ads
ހުޅުމާލޭގައި ހެދި ބެކަޕް އިންޖީނުގެ ގޭގެ ޖަނަރޭޓަރެއް ކުންފުނީގެ އެމްޑީ ފަހުމީ ސްޓާޓްކޮށްދެއްވަނީ
މާލޭގެ ކަރަންޓް ކެނޑުނަ ނުދޭން ބެކަޕަކަށް ހުޅުމާލޭގައި އިންޖީނުގެއެއް
މިއަހަރުގެ ޕީކް ދުވަސްވަރަށް ތައްޔާރުވުމަށާއި، ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ސްޓެލްކޯ ހުޅުމާލެ އެނެކްސް 2 އިންޖީނުގެ ހުޅުވައިފިއެވެ.
Advertisement

ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް 2 ހުޅުވާދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. މި ތަން ހުޅުވާދެއްވުމުގެ ގޮތުން އެމްޑީ ފަހުމީ ވަނީ  އެ އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ސްޓާޓްކޮށްދެއްވާފައެވެ. 

މި ތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މީ ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ނިންމާލީ ގައުމީ ބޮޑު މަސައްކަތެއްކަމަށެވެ. 

އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާ ހަމަޔަށް ތައްޔާރުކޮށްފައިވާކަން ފަހުމީ ފާހަގަކުރެއްވިއެވެ. އަދި އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމައަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސްކަންވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ. 

" ރޯދަ މަހުގައި ދޭހާ އައްވާއި، ވިއްސާރައަށް ބެލުމެއްނެތި، އަދި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި. މީގެ އިތުރުން ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުން ވަނީ ކޮށްފައި." މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވަމުން ފަހުމީ ފާހަގަކުރެއްވިއެވެ.

your imageހުޅުމާލެ އިންޖީނުގެ އެނެކެސް 2 ހުޅުވުމުގެ ތެރެއިން 

މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި، ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވި ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭކަމަށް ފަހހުމީ ވިދާޅުވިއެވެ. 

" ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރަށް ކަމަށް. މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ފޯރުކޮށްދޭ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނަކަމަށެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއްގައިވެސް، ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް ފަހުމީ ވިދާޅުވިއެވެ. 

ހުޅުމާލޭ އިންޖީނުގެ އެނެކްސް 2 ގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ. އެތަނުން މި ވަގުތު 7 ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަން ކޮށްފައިވާކަމަށާއި އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް 2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް