
ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި ފުވައްމުލައްގައި މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުންގެ ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ދަށުން، އެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގަނެ، އިސްކޮށް ހަރަކާތްތެރިވި ޏ.ފުވައްމުލައް، ދޫޑިގަން. ޒަމާނީގެ، ޙަސަން ޢާޒިމާއި، ޏ.ފުވައްމުލައް، ދޫޑިގަން. ކަރަންކާވިލާ، އަޙްމަދު ނިއުޝާދުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ކަމަށެވެ.
ޕީޖީން ބުނި ގޮތުގައި ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ، ގަނޑުކޮށް، ހަސަން އާޒިމްއާއި، އަހްމަދު ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުން، އެކަން އިތުރަށް ބެލިއިރު، ހަސަން ޢާޒިމް އިސްވެހުރެ، އަހްމަދު ނިއުޝާދު އާއެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވާކަމާއި، އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާތީއާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، 01 އޮގަސްޓު 2024 ދުވަހުގެ ނިޔަލަށް މި ނެޓްވޯކު ހިންގައި، މި ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާ ކަމަށެވެ.
ހަސަން އާޒިމްގެ މައްޗަށް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކޮސްފައިވަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން މީނާގެ އެކައުންޓުތަކަށް ޖަމާކުރި ފަސްމިލިއަން ނުވަލައްކަ ނުވަދިހަ އަށެއްހާސް ހަސަތޭކަ ނުވަދިހަ ހައެއްރުފިޔާ ފަސްދޮޅަސް ލާރިއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ މީނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށެވެ.