
މެންބަރު އައްބާސް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލް ޖުމްހޫރިއްޔާ އަލުން މަޖިލީހަށް ފޮނުއްވި މައްސަލައަށް ބަހުސްކުރަމުންނެވެ.
މެންބަރު އައްބާސް ފާހަގަކުރެއްވި ގޮތުގައި މި ބިލު ފާސްކުރިއިރުވެސް، އެއީ ގާނޫނު އަސާސީއާ ހިލާފު ބިލެއްކަން އެނގޭ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ވެސް މިކަން ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ އެ ބިލު ފާސްކުރުމަށްފަހު، ޖުޑީޝަލް ސާވިސް ކޮމިޝަންގައި ބައްދަލުވުމެއް ބާއްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ހުއްޓުވާލި ކަމަށާއި، އެ މައްސަލަ ހުއްޓުވާލީ އިންސާފުވެރިކޮށް ނޫން ކަމަށެވެ. ޖޭއެސްސީން އެ ދުވަހު ބެލީ އެދުވަހުން ދުވަހަށް ހިނގާދިޔަ މައްސަލައެއް ނޫން ކަމަށާއި، އެއީ މާކުރިން ހިނގާފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު އައްބާސް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާ ކޮމިޝަނަކަށްވާން ޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރާ ބިލު ބާތިލް ކުރަންޖެހޭ ކަމަށާއި، އެބިލު ކޮމެޓީއަށް ފޮނުވަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެން ނޫން ކަމަށްވާނަމަ އެ ބިލު އޮންނާނީ އަބަދުވެސް ފަނޑިޔާރުންނަށް ބިރު ދައްކާ ބިލެއްގެ ގޮތުގައި ކަމަށެވެ.