
"ފުރަތަމަ އަހަރެން ބޭނުމީ ރިދީގެ އިތުބާރު ހާސިލްކުރަން" ރިދީގެ ނިއްކުރީގައި ތުންފަތް ޖައްސައި ބާރުކޮށްލލަމުން އަހަރެން ބުނީމެވެ.
ހިތަށްވެރިވީ ނުތަނަވަސްކަމެކެވެ. އެނބުރި ގެއަށް ދިއުމުން ދެންވާނީ ގޮތަކާއިމެދުގަ އެވެ. އެތަނުގައި ތިބޭ 'ތިން ބޮޑީގާޑުން'ގެ ކިބައިން ރިދީ މިންޖުކުރާނެ ފޮމިއުލާއެއް އަހަރެން ބޭނުމެވެ. އެމީހުން ރިދީއާއި 'ގާތްވުމަކީ' އަހަންނަށް ކެތްވާނެ ކަމެއް ނޫނެވެ. އެކަން ބަދަލުކުރާނަމެވެ. މިއީ ހަމައެކަނި އަހަރެންގެ ރިދީއެކެވެ. އަހަރެންގެ ކުށް ގަބޫލުކުރަމެވެ. އެކަމަކު ދެވަނަ ފަހަރަށް އޮޅިގެންވެސް އެއިން ކުށެށް ތަކުރާރުކުރާކަށް ބޭނުމެއް ނޫނެވެ. ދުވަހަކުވެސް އެފަދަ ގޯހެއް ދެނެއް ނުހަދާނަމެވެ.
އަހަރެންގެ ހަރުކަށިކަމާއެކު ރިދީއަށް ނިސްބަތްކޮށް ބުނެފައިވާ އިހާނެތި އިބާރާތްތަކުން ސިކުނޑިއަށް އުނދަގޫވި އެވެ. ކުރީގެ އެތައް ހަނދާނަކުން ސިކުނޑި ހަލަބޮލިވި އެވެ.
އަހަރެންގެ އަމިއްލަ ހާލަތާމެދުގައި ބިރުގަތެވެ. އަހަރެންގެ ކުށުގެ ސަބަބުން ނުވަތަ އަހަރެންގެ އެ އަމަލުތަކުގެ ސަބަބުން އެހެން މީހެއްގެ އެހީތެރިކަމަށް އަނެއްކާވެސް ރިދީ ބޭނުންވެދާނެ އެވެ. އެވަގުތެއްގައި އަހަރެންގެ ބަދަލުގައި ރިދީގެ ހަޔާތުގައި ހުންނާނީ އެހެން މީހެކެވެ. ނުވަތަ އެހެން ބައެކެވެ. އަހަންނަކީ ހަމައެކަނި މަންޒަރުދެކި ކުޅިބަލައި މީހަކަށް ހުންނާން ޖެހުމަކީ ކެތްވާނެ ކަމެއް ނޫނެވެ. އެފަދަ ހާލަތެއް ހިތަށް އެރިޔަސް ހިތް ބިރުގަނެ އެވެ. ވެދާނެ ގޮތް ހިތަށް އެރުމުން ހީބިހި ނަގަ އެވެ.
ނުތަނަވަސްކަމުގައި ލޯ މަރައިލެވުނެވެ. އެހެން އެއްވެސް މީހެއްގެ އަތުތެރޭގައި ރިދީވަނިކޮށް ދުށުމުގެ ގާބިލލުކަމެއް އަހަރެންގެ ލޮލަކަށް ލިބިފައެއް ނުވެ އެވެ. އާއެކެވެ. ޒައްރެއްގެ މިންވަރަށްވެސް ރިދީ އެހެން އެއްވެސް މީހަކާއި ހިއްސާއެއް ނުކުރެވޭނެ އެވެ. ރިދީއަށްޓަކައި އަހަރެންމެ ލޯތްބަކީ މިއީ އެވެ. މިއީ ލޯބިކަމެއް ނުވަތަ އެހެން އެއްޗެއްކަމެއް ނޭގެ އެވެ. މިގޮތުގައި ރިދީއަށް އަހަރެންގެ ލޯބި އަބަދުވެސް ހާއްސަވާނެ އެވެ. އިހްތިޔާރެއް އޮތްނަމަ ވައިރޯޅިއެއްވެސް ރިދީގެ ހަށިގަނޑުގައި ބީހުނަ ނުދޭނަމެވެ.
އަހަރުމެން ދެމީހުންގެ ނިއްކުރި ޖައްސާލައިގެން ލޯ މަރާލައިގެން ތިބީމެވެ. ބައެއް ފަހަރު ނޭފަތް ބީހިލަ އެވެ. ދެމީހުންގެ ނޭވާއިން އެކަކު އަނެކަކުގެ އިހްސާސްތައް ހިއްސާކުރަމުން ދިޔައީމެވެ.
"ޔޫ-އާރ-މައިން!" އިންޒާރުގެ ރާގުގައި އަހަރެންގެ ހައްގުގެ އަޑު އިއްވާލީމެވެ. ލިބުނު ޝޮކުގައި ރިދީގެ ދެ ލޯ ބޮޑުކޮށްލާފައި ބަލައިލި އެވެ.
"ޓެލް މީ ޕްރިންސެސް، ޔޫ- އާރ- މައިން! ޕްލީޒް!" އަހަރެން އާދޭސްކުރީމެވެ.
ދެ ލޯ މަރައިލާފައި ރިދީ ބައްދާލި އެވެ. އިރުކޮޅަކު ހުރެލުމަށްފަހު އަހަރެންގެ ހިތާއި ދިމާލުގައި ނިއްކުރި ޖައްސާލި އެވެ.
"އައި އެމް ޔޯރސް، މޮންސްޓަރ، އޮންލީ - ޔޯރސް...!" އަހަރެންގެ ހަށިގަނޑުގައި ލެއްވި ހުރިހހައި ސެލްއެއް މައިތިރިކޮށްލަމުން ރިދީ ބުނެލި އެވެ. އެއަޑު އައީ ހިތްގައިމު މިއުޒިކެއްގެ ގޮތުގަ އެވެ.
އަހަރެންގެ ހިތުގެ އަމާންކަމާއި ހިމޭންކަމާއި ހަމަޖެހުމާއި އުފާވެރިކަންވަނީ އަހަރެންގެ އިސްކޮޅަށްވުރެން ދެބައިކުޅަ އެއްބައި ކުރު އަޖައިބެއްފަދަ މި އަންހެން ކުއްޖާގެ ކިބައިގަ އެވެ. މިއީ އަހަރެންގެ ފުރާނަ އެވެ. އަހަރެންގެ ހިތުގެ ވިންދެވެ. މޮންސްޓަރއަކުން އިޝްގީލޯބީގައި ދީވާނާއަކަށް އަހަރެން ބަދަލުކުރުމުގެ ކުޅަދާނަކަން ހަމައެކަނި ލިބިފައިވާ އިންސާނަކީ މި ހާއްސަ އަންހެން ކުއްޖާ އެވެ. މިއީ އަހަރެންގެ އަރާމާއި އުފަލެވެ.
"އީތަން؟" ރިދީ ގޮވާލި އެވެ.
ތަފާތުގޮތަކަށް ލޮލުން އިޝާރާތްކުރަމުން ރިދީ އަހަންނާއި ދިމާއަށް ބަލައިލި އެވެ. ނުހަނު ލޯބިން އަތް އުފުލާލާއި އިޝާރާތްކޮށްލީ ގާތަށް އައުމަށެވެ. ވާނުވާގައި ހުރެފައި އަހަރެން ކުރިއަށް ފިޔަވަޅެއް އަޅައިލީމެވެ. ރިދީގެ މޫނު އަހަންނާއި ގާތްކޮށްލި އެވެ. ކުރެވުނު އިހްސާސްގައި ދެ ލޯ މަރައިލެވުނީ ހުވަފެނީ ގޮތަކަށެވެ.
ބީހެމުންދިޔަ މަޑުމަޑު ވައިރޯޅިއާއެކު އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނެގި އެވެ. ދުވަހަކުވެސް ނުވާފަދައަކުން ބޮލުގެ އިސްތަށިތައްވެސް ކޮޅަށް ޖެހުނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މުޅި ހަށިގަނޑު ފިނިވެ، ގަނޑުވެއްޖެ އެވެ. އަހަރެންގެ ކޮލުގައި ރިދީގެ ތުންފަތް ޖައްސާލައި ކިސް ކޮށްލީ އެވެ.
'ލޯންގް ޗީކް ކިސް' މިއީ ފިލްމްތަކުގައި ފެންނަ އަދި އަޑުއިވޭ ވާހަކައެކެވެ. ފިނިފެންމަލުގެ ފިޔައެއްފަދަ އެ މަޑުމަޑު ތުންފަތް އަހަރެންގެ ކޮލުގައި ތަތްކޮށްލީ ހެއްޔެވެ؟ އުފުލުނު ހީނބިހި މައިތިރިއެއް ނުވި އެވެ. މިވަރުގެ އަރާމެއް، މިވަރުގެ ތަފާތު ޖަޒްބާތެއް އަހަރެންގެ ހަޔާތުން ފަންސަވީހާއި ގާތްކުރުމަށް މިކުރާ ދަތުރުގައި ދުވަހަކުވެސް ބައްދަލެއް ނުވެ އެވެ. މިއީ ދުނިޔޭގެ އެންމެ އެންމެ އިޝޝްގީ އިހްސާސް ހެއްޔެވެ؟
މިއަށްވުރެން އަމާން، މިއަށްވުރެން ފުރިހަމަ ލޯބީގެ އިހްސާސެއް އަދިވެސް ވޭ ބާ އެވެ؟ އަހަރެން އަންތަރީސްވެ އާޝޯހްވެއްޖެ އެވެ. ރިދީގެ ޖާދޫގައި އަހަރެން ފަނާވެދާން ދިގު މުއްދަތެއް ބޭނުން ނުވާކަން ކަށަވަރު ވެއްޖެ އެވެ. މީގެ ދޮޅުއަހަރުކުރިން އަހަރެންގެ ކޮލުގައި ރިދީ ކިސް ކުރުމަކީ އާންމު ކަމެކެވެ. އެކަމަކު މިވަރުގެ އިހްސާސެއް ދުވަހަކުވެސް ނުކުރެވެ އެވެ.
ހަގީގީ ލޯތްބަކީ މިއީކަމަށް ވެދާނެ އެވެ. މީގެ ކުރިން ލޯތްބަކީ ކޮބައިކަން އަހަންނަށް އިހްސާސްކުރާން ނޭގެނީ ކަމަށްވެސް ވެދާނެ އެވެ. ނޫނީ މީގެކުރީން އަހަންނަށްޓަކައި ރިދީގެ ލޯބި އިހްސާސްކުރާން އަހަރެން ނުކެޅެދުނީ އެވެ.
ކޮންމެ ގޮތެއްވިޔަސް ވަރިހަމަ އެވެ. މިއީ ރިދީގެ އީތަން އެވެ. އެއީ އީތަންގެ ރިދީ އެވެ. ފަސްއެނބުރި ބެލުމެއް ނެތެވެ. ރިދީގެ ލޯބީގައި ފަނާވާން ޖެހުނަސް، އަހަރެން ތައްޔާރެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް، އަހަރެންގެ އެތެރެހަށީގައި ރަސްކަންކުރި 'މޮންސްޓަރ'ގެ ރޫހު ފަނޑުވެއްޖެ އެވެ. އަހަރެންގެ އެކަނިވެރިކަމުގައި ވިދުވަރު ގެއްލިފައިވި، އުޑުގެ ތަރުތަކުގެ ވިދުން ބަބުޅާލައިފި އެވެ. މުޅި ދުނިޔެ އަހަންނަށްޓަކައި ނުވަތަ އަހަރުމެންގެ ލޯތްބަށްޓަކައި ތާޒާވެ، ބަހާރު މޫސުމުގެ ހިތްގައިމުކަން އިހްސާސްކުރަން ފެށީ އެވެ.
....................
"ހީ ލަވްސް ޔޫ ސްވީޓް ހާރޓް، އީތަންގެ ލޮލުން ތި ލޯބީގެ ބެބުޅުން އަހަރެން ދުށީން..!" އަހަރެންގެ ހިތްހަމަޖައްސައިދިނުމަށް އިކާން މަސައްކަތްކުރި އެވެ.
"އަހަންނަށް އިނގޭ.. އީތަންގެ ލޮލުން އަހަންނަށްޓަކައި، ލޯބި ކިތަންމެ ފަހަރަކު އަހަރެންވެސް ދުށިން.. އެކަމަކު ބުނުމާއި، ނުބުނުމާއި އަޑުއިވުމާއި އަޑު ނޭހުމުގެ ތަފާތު އެއީވެސް އަނެކުންނަށް މުހިއްމު އެއްޗެއް.. އަހަރުމެންގެ އިހްސާސްތައް ބައިވެރިޔާއަށް ބުނެދޭންޖެހެނީ އެހެންވެ! ނޫންތަ؟ އީތަން އަހަރެން ދެކެވާ ލޯބި އަހަންނަށް އެނގޭކަމާއި އެ ލޯބި އަހަންނަށް އިހްސާސްވާކަމަށް އީތަންގެ ހީއަކަށް، އޭނާ ނިންމައިގެން ނުވާނެ!" ދެކޮޅަށް ހިނގަމުން އަހަރެން ވާހަކަދެއްކީ ހިތަށް ތަސައްލީއެއް ހޯދާށެވެ.
އަޑެއް ނީވުމުން ބަލައިލީމެވެ. ވަރަށް ބިޒީކޮށް އިކާންގެ ފޯނުން އޭނާ ކޮންމެވެސް ކަމެއް ކުރަނީ އެވެ. މާސިންގާ ބޮޑު ހިޔާލެއްގެ ތެރެއަށް ގެއްލިފައި ކާމިލް އިނެވެ.
އިތުރަކަށް ކެތެއްނުވި އެވެ. އުނގަނޑުގައި އަތް ވިއްދާލީމެވެ.
ދުނިޔޭގެ އެންމެ ރަހުމުކުޑަ 'ބެސްޓް ފްރެންޑް'އަކީ އަހަރެން ކަމަށްވެސް ވެދާނެ އެވެ. އާކައިވެނީގެ އެންމެ އާރޯ ވަގުތުގައި އަހަރެންގެ ބެސްޓް ފްރެންޑްގެ އަނބިކަނބަލުންގެ އަތުން ޖަހައިގަނެގެން ގެނެސް، އަހަރެންގެ ލޯބީގެ ކުޅިގަނޑު ހަމަޔަކަށް އެޅުވުމަށް ކާމިލް މި ބޭނުންކުރަނީ އަހަރެންގެ ފައިދާއަށެވެ.
އަހަރެން ބޭނުންވި ކޮންމެ ވަގުތެއްގައި އަހަރެންގެ ހިމާޔަތުގައި އަދި އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ކިތަންމެ ވަގުތެއް ހޭދަކުރާންޖެހުނަސް، ގައިސަރް އަދި ކާމިލްގެ ވެސް މައްސަލައެއް ނޯވެ އެވެ. އެމީހުންނާއި ދުރުގައި އަހަރެން ހޭދަކުރި ދިގު މުއްދަތުގެ އެކަނިވެރިކަމަށް ބަދަލުދެނީކަމަށްވެސް ވެދާނެ އެވެ. އަދި އަހަރެންގެ ލޯބީގެ ފަސާނާ ހަމަޔަކަށް އެޅުވުމަކީ ކާމިލްގެ ދިރިއުޅުމުގެ އެންމެ މުހިއްމު ލަނޑުދަނޑިކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު އަހަންނަށް ހަނދާންކޮށްދީފައިވޭ އެވެ. މިވަރުގެ ތެދުވެރި އެކުވެރިން ދުނިޔޭގައި ލިބޭނީ މަދު މީހަކަށެވެ. ކޮންމެ ނަމާދެއްގެ ފަހުގައި މި މާތް ގުޅުން ދެމެހެއްޓެވުން އެދި އަހަރެން ދުއާކުރަމެވެ.
އަހަރެންގެ ހިތުގެ ހުރިހާ ޝަކުވާއެއް މި ދެ ބޮޑީގާޑުންނަށް ހުށަހެޅީމެވެ. އަނބުރާ ލަންޑަންއަށް ދާނީތޯ ނޫންތޯ އަދި އަހަރެން ނުނިންމަމެވެ. އީތަން އަހަރެންދެކެ ލޯބިވާ ކަމަށް ހީކޮށްގެން އަހަރެންގެ ހިޔާލީ ދުނިޔެ މިތަނުގައި އާރާސްތުކުރަން ނިންމުމަކީ ރަގަޅު ވިސްނުމެއް ބާ އެވެ؟ ނޫނީ އީތަން އަހަރެން ދެކެ ލޯބިވާކަމަށް ނުބުނެފިއްޔާ ދެން އަހަރެން ހަދާނީ ކިހިނެއް ބާ އެވެ؟ އަނެއްކާވެސް އަލުން އަހަރެންގެ
'އެ ދުނިޔެއަށް' ދާންވީ ބާ އެވެ؟
ނިއްކުރިން ދާ ބޮކިތައް ޖަހަންފަށައިފި އެވެ. ހާސްވެ، ކަންފަތުން ހޫނުވެސް ނިކުންނާން ފަށައިފި އެވެ. އަނެއްކާވެސް އީތަން ދޫކޮށްލާފައި ދޮޅުއަހަރު އަހަރެން އާރާސްތުކުރި ދިރިއުޅުން ކޮޅަށްޖެހުމައިގެން މަސައްކަތްފަށަން އެތައް މޭލެއް ދުރަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ؟
"ރިދީ، ރިދީ! މައިތިރިވެބަލަ! ހަމަޖެހިބަލަ ސްވީޓް ހާރޓް!" އަހަރެންގެ ދެކޮނޑުގައި ހިފާފައި އިކާން ތަޅުވައިގަތެވެ.
"ޔެއަހހހ .. އެކަމަކު..." އަހަރެންގެ ލޮލުގައި އަޅައިގަތީ ދެ ލޯރަތްވެފައިވާ ކާމިލް އެވެ. ދުލުން އިތުރު އިބާރާތެއް ނުނިކުތެވެ.
"އައި އެމް ރިއަރީ ވެރީ ސޮރީ ކާމިލް..!" ކާމިލްގެ އިހްސާސްތައް ދެނެގަތުމުގައި ފުރަތަމަ ފަހަރަށް އަހަރެން ފެއިލްވެއްޖެ އެވެ.
އެ ދެ ލޮލުގެ ނުތަނަވަސްކަން ނުވަތަ ވޭން ދެނެގަންނާކަށް އަހަންނަކަށް ނޭގުނެވެ. ލިބުނު މާޔޫސްކަމުގައި އެނދުމަޗަށް އަހަރެން ވެއްޓިގަތީމެވެ. ހަމައެވަގުތު ކޮންމެވެސް އެއްޗެއް ބުނާން ކާމިލް އަނގަ ހުޅުވާލި އެވެ. ފާއިތުވި ގަޑިއެއްހާއިރު ކާމިލް އެއިނީ ހިމޭންވެފަ އެވެ. މިފަހަރުވެސް އަނގަހުޅުވާލާފައިވެސް އެއްޗެއް ނުބުންޏެވެ.
"ރިދީ.. ހުރިހައި ކަމެއްވެސް އިން ޝާ ﷲ ދާދި އަވަހަށް ހަމަޔަކަށް އެޅިދާނެ.. އަހަންނަށް އިތުބާރުކުރޭ! އަހަރެން އީތަންއާއި ވާހަކަ ދައްކާނަން.. އަހަންނަށް ވަގުތުކޮޅެއް ދީ..!" އިކާން ބުންޏެވެ. އެނާގެ ލޮލަށް އަހަރެން ބަލައިލީމެވެ.
"އޯ-ކޭ!" ހާލަތު އެނގިގެން ސަމާސާ ގޮތަކަށް އަހަރެން ބުނީމެވެ.
އިކާން އަހަރެންގެ ކަމެއްގައި އީތަންއާއި މަޝްވަރާކުރާން ދިއުމަކީ ކިހައިވަރެއްގެ ކަމެއްކަން އަހަންނަށް އިގގެ އެވެ.
"ތައްޔާރުވޭ ޖާން..! އަހަރެން އީތަންއާއި ވާހަކަ ދައްކާނަން.. އީތަން ބުނިފަދައިން، ރިދީއަކީ އީތަންގެ ހައްގެއް.. އަދި އީތަންއަކީ ރިދީގެ ހައްގެއް! ދެވަނަ ފަހަރަށް އީތަން ދޫކޮށްލާފައި ނުވަތަ އީތަންއާއި ދުރަށް ރިދީ ދިއުމަކަށް އީތަން އެއްބަހެއް ނުވާނެ.. އެކަމަށް އޭނާ ފުރުސަތެއްވެސް ނުދޭނެ.. އެފަދަ ފުރުސަތަކަށް އީތަން މިފަހަރު މަގު ފަހިކުރިޔަސް، ސައްޕެއްޖަހާ ބަށިބޯޅައެއް ފޮނުވާލާހެއް ހަވާގެ ތެރެއަށް އީތަން ބުރުވާލާނަން.." އެތައް އިރެއްގެ ހިމޭންކަމަށްފަހު އަހަރެންގެ ކާމިލް ބުނެލި އެވެ.
ޔަގީންކާމައި އިތުބާރުގެ ބުނުމެކެވެ. އަހަރެންގެ ހިނިތުންވުން ލޮލުގެ ހިމަކޮޅާއި ހަމައަށްވެސް ފޯރި އެވެ. އަހަރެންގެ ނިއްކުރީގައި ބޮސްދީފައި ދެއަތުގައި ހިފައި އެދުން ނެގި އެވެ. އަދި އިކާންއާއި އަހަރެންގެ އަތުގައި ހިފައި ދަމަމުން ނެރެފި އެވެ.
އެހެން އެއްވެސް މީހަކަށް އެނގުމެއް ނެތި އަހަރެން ކަމެއްކުރީމެވެ. ދުނިޔެ ދަސްކޮށްދިން ތަޖުރިބާގެ އަލީގަ އެވެ. އަހަރެން ކޮންމެ ވަގުތަކު ފުރާންޖެހުނަސް ތައްޔާރަށް ހުރުމަށް، ހުރިހައި އެއްޗެއް ހުންނާނީ 'ޕެކްކޮށް ނިންމާފަ' އެވެ. އީތަން އަހަރެ ދެކެ ލޯބިވާކަން މުޅި ކާއިނާތުވެސް ގަބޫލުކުރާނެ އެވެ. އެކަމަކު އީތަންގެ ދުލުން އަހަންނަށް އެކަން ސާބިތުކޮށްދޭށެވެ! އެއީ އަހަރެންގެ ހައްގެއްކަމުގައި ގަބޫލުކުރަމެވެ.
...................
(އީތަން)
އަހަރެންގެ ސިކުނޑި ހަލަބޮލިވެއްޖެ އެވެ. މިއީ އާކަމެއްވެސް ނޫނެވެ. އެކަމަކު އަހަރެންގެ ހުރިހައި އެކުވެރިންގެ އެންމެ މަގުބޫލް މައުލޫއަކީ 'ކައިވެނި' ކަމަށްވީމައި މިކަމާއި ނުވިސްނާ ދެން އިތުރު އެހެން ގޮތެއް ނެތެވެ. އަހަރެންގެ އެންމެ ތުއްތު އިރުން ފެށިގެންވެސް މިއަންނަނީ މި 'ކައިވެނި' އިބާރާތުގެ ހިތި ތަޖުރިބާކުރަމުންނެވެ. ވަކިވުމެއް ނެތް ގޮށަކުން ދެމީހަކު ބަނދެވި އެއިގެން މިންޖުނުވެވި މުޅި ހަޔާތް ބަރުބާދު ކޮށްލާން ޖެހެނީ އެއީ ދިނީ އަދި އިޖްތިމާއީގޮތުން ކުރާން ލާޒިމްކަމަކަށްވާތީ އެވެ. ހަގީގަތް ކޮންމެ މީހަކު ކޮންމެ ގޮތަކަށް މާނަކުރިޔަސް ވަރިހަމަ އެވެ. މިއީ އަހަރެން ގަބޫލުކުރާ ގޮތެވެ.
ކައިވެންޏަށްފަހު އަންހެންކުއްޖާގެ ވާޖިބަކީ ފިރިމީހާއާއި އޭނާގެ މުޅި އާއިލާގެ ޒިންމާއަށްޓަކައި އޭނާގެ މުޅި ހަޔާތް ބަރުބާދުކުރުމެވެ. އަގުވަޒަންކުރުމެއް، ކޮށްދޭކަމެއް ބަލައިގަތުމެއް ނޯވެ އެވެ. ލިބޭ ކޮށްމެ މޮޅެއްގެ ނަން ފިރިމީހާގެ އާއިލާ އަށެވެ. ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާއަކީ އެ އަންހެންކުއްޖާ ތަހަންމަލްކުރަންޖެހޭ ވޭންދެނިވި އަޒާބެކެވެ.
މިއީ ކައިވެންޏާއި ބެހޭގޮތުން އަހަރެންގެ މާމަ ބުނެފައިވާ އެއްޗެކެވެ. މާމަގެ މުޅި ހަޔާތް ބަރުބާދުވެގެން ދިޔައީ ކާފައާއި ކާފަގެ އާއިލާގެ ކާމިޔާބަށް ރެއާއި ދުވާލު މަސައްކަތްކޮށް، އެއާއިލާއަށް ތަނަވަސްކަށް ހޯދައިދިނުމަށް މަސައްކަތްކުރުމުގަ އެވެ. ދެން އެއިގެ ތެރެއަށް އައީ އަހަރެންގެ 'މަންމައާއި ބައްޕަ' އެވެ. ބައްޕައަކީ ކައިވެންޏާއި އިންތިހާ ދެކޮޅު މީހެކެވެ. ކާފަގެ މަޖުބޫރުކުމަށް ދެކޮޅު ހެދެން އޮތް ހުރިހާ މަގަކުން ބައްޕަ ހިނގި އެވެ. އެންމެ ފަހުން ނާކާމިޔާބުވެ، ގޮތްހުސްވުމުން މަންމައާއި ކައިވެނިކުރީ ކާފަގެ ގޮތްދޫނުކުރުމުގެ ސަބަބުންނެވެ.
އާއިމާލެ ތަނަވަސްކަމާއި ހައިބަތު މުޖުތަމައަށް ދައްކުވައިދނުމަށް ހުރިހައި ދަރިން މީހުންނާއި އިނދެ، އާއިލީ ދަރިފަސްކޮޅުގެ ތަނަވަސްކަން ސާބިތުކޮށްދޭން ޖެހެ އެވެ. ކައިވެނީގެ 'އަގެއް ނެތް' ގުޅުމުގެ ސަބަބުން ބައްޕަގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ އަހަރެން މަންމަގެ އަމިއްލަ އެދުމުގެ ސަބަބުންނެވެ.
މުދަލާއި ފައިސާއާއި، އަގުބޮޑެތި ގަހަނާއާއި، ނަމާއި ހައިބަތަކީ މަންމައަށްޓަކައި ދުނިޔެ އެވެ. މަސައްކަތާއި މުއްސަނދިކަމާއި މިނިވަންކަމަކީ ބައްޕައަށްޓަކައި ދުނިޔެ އެވެ. އަހަރެންނަކީ އެ ދެމީހުންގެ ދިރިއުޅުމަށް ކުރިމަތިވި ހުރަހެކެވެ. މި ދުނިޔެއަށް އަހަރެން ނޭވާލާން ފުރުސަތު ދޭންޖެހުނު ސަބަބަކީ، ދަރިޔަކު ބޭނުންނުވެ، މާ ބަނޑުކަން ނޭގިހުރެ، ލަސްވުމުން ކަމަށް މަންމަ ބުނާއަޑު އަހަރެންގެ ކަންފަތުން ކިތަންމެ ފަހަރަކު އެހީމެވެ. (ނުނިމޭ)