
ހައުސިން އެންޑް ކޮންސްޓަކްޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ސްކީމަށް އެދި ހުށަހެޅުމުގެ ސުންގަޑި އޭޕްރީލް 30 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
"ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ހުށަހަޅާ މި ލޯނު ސްކީމަކީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން އިސްލާމިކް ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް މިދިޔަ ނޮވެމްބަރު މަހު އިފްތިތާހުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ މާލީ ދަތިކަން ހުރުމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން ނުފެށިފައިވާ ނުވަތަ ފަށައިގެން ނުނިމި ހުރި ފަރާތްތަކަށް އެހީތެރިވުމެވެ.
މި ސްކީމްގެ ދަށުން ތިން ބާވަތެއްގެ ލޯނު ދޫކުރެއެވެ. އެއީ އަތޮޅުތެރޭގެ ރަށްރަށަށް އަމާޒުކުރެވިފައިވާ "ހިޔާވެހި ރަށްވެހި"، އާބަން ސެންޓަރުތަކަށް އަމާޒުކުރެވިފައިވާ "ހިޔާވެހި ސަހަރު" އަދި މާލެ ސަރަހައްދަށް އަމާޒުކުރެވިފައިވާ "ހިޔާވެހި ފުރަމާލެ" އެވެ. މި ލޯނުތައް ދޫކުރެވެނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް 5 ޕަސަންޓް އިންޓަރެސްޓްގައެވެ.
ލޯނު ދޫކުރުމުގެ މަސައްކަތް ތިން ބޭންކެއް މެދުވެރިކޮށް ކުރިއަށް ގެންދެއެވެ. އެގޮތުން މާލެ ސަރަހައްދަށް ބީއެމްއެލް އަދި އިސްލާމިކް ބޭންކުން ލޯނު ދޫކުރާއިރު، އަތޮޅުތެރޭގެ ރަށްތަކަށް އެޗްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރެއެވެ. "ހިޔާވެހި ފުރަމާލެ" ކެޓަގަރީގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުގައި ގެދޮރު އިމާރާތްކުރުމަށް 6 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާއިރު، 600 އަކަފޫޓަށްވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް 10 މިލިއަން ރުފިޔާއަށް އަރައެވެ.
ގެދޮރުވެރިކަމަށް ކުޑަ އިންޓްރެސްޓްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، ހައުސިން މިނިސްޓްރީން ބުނެފައިވަނީ، މި ފުރުސަތު އިތުރުކުރުމުން، އިތުރު ފަރާތްތަކަށް މި ސްކީމުގެ ފައިދާ ލިބިގެންދާނެއެވެ.