
މި މަޝްރޫއުގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ޑިޒައިން ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީން ބުނިގޮތުގައި މިހާރު ކުރެންދޫ ހައުސިންގ ޔުނިޓުތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމި، ފްލެޓުތަކުގައި ކުރަންޖެހޭ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތް ކުރިއަށްދަނީއެވެ.
އެއް ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުރެންދޫގައި ތަރައްގީކުރަމުންދާ މި މަޝްރޫއަކީ 10 ފަންގިފިލާގެ އިމާރާތެކެވެ. އެ ހައުސިންގ ޔުނިޓްތަކުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމް ހިމެނޭނެއެވެ. މީގެ އިތުރުން ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް، ޔުނިޓްތައް ވަށައިގެން އަލިކުރެވޭނެކަމަށާއި، ޕާރކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ގާއިމްކުރާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.
ކުރެންދޫގައި ކުރިއަށްދާ 50 ހައުސިންގ ޔުނިޓުގެ މަޝްރޫއަށް ސަރުކާރުން 95 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެއެވެ. މަޝްރޫއުގެ މަސައްކަތް ނިމުމުން އެރަށުގެ ގެދޮރުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.