ads
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ މަސައްކަތް ނިމިފައި
ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު ދެ ހަފުތާގެ މުއްދަތު ދީފި
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
Advertisement

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ސަރުކާރު ބަންދަށް ދާތީ މި މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މަހުގެ ނިޔަލަށް ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މާދަމާއިން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިތުރުކުރަން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. މިއީ ކުރިން ކަނޑައަޅާފައިވާ މުއްދަތަށްވުރެ އިތުރު ދެ ހަފުތާގެ މުއްދަތެކެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ، ކުރީ ސަރުކާރުގައި އިއުލާނުކުރި ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިން އިރު، ޝަރުތު ހަމަވާ ކަމަށާއި ޝަރުތު ހަމަނުވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލްއަށް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިނިސްޓްރީން ބުނެފައިވަނީ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި، ސަރުކާރުގެ އިދާރާތަކުގައި ޗެކުކުރެވެން ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ، އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވި 1,820 މީހުންގެ ލިސްޓު މިދިޔަ މަހު އާންމުކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވި 397 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވި 1,423 މީހުންނެވެ. ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓުމެންޓަށް 4,939 މީހުންނާއި ތިން ކޮޓަރީގެ އެޕާޓުމެންޓަށް 3,721 މީހުން ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ހައުސިން މިނިސްޓްރީން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޕޯޓަލްގެ ތެރެއިން ތަފްސީލާއެކު ޝަކުވާ ހުށަހެޅުމަށް އެދިފައިވެއެވެ. މިނިސްޓްރީން ބުނެފައިވަނީ ޝަކުވާތަކަށް ބަލައި ކަންބޮޑުވުންތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް