
އުމުރުން ދުވަސްވުމާ ގުޅިގެން ދިމާވި އެކިއެކި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އޭނާ ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައިވީ ނަމަވެސް، އޭނާ މަރުވެފައިވަނީ ވަކި ކޮން ބައްޔަކާ ހުރެ ކަމެއް އާއިލާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނިޔާވިއިރު އުމުރުން 91 އަހަރުގެ އަޗްޔުތުގެ ކެރިއަރު ފެށުނީ އިންޑިއާގެ އަސްކަރިއްޔާގައި ކެޕްޓަނެއްގެ ގޮތުގަ އެވެ. އޭގެ ފަހުން، ޕްރޮފެސަރެއްގެ މަގާމުގައި މަސަތްކަތް ކުރުމަށްފަހު، އިންޑިއަން އޮއިލް ކޯޕަރޭޝަންގައި ކޯޕަރޭޓް މަގާމެއްގައި 25 އަހަރު ވަންދެން މަސައްކަތް ކުރިއެވެ.
އަޗްޔުތުގެ އެކްޓިން ކެރިއަރުގައި 125 އަށްވުރެ ގިނަ ފިލްމާއި 100 އަށްވުރެ ގިނަ ޓެލެވިޒަން ސީރީސްތަކުގައި ތަފާތު ދައުރުތައް އަދާކޮއްފައިވެ އެވެ. އޭނާގެ އެންމެ މަޝްހޫރު އަދި ކާމިޔާބު ދައުރުތަކުގެ ތެރޭގައި "3 އިޑިއަޓްސް" ފިލްމުގެ ޕްރޮފެސަރުގެ ރޯލް ހިމެނެއެވެ. މީގެ އިތުރުން، "ޕަރިނީތާ"، "ލަގޭ ރަހޯ މުންނާ ބާއީ" އަދި "ދަބަންގް 2"، ފަދަ ބޮޑެތި ހިޓް ފިލްމުތަކުގައިވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ރޯލް ތަކެއް ކުޅެފަ އެވެ.
އަޗްޔުތުގެ މަރުވުމާ ގުޅިގެން، ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުން އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖު ފޮނުވާފައިވެއެވެ. މިގޮތުން، ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާ ބުނެފައި ވަނީ އަޗްޔުތު ފަދަ ތަޖުރިބާކާރު އެކްޓަރަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމުގަ އެވެ.