
މި މިސްކިތް ނިސްބަތްވަނީ އައްސުލްތާން އަލީ 6 ސިރީއައުދަ ސިއާކަ ކައްތިރި މަހާރަދުންނަށެވެ. މި މަހާރަދުން ރާއްޖޭގައި ރަސްކަންކުރެއްވީ މީލާދީން 1557 އިން 1558 އަށެވެ. މި ރަދުންނަކީ އަބްދުއްރަހްމާނާއި އަރިއަތޮލޫ ފެރިދޫ ސިއްތި ކަބައިދިކިލެގެ ދަރިކަލުންނެވެ.
މި ރަދުން ރަސްކަންކުރައްވާތާ 12 މަހާއި 15 ދުވަސް ވީތަނާ މާލެއަށް ޕޯޒްގީޒުން ލަސްކަރެއް އައިސް ދިވެހިނަށް ހަމަލާދިނެވެ. އެ ލަސްކަރާ ހަނގުރާމަކުރައްވަނިކޮށް އަލި ރަސްގެފާނު ޝަހީދުވެޑައިގަތެވެ. މިރަދުންނަކީ ތާރީހުގައި އަޅުގަނޑުމެން ކިޔަމުން މި އަންނަ ޝަހީދު އަލި ރަސްގެފާނެވެ.
މި ރަދުން ޝަހީދުވީ 965 ވަނަ އަހަރުގެ ޝައުބާންމަހުގެ އެއްވަނަ ދުވަހެވެ. އެއީ 18 މޭ 1558އެކެވެ. އެ ރަދުން އަވަހާރަވި ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ޝަހީދުންގެ ދުވަހުގެ ގޮތުގަ އެވެ. އެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެއްޓުނީ 1980ގެ ތެެރޭގަ އެވެ.
ފޯޗްގީޒުންނާއި ކުރި ހަނގުރާމާގއި އަލި ރަސްގެފާނު ޝަހީދު ވުމުން އެބައިމީހުން ރާއްޖެއަށް ވެރިވަގެތެވެ. އަދި އެބައިމީހުންގެ އަނިޔާވެރިކަން ރާއްޖެއަށް އާއްމުވެގެންދިޔަ އެވެ.
ޝަހީދު އަލީ މިސްކިތް މީހާރު ފެންނަ ހުރިގޮތް
މި މިސްކިތަކީ މައްޗަންގޮޅު ބޮޑުގަލު މިސްކިތް އުވާލުމާއި ގުޅިގެން އެލި މިސްކިތެކެވެ. މިސްކިތުގެ ބިންގާ އެޅީ 3 މޭ 1976 ގައެވެ. ބިންގާާ އަޅުއްވާދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮންރަބަލް އަލްއުސްތާޒު އިބްރާހިމް ޝިހާބްއެވެ.
މި މިސްކިތް ބީނާކޮށްފައިވަނީ އޭރު އެ ސަރަހައްދުގެ މޫދުން ހިއްކި ބިމުގައެވެ. މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރީ މިނިސްޓްރީ އޮފް ފިނޭންސްގެ ޕެންޝަން އެންޑް ރެލިޖަސް ފަންކްޝަންސް ޑިވިޝަނުންނެވެ.
މިސްކިތުގެ މަސައްކަތް ނިންމާ މިސްކިތް ހުޅުވީ 11 ސެޕްޓެމްބަރު 1976 ގައެވެ. މިސްކިތް ހުޅުއްވާދެއްވީ ޖަސްޓިސް މިނިސްޓަރު ފަޞީލަތުއް ޝައިހް އަލްއުސްތާޒު މޫސާ ފަތުހީ އެވެ.
މީ މިހާރު މާލޭގައި ފެންނަ ހުރި މިސްކިތްތަކުގެ ތެރެެއިން ރީތި ކުރެހުމަކަށް ބިނާކޮށްފައިވާ އެއް މިސްކިތެވެ. މިހާރު މި މިސްކިތައްވަނީ ދެބުރިއަށްް ބިނާކޮށް ފިރިހެންނުންނާއި އަންހެނުނަށް ނަމާދުކުރާނެ ޖަގާ މިސްކިތަށް އިތުރުކޮށްފަ އެވެ.