ads
ހިރިލަންދޫ ބިންހިއްކައި ނިމުން
150 މިލިއަން ރުފިޔާގެ ހަރަދުކުރި ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމިއްޖެ
ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކަށް އައިސްފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
Advertisement

މިގޮތުން 150 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ތ. ހިރިލަންދޫގައި 1200 އަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރުގެ މެއި މަހު މަސައްކަތް ފެށުނު ނަމަވެސް، އެމްޓީސީސީގެ ޑްރެޖަރަށް މައްސަލަތަކެއް ދިމާވުމާ ގުޅިގެން މަސައްކަތް ވަނީ ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައެވެ. އަދި މަސައްކަތް އަލުން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

މި މަޝްރޫއުގެ ދަށުން ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މީގެ އިތުރުން، ހިއްކާފައިވާ ސަރަހައްދުގެ އެންމެ ކޮޅުގައި ބީޗެއް ހެދުމަށްވެސް ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ހިރިލަންދޫއަކީ ފައިބަރު މަސައްކަތާއި، މަސްވެރިކަމާއި މަސް ކައްކައިގެން ނަފާ ހޯދުންފަދަ އިގްތިސާދީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގާ ރަށެކެވެ. ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަކީ މި މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އޮތް ބޮޑު ހުރަހަކަށްވެފައިވާއިރު، ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން، ވިޔަފާރީގެ އިތުރު ފުރުސަތުތައް ރަށުގައި އިތުރުވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު މެދުކަނޑާލިއިރު، ހިއްކާ ސަރަހައްދުގެ ބައުންޑް ވޯލް ޖަހާ، ވެލިއެޅުން ފިޔަވާ އެހެން ހުރިހާ މުހިންމު މަސައްކަތްތައް ނިންމާލާފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މިހާރު މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިމި، ރަށުގެ ބިމުގެ ބޮޑުމިން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް