
މިނިސްޓަރުގެ މި ދަތުރަކީ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައިސީނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއްކަމަށް ފޮރިން މިނިސްޓްރީން ބުނެެއެވެ.
ދެ ދުވަހަށް ކުރިޔަށްދާ މީ ފޯރަމްގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންއެއްގައި މިނިސްޓަރު ވާހަކަ ދައްކަވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވެފައިވާ ނާޒުކު މައްސަލަތަކާ ބެހޭގޮތުންވެސް މިނިސްޓަރު ހަލީލް މި ފޯރަމްގައި ވާހަކަ ދައްކަވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންޑިޔާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރައިސީނާ ޑައިލޮގަކީ ބައިނަލްއަގުވާމީ ސިޔާސަތާއި ސްޓްރެޓެޖިކް މަޝްވަރާތަކަށް ހާއްސަކޮށްފައިވާ ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ފޯރަމެވެ.
މިނިސްޓާރުގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރާއި ބައްދަލުކުރައްވަން ހަަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މި ފޯރަމްގައި ބައިވެރިވާ އެހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާވެސް މިނިސްޓާރު ހަލީލް ބައްދަލުރެއްވުމަށް ހަމަޖެހިފައިވާކަަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.