
މި ނިޒާމަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ބޭނުންކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަކަތައިގެ ދާއިރާއަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވެދޭ ނިޒާމެއްކަމަށް ވަނީ ބުނެފަ އެވެ.
ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ޓައިވާނުގެ މަޝްހޫރު "ގޮގޯރޯ" ބްރޭންޑްގެ އެޑްވާންސްޑް ބެޓެރީ މެނޭޖްމަންޓް ނިޒާމު ރާއްޖެއަށް ތައާރަފްކޮށް، މާލޭގެ އެކި ސަރަހައްދުތަކުގައި ބެޓެރި ސިސްޓަމްތައް ގާއިމްކުރެވޭނެކަމަށެވެ. އަދި އެ ނިޒާމާ ގުޅޭ ސައިކަލުތައް ރާއްޖެއަށް އެތެރެކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވިގެންދާނެކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯއިން އިލެކްޓްރިކް އުޅަނދުފަހަރަށް ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ޓެސްޓް ރައިޑްކޮށް، އަޖުމަ ބެލުމުގެ ފުރުސަތު ހުޅުވާލުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން "ގޮގޯރޯ" ބްރޭންޑްގެ ސައިކަލުތަކެއް ރާއްޖެގެނެސް ޓެސްޓްކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފަ އެވެ.
މި ނިޒާމުގެ ސަބަބުން އިލެކްޓްރިކް އުޅަނދުތަކަށް ލޯބިކުރާ ފަރާތްތަކަށް ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އެނަރޖީ މެނޭޖްމަންޓް ސިސްޓަމާއި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭނީވެސް ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކުން ކަމަށްވާތީ، މިއީ ސަރުކާރުން އަމާޒުހިފާފައިވާ 33 ޕަސަންޓުގެ އިޔާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އިލެކްޓްރިކް އުޅަނދުތައް ރާއްޖޭގައި އިތުރުވުމުން މާލޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި، މުޖުތަމައުގެ ސިއްހަތަށްވެސް ފައިދާކުރާނެކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ. ތިމާވެއްޓާ ރައްޓެހި، ރައްޔިތުންނަށް ފައިދާކުރަނިވި މިފަދަ ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއްކަމަށްވެސް ވަނީ ބުނެފަ އެވެ.