
ޑިފެންސް މިނިސްޓްރީން މިއަދު ވަނީ ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަރް ދިނުމުގެ އުސޫލެއް އާއްމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން ނޮވެމްބަރު ތިނެއްގައި ޝަހީދުވި ސިފައިންގެ މީހުންގެ މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާ އަށް އިނާޔަރް ދޭންކަމަށް ވަނީ ބުނެފައެވެ.
އެގޮތުން އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ހުރަވީ ރަން މެޑަލް ލިބުނު ކޮންމެ މީހެއްގެ އާއިލާގެ މެމްބަރުންނަށް މަހަކު 9000 ރުފިޔާގެ އިނާޔަތެއް ދޭނެކަމަށް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި އިނާޔަތް އެމީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު ލިބެމުން އަންނާކަމަށް ޑިފެންސް މިނިސްޓްރީން އާއްމުކުރި އުސޫލުގައިވެއެވެ.
މީގެ އިތުރުން އެދުވަހު ދެއްކި ހިތްވަރަށް ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންގެ އާއިލާތަކަށް މަހަކު 8،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ނޮވެމްބަރު 3 ގައި ޝަހީދު އާއިލާތަކަށް މީގެކުރިންވެސް އައީ ސަރުކާރުން އެލަވަންސެއް ދެމުންނެވެ. އެހެންނަމަވެސް އެ އެލަވަންސް ބޮޑުކޮށްދެއްވާނެކަަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވައުދުވެޑައިގެންފައެވެ. އަދި ޝަހީދުންގެ އާއިލާތަކަށް 50 ޔުނިޓްގެ ހައުސިން އިމާރާތް ކޮށްދެއްވާނެކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ދިވެހިން ބަޔަކު އިސްވެ ތިބޭ ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން އައިސް ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ސިފައިންގެ 8 ބޭކަލުންނާއި އާއްމުންގެ 11 މީހަކެވެ.