
ކައުންސިލަރުންގެ ތެރެއިން ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލެއްވީ ވެސް އަރީޝް އެކަންޏެވެ. އިންތިހާބުގައި 16 ކައުންސިލަރުން ބައިވެރިވިއިރު، އަރީޝް އެ މަގާމަށް ހޮވީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އަރީޝް ސިޓީ ކައުންސިލަށް ހޮވިވަޑައިގަތީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމަށް ވަޑައިގަތުމުން އޭނާ ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.
މާލޭ ސިޓީއަށް އާ ޑެޕިިއުޓީ މޭޔަރު މި ހޮވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި ކައުންސިލަރު ކަމުން މިމަހުގެ 12 ވަނަދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
ނަރީޝް ވިދާޅުވީ ޑެޕިއުޓީ މޭޔަރުކަމުން އިސްތިއުފާދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް އޭނާ ދެން ގުޅިވަޑައިގަންނަވަނީ ސަރުކާރުގެ ކޮން އިދާރާއަކާއި ކަމެއް ވިދާޅެއްނުވެއެވެ.