
އިންޑިއާގައި ބޭއްވުނު ރައިސިނާ ޑައިލޮގްގައި ބައިވެރިވުމަށް ނިއުދިއްލީގައި ހުންނެވި ނަޝީދު، ދަ ޕްރިންޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއާއެކު ވެފައިވާ އެފްޓީއޭއިން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުވާކަމަށެވެ.
ޗައިނާއާއެކު ވެފައިވާ އެފްޓީއޭ މި އަހަރުގެ ޖެނުވަރީ 1 ވަނަ ދުވަހުން ފަށައިގެން ވަނީ ތަންފީޒު ކުރަން ފަށާފައެވެ.
މި އެއްބަސްވުން 2014 ގައި ސޮއިކުރެވި، 2017 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނެވެ. ނަމަވެސް 2018 ގައި އެމްޑީޕީ ވެރިކަމުގައި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މި އެއްބަސްވުން ހުއްޓުވާލިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މިހާރުގެ ރައީސް މުހައްމަދު މުއިއްޒު 2023 ގައި ވެރިކަމާ ހަވާލުވުމަށްފަހު މިއަހަރު މި އެއްބަސްވުން ތަންފީޒުކުރަން ހުއްދަދެއްވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ މިހާރު ދަރަނީގެ ބޮޑު ހިރާސްއެއްގައި ޖެހިފައިވާކަމަށާއި، އިންޑިއާއަށް މިކަމުގައި އެހީތެރިވެދެވިދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
އޮކްޓޯބަރުގައި ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އަލުން ރަނގަޅުކުރުމަށް އެއްބަސްވެވުނެވެ. އަދި އިންޑިއާއިން ރާއްޖެއަށް 750 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ ކަރަންސީ ސްވޮޕް އެއްބަސްވުންތަކެއް ދިނުމަށް ވައުދުވިއެވެ.
އިންޑިއާ އައުޓް ކެމްޕޭނަށް އިޝާރަތް ކުރައްވައި، ނަޝީދު ވިދާޅުވީ މުއިއްޒުގެ ސަރުކާރު ފެށިގެން އައީ ވަރަށް ނުބައި ފެށުމަކުން ކަމަށާއި، ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ އާންމު ޝުއޫރަކީ އެއީ ނޫންކަމަށެވެ. އެހެންކަމުން، އިންޑިއާއާ ދޭތެރޭ އޮންނަ ގުޅުން ރަނގަޅުކުރުމަށް އެހާ އުނދަގޫ ނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.