އަށް އެއްވެސް ޖަވާބެއް މިހާތަނަށް ދެއްވާފައި ނުވާކަމަށް ބުނެފައިވެއެވެ. މިކަމާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް