ads
ސިއްރު - 48 ވަނަ ބައި
އެޕިސޯޑް 48
Advertisement

އިއްޔެގެ އަދަދު

އޭރު އަހަންނަށް ހީކުރެވުނީވެސް، އަދި މިހާރު  ޔަގީން ކުރެވެނީވެސް ރަގަޅަށް! ރިދީ އުޅެނީ ކައިވެނިކޮށްގެން! އެ އަންހެން ދުޅާ މީހާގެ ދަރިއަކަށް ރިދީ ބަނޑުވެސް ބޮޑު! ހިތާއި ދެކޮޅަށް އެއްބަސްވާންޖެހުނީމައި، އަހަންނަށް އެގޮތްވެސް އެންމެ ރަގަޅެވެ. ދުނިޔޭގެ ހުރިހައި އުފަލެއް ރިދީއަށް ހައްގެވެ. ރިދީ އުފަލުގައި ދިރިއުޅުމަކީ އަހަރެންވެސް ބޭނުންވާ ގޮތެވެ.

އަހަރެން ފަދަ 'މޮންސްޓަރ'އަކާއި އެކު ރިދީފަދަ ޕްރިންސެސްއެއްގެ ދިރިއުޅުން، ތަގުދީރުގައި ލިޔެވިފައި ނުވާނެކަން ހިތުގެ އެންމެ އަޑިން އަހަރެން ގަބޫލުކުރަންޖެހެ އެވެ. ރިދީއާއި އެންމެ އެކަށީގެންވާފަދަ، ހުރިހައި ފުރިހަމަ ސިފަތަކެއް ލިބިގެންވާ ފިރިހެން ކުއްޖަކު ރިދީއަށް އެވަނީ ލިބިފަ އެވެ. އެކަމާއި އަހަރެން އުފާކުރަންޖެހެ އެވެ. އަހަރެންގެ ކުށުން ރިދީއަށް ލިބުނު ހުރިހައި ޒަހަމެއްގައި މަލަން އަޅައިދީ ފަރުވާކޮށްދިނީ ރިދީގެ ޕްރިންސް ޗާމިން އެވެ. ރިދީއަށް މި ދުނިޔޭގައި ހައްގުވާ ހުރިހައި ލޯތްބަކާއި އިހްތިރާމެއް އަހާން އެވަނީ ހޯދައިދީފަ އެވެ. 

"ރިދީގެ ލޯތްބާއި، ތި އުފާވެރި ދިރިއުޅުމަށްޓަކައި އަހަރެން އުފާކުރަން.." ބަލިކަށި ގޮތަކަށް ހިނިތުންވަމުން އަހަރެން ބުނީމެވެ. ޖުމުލަ ނުނިމެނީސް އަހަރެން ކޮޅަށްތެދުވެ، ހިނގައިގަތްފީމެވެ. 

ބޮލަށް ލިބުނު ހާސްކަން ހިތް ތަގައްޔަރުކޮށްފި އެވެ. ރިދީގެ އުފަލާއި ގުޅުވައިގެން އެހެން ފިރިހެނަކަށް ތައުރީފުކޮށް އެ ލޯތްބަށް ބަރަކާތްލެއްވުން އެދި ތަހުނިޔާކިޔުމަކީ މިހައި ވޭންހުރިކަމެއްކަން އެނގުނުނަމަ، އެކަމާއި ގާތްވެސް ނުވީމުހެވެ. މިއަށްވުރެން އުނދަގޫ އިބާރާތެއް އަހަރެންގެ ދުލުން ދުވަހަކުވެސް ބޭރުނުކުރަމެވެ. އެކަމަކު އުފާކުރަން މަޖުބޫރެވެ. ރިދީގެ އުފަލާއި ލޯތްބަށްޓަކައި ގުރުބާންވުމަކީ އަހަރެންގެ އުފަލަށް ވާންޖެހެ އެވެ. އަހަރެންގެ ވަކިތަކުގެ ތެރެއިން ނެރެ، ރިދީގެ 'ފެއަރީ ޓޭލްސްގެ ދުނިޔެއަށް' ދޫކޮށްލީ އެވެ. މިހިތުން ރިދީ މިންޖުކުރަންޖެހެ އެވެ. ހަމައެކަނި ރިދީއަށްޓަކަ އެވެ. 

އިވުނު ގަދަ ހުނުމުގެ އަޑާއެކު، ކުރިއަށް ނެގި ފިޔަވަޅުމަތީގައި ހުއްޓުން އެރި އެވެ. ފަސް އެނބުރި ބަލައިލީމެވެ. ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ ރިދީ ހެނީ އެވެ. ހިނިގަނޑު ކޮންޓްރޯލް ނުވެގެން އޭނާގެ ދެ ލޮލުން ފެންއައިއްސި އެވެ. 

"އެއީ.. އެ.. އެ.. އެއި... އަހަރެ.... އަހަރެން... އަހަރެންގެ.. ބޭބެ.. އަންކަލް!" ރިދީގެ ހިނިގަނޑުގެ ތެރެއިން ބުންޏެވެ. އެކަމަކު އަހަރެންގެ ހިތުގެ ރިހުމާއި މާޔޫސްކަމުގައި އެބުނި އެއްޗެއް ގުޅުވާކަށް ނޭގުނެވެ. 

"އީތަންއަށް އަޑު ތި އިވުނީ... ހަމަ ރަގަޅަށް..!" ވަރަށް މަސައްކަތުން ރިދީ ބުންޏެވެ. އޭރުވެސް ހިނިގަނޑު މުޅިން ކޮންޓްރޯލެއް ނުވެ އެވެ. 

"އާން.. އަހަރެން ބުނަން އުޅުނީވެސް އެހެން.. އެއީ ރިދީގެ ހަޒްބަންޑު..! އަހަރެން އެވާހަކަ ދޯ މި ދެއްކީ..؟" ރިދީއާއި އެއްވަރަށް އަހަރެންވެސް އުފާވެފައި ހުރިކަން ދައްކަން ބޭނުންވުމުން، ރިދީއާއި ބައިވެރިވީމެވެ. 

ކުރިއަށްވުރެން ބާރަށް ރިދީ ހޭން ފަށައިފި އެވެ. ގުދަށްއޮވެ ހެމުން އަހަންނާއި ހަމައަށް ރިދީ އައި އެވެ. އަދި ވަރަށް ލޯބިގޮތެއް މޫނަށް ހަދާލާފައި އަހަރެންގެ ދެކޮލުގައި ހިފާލި އެވެ.  

"ހައު ކިއުޓް...!! ހީ އިޒް މައި ބްރަދަރ އީތަން! ބް-ރަ-ދަ-ރ!" ރިދީގެ ހަޔާތުގައިވެސް އެންމެ ގަދައަށް ހުނުމުގެ ރެކޯޑްއޮތް ވަގުތަކީ މިއީކަން ޔަގީނެވެ. 

ރިދީ ބުނާ އެއްޗެއް އަހަންނަށް ނޭގިގެން އުޅެނީކަމަށް ދޭހަވާ ގޮތަކަށް އޭނާގެ ހަރަކާތްތަކުން އަހަންނަށް ފާހަގަކުރެވުނެވެ. އެއުޅެނީ ރިދީގެ ހިނިގަނޑު ކޮންޓްރޯލް ނުވެގެނެވެ. އެކަމަކު ނިއްކުރިއަށް ރޫ ބަރިއެއް އަރުވާލެވުނެވެ. 

ބްރަދަރ..؟

"ޔެސް! ބްރަދަރ..!"

ހިނިގަނޑަކާއެކު ބުނެލި އެވެ. އަހަންނަށް ސިކުނޑީގެ އަޑު އިއްވާލެވުނީ ވަރަށް ބާރަށް ހެއްޔެވެ؟

އަސްލުވެސް ބާރަށް ބުނެވުނީ ހެއްޔެވެ؟ ސިކުނޑިއާއި ސުވާލުކުރީމެވެ.

"ޔެސް! އަޑު އިވޭވަރަށް ބާރަށް ބުނެވުނީ!"

އަހަރެންގެ ސިކުނޑީގެ ސުވާލުތަކަށް ރިދީ ޖަވާބުދޭންފެށީ ކޮންއިރަކު ހެއްޔެވެ؟ މިދިޔަ ދޮޅުއަހަރުތެރޭގައި، ސިކުނޑިއަށް ވަދެ، ދިރާސާކުރާންވެސް ރިދީ ދަސްކުރީބާ އެވެ؟

"ނޫން ނޫން.. އަހަރެން މިއީ މައިންޑް ރީޑަރއެއް ނޫން.. އީތަންގެ މޫނުމަތީގެ ކުލަތަކާއި އަސަރުތަކަށް ބަލާފައި އަންދާޒާކޮށްލީ..! އިއްތިފާގުން ދެމީހުންގެ ނިންމުން އެއްގޮތްވީ..!" ރިދީގެ ޖުމްލައާއެކު އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. 

މިފަހަރު ހޭންފެށީ ރިދީއެއް ނޫނެވެ. އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައީ ނުހިފެހެއްޓިގެންނެވެ. އަހަރެންގެ ހިނިގަނޑުގައި ރިދީ ބައިވެރިވި އެވެ. މަންޒަރު ފެނުނު މީހަކުވެސް މި ހިނިގަނޑުގައި ބައިވެރިވާނެ އެވެ. ހަސަދައިގެ އަލިފާނުގައި ބޮލުގގެ އިސްތަށިތައް މި ދެގެނީ ރިދީގެ ބޭބެއަށް ޝައްކުކޮށްގެންނެވެ. ކޮންމެވެސް ދުވަހަކުން އަހަރެންގެ ނަން މޮޔައިންގެ ތެރޭގައި ލިޔާނެ އެވެ. ރިދީއާއި ގުޅުންހުރި ކަންކަމުގައި ހަމަބުއްދިން އަހަރެން ވިސްނާނެ ދުވަހެއް މި ކާއިނާތަށް އަލިވިލޭނެބާ އެވެ.

ހިންޏައިގެން ބިނދިފައި އޮތް ރިދީގެ ދެ ކޮނޑުގައި ހިފާފައި އަހަރެންނާއި ދިމާއަށް ލުއްކިއެއް ޖެހީމެވެ. ކުއްލިޔަކަށް ހިނިގަނޑު ކޮންޓްރޯލްވެ، ރިދީގެ ދެ ލޯ އަހަރެންނާއި އަމާޒުކޮށްލި އެވެ. އިހްތިޔާރެއް ނެތި އަހަރެންގެ ދެ އަތް ރިދީގެ ފުރަގަހަށް ގެންގޮސް، ބުރަކަށީގައި ފިރުމާލެވުނެވެ. އިނގިލިތަކުން އެ މަޑުމަޑު ހަށިގަޑުގައި ފިއްތާލުމަށްފަހު އަހަންނާއި ގާތްކޮށްލީމެވެ. ދެމީހުންގެ ނޭވާގެ އިހްސާސްވާހައި ގާތަށެވެ. ދެން ވެރިވީ ހިމޭން ވަގުތުކޮޅެކެވެ.

"އަދި އެއްފަހަރު ހީލަބަލަ..!" އަހަރެންގެ ހަސްކީ އަޑުން ކަންފަތް ބުޑުގައި ބުނެލީމެވެ. 

ރިދީގެ ލޯލިތައް ކޮޅަށް ޖެހުނުތަން ދުށީމެވެ. އިޝްގުގެ އޮއެވަރުގައި ރިދީގެ ބޯ ދެފަރާތަކަށް ހޫރާލި އެވެ. އަހަރެންގެ އެދުމަށް ދެކޮޅު ހެދީ އެވެ! ދޮޅުއަހަރުގެ އިންތިޒާރެވެ. މިފަދަ އިހްސާސަކަށް ކެތްވާނެ ލޯބިވެރިޔަކު މި އުޑުދަށުގައި ނުހުންނާނެ އެވެ. ރރިދީގެ ހާލަކީވެސް އެއީ އެވެ. އެކަކު އަނެކަކު ކިރިޔާ ގުޑައިލިޔަސް ދެމީހުންގެ ތުންފަތް ބީހިލާނެކަން ކަށަވަރެވެ. 

"ބަޓް- އައި- ޑޯންޓް ލައިކް- ހިމް-! އަހާންވިޔަސް، އަދި އެހެން މީހަކަށްވިޔަސް..!" އަހަރެންގެ ނޭފަތުގެކުރި ރިދީގެ ނޭފަތުގައި ޖައްސާލާފައި ލޯމަރައިލީމެވެ. 

އަހަރެންގެ މި ޖުމުލައިން ރިދީގެ މޫނަށް އަރާނެ ކުލަތައް އަހަރެން ބަލާކަށް ނުޖެހެ އެވެ. އަހަރެންގެ މި ބުނުމުން ރިދީގެ ތަނަވަސް ނިއްކުރިއަށް އެތަށް ރުލެއް އަރާނެކަން ޔަގީނެވެ. އަހާންއަކީ ރިދީގެ ބޭބެކަމަށް ބުނީ މީގެ މިނެޓެއް ކުރިންނެވެ. ޖެހިގެން އައި މިނެޓްގައި އަނެއްކާވެސް އަހަރެންގެ ހަސަދަ އިއުލާން ކުރީ އެވެ.

"ރިދީ ލައިގެން ތިހުރީ އަހާން ދިން ހެދުމެއް...! އިކާން ދިން ޝޫޒްއެއް..! ދެން އަހަރެންގެ ކޯންޗެއް؟" ނިއްކުރިއަށް ރޫއަރުވާލާފައި ބުނީމެވެ. 

ޒުވާން އަންހެންކުއްޖަކު ޝަކުވާކުރާ ފަދައިން އަހަރެން ޝަކުވާ ހުށަހެޅީމެވެ. އެކަމަކު ދޮޅު އަހަރުފަހުން އަހހަރެންގެ ރިދީ، އަހަރެންގެ އަތުގެތެރޭގައި ބޮނޑިވެލާއިރު، އެހެން މީހަކަށް ނުވަތަ އެހެން ބަޔަކަށް ނިސްބަތްވާ އެންމެ ރޮދިފަށަކާއެކުވެސް ބަނދެވޭކަށް ބޭނުމެއް ނޫނެވެ. އަހަރެންގެ އިހްސާސްތަކަށް ބާރުފޯރުވާނެ ކޮންޓްރޯލެއް އަހަރެންގެ އަތްފަޔަކު ނެތެވެ.

ޖަވާބުގައި ލޯބި ހިނިތުންވުމެއް އަހަރެންގެ ރިދީ ހަދިޔާކޮށްލި އެވެ. އަހަރެންގެ ހުރިހައި ރިހުމެއް ފިލައިގޮސް، މުޅި ދުނިޔެ އަހަރެންގެ އުފާވެރިކަމުގައި ބައިވެރިވި ފަދަ އެވެ.

އަހަރެންގެ މި ގޮތްނޭގޭ ހަށިގަނޑުން އެންމެ ނުބައި ސިފަވެސް އެންމެ މާތްސިފަވެސް އަދި އެންމެ ހިތްގައިމު ސިފފަތަކާއި، ރަގަޅު ނުރަގަޅު ގޮތްތައް ނެރުމުގައި ރިދީއަކީ މާހިރެކެވެ. މިއީ އަހަރެން ނުދަންނަ ހުނަރެކެވެ. މިއީ ހަމައެކަނި ރިދީއަށް ހާއްސަ ހުނަރެކެވެ.

"ފެނިއްޖެ؟" ދިގުއެސްފިޔަތައް ހަރަކާތްކޮށްލާފައި ވަރަށް ލޯބިން ރިދީ ސުވާލުކޮށްލި އެވެ. ރިދީ އިޝާރާތްކޮށްލީ އޭނާގެ އަމިއްލަ ނަފުސަށެވެ. އަހަރެންގެ ދެ ބުމަ ގާތްކޮށްލެވުނެވެ.

"އަހަރެންގެ މޫނުމަތީގެ މި ހިނިތުންވުން..! މިއީ އެހެން އެއްވެސް އިންސާނަކަށް ކޮޕީރައިޓްސް ލިބިފައި އޮތް ހައްގެއް ނޫން..! ވަރަށް ގިނަފަހަރު، މީހުންބުނޭ، އަހަރެންގެ ހިނިތުންވުން ވަރަށް ރީއްޗޭ..! އެއިން ކޮންމެ ފަހަރަކު އަހަރެންގެ ޖަވާބަކީ، މި ހިނިތުންވުން ފެންނާނީ ހަމައެކަނި އީތަން، އަހަރެންގެ ގާތުގައި ވާނަމައޭ..! އެހެން އެއްވެސް މީހަކަށް މިކަމެއް ނުކުރެވޭނެ..! އަހަރެންގެ ގާތުގައި އީތަން ނެތްނަމަ ހިނިތުންވުމެއް ނުވޭ!" އަހަރެންގެ ލޮލަށް ބަލަމުން ރިދީބުންޏެވެ. އެ ބުނެލުމުގައި ތެދުވެރިކަމާއި ލޯބި ނޫނީ ނެތެވވެ.

ރިދީދެކެ އަހަރެން ލޯބިވާ މިލިއަން ސަބަބުތަކުގެ ތެރެއިން މިއީ އެއް ސަބަބެވެ.

އަހަރެން ހީކުރީ، ވަގުތާއި ހާލަތުގެ ގޮތުން ރިދީ އަހަންނާއި ސަމާސާކުރަނީ ކަމަށެވެ. އެކަމަކު މިހައި ތަނަށް ދުވަހަކުވެސް މީހަކު، މިވަރުގެ އިގުރާރެއް އަހަރެން ކުރިމަތީގައި ވެފައެއް ނެތެވެ. ތެދެކެވެ. ރިދީގެ ހިނިތުންވުން، އެތައް ބައްޔެއްގެ ފަރުވާއަށްވެސް ފުދޭނެ އެވެ. ޔަގީނުންވެސް މިއީ އަހަރެންގެ ހިތުގެ ފަރުވާ އެވެ.

އިހްތިޔާރެއް، ކޮންޓްރޯލެއް ނެތެވެ. ފިނިފިނި ވައިރޯޅީއާއި ފަޒާގެ ތެރޭގައި އަހަރުމެންގެ ހިނިތުންވުން ގުގުމާލަނީ އެވެ. އަހަރެންފަދަ، ހަރުކަށި ރުންކުރުމީހަކު މިފަދަ ގޮތަކަށް އަންހެންކުއްޖެއްގެ ހިނިތުންވުމުގެ އިޝާރާތަށް ވިރިގެން ހިނގައިދާނެކަމަށް މީހަކަށް ހުވަފެނުންވެސް ފެނިފައި ނުވާނެ އެވެ. 

ލޯތްބާއެކު އަތުގައި ހިފާލީމެވެ. މަޑުމަޑުން އައިސް އަހަރެންގެ މޭގައި ރިދީ ބޯއަޅައިލި އެވެ. ލޯ މަރައިލެވުނީ ކުރެވުނު އިހްސާސަކުންނެވެ. ބުނެދޭކަށް ނޭގެ އެވެ. ހަނަފަސް މޫސުމަކަށްފަހު ވެހިލި ކެރިގަނޑާއެކު މުޅި ދުނިޔެ ދޮވެލެވިފައިވާ ފަދަ އެވެ. ތާޒާކަމާއި އަމާންކަމާއި ހިތްހަމަޖެހުން ނޫނީ އިހްސާސްނުވެ އެވެ. ފިނިފިނި ރޯޅި، ގައިގައި ބީހިލީ މިއުޒިކީ ހަމަތަކަށެވެ. އަހަރެންގެ މޭގައި ރިދީ ބޯއަޅާއިލައިގެން ލޯ މަރައިލި އެވެ. ލޯބިލޯބި ހަށިގަނޑުގައި ރައްކާތެރިކަމާއެކު ދެއަތުން ވަށާލައި، ގަޔާއެކު ފިއްތާލީމެވެ. އުފަލަކީ މި އެވެ. ރޫހަކީ މި އެވެ. މި އިހްސާސާއި ނުލައި ދިރުމެއް ނެތެވެ.

"އަހަރެންގެ މި ހަޔާތަށް އެނބުރި އައީތީ ޝުކުރިއްޔާ!" ކަންފަތު ފޫޅުގައި ތުންފަތް ބީއްސާލާފައި އަހަރެން ބުނީމެވެ. 

ރިދީގެ އިސްތަށިގަނޑުގެ ތެރޭގައި އަހަރެންގެ މޫނު ފޮރުވާލީމެވެ. ލިބުނު ހިތްގައިމުކަމުގައި ކުރިއަށްވުރެންވެސް ގާތްކޮށްލީމެވެ. މިއަށްވުރެން ހިތްގައިމު ހުވަނދެއްގެ ވަސް އަހަރެން އިހްސާސެއް ނުކުރަމެވެ. ލިބުނު އަރާމުގައި މުޅި ހަށިގަނޑު ލުއިވެގެން ދިޔައީ މިހިނދުކޮޅަށް ނިމުމެއް އައުން ނޭދޭތީ އެވެ.

"ތޭންކް ޔޫ އީތަން.. ފޯ އެވްރިތިންގ!" އަހަރެންގެ ހިތުގައި ތުންފަތް ބީއްސާލަމުން ރިދީ ބުނެލީ ނުހަނު މަޑުމމަޑުންނެވެ. ޝުކުރު އަދާކުރީތީ، ސުވާލު އުފެދުނެވެ. 

އެކަމަކު އަހަރެން އަޅައެއް ނުލަމެވެ. މިވަގުތުގެ ހިމޭންކަން ދުނިޔޭގެ އެހެން ހުރިހައި ކަމަކަށްވުރެން މުހިއްމެވެ.

އަހަރެން އެއްބަސްވިޔަސް، ނުވިޔަސް ހަގީގަތެއް އެބައޮތެވެ. ރިދީއަށް އަހަރެން ބޭވަފާތެރިވި އެވެ. ދުނިޔޭގެ  އެންމެ ބޮޑު ލަދާއި ރިދީ ކުރިމަތިލާންޖެހުނީ އަހަރެންގެ ސަބަބުންނެވެ. އަހަރެން ދޫކޮށް، ރިދީ ދިއުމަށް މަޖުބޫރުވީ، އިހްތިޔާރުގައި ނުވަތަ ބޭއިހްތިޔާރުގައިވިޔަސް ޒާޔާއަށް އަހަރެން އެ ފުރުސަތު ދިނީތީ އެވެ. އަހަންނަށް މައާފުކޮށް، ދެވަނަ ފުރުސަތެއް ދިނަސް، އަހަރުމެން ދެމީހުން ތަހަންމަލްކުރި ވޭނީ ހާލަތަށް ހަމައެކަނި ޒިންމާވާންޖެހޭ  މީހަކީ އަހަރެންނެވެ. މިހަގީގަތް ފެންނާން އޮއްވައި ރިދީ އަހަންނަށް ޝުކުރުއަދާކުރީ ކީއްވެ ބާ އެވެ؟

ސުވާލު އުފެދުނަސް، މިއީ އެއަށް ޖަވާބު މުހިއްމު ވަގުތެއް ނޫނެވެ. އަހަރެންގެ އަތުގެ ތެރެއިން ރިދީ ހަރަކާތތްކޮށްލުމުން، ދެމީހުން 'ދުރުވެލީ'މެވެ.

"ސޯ، ނައު ވަޓް..؟" ތިރީ ތުންފަތުގައި ދަތް އަޅާލާފައި ލޯބިކޮށް ސުވާލުކޮށްލި އެވެ. ލަދުރަކި ރިދީގެ މޫނުގެ ކުލަވަރު އަހަރެންގެ ހިތުގެ ވިންދު އަވަސްކޮށްލި އެވެ.

"ނައު..!؟" އަހަރެންގެ ހަސްކީ އަޑުން މަޑުމަޑުން އަހާލީމެވެ. އަދި ރިދީ އާއި ގާތަށް ލަސްފިޔަވަޅެއް އަޅައިލީމެވެ.

ފުރަގަހަށް އަތް ލައްވާފައި ގަޔާއި ކައިރިކޮށްލީމެވެ. ވައިރޯޅިއަކަށްވެސް އަހަރުމެންގެ ދެމެދުން ޖާގައެއް ނުލިބޭ މިންވަރަށެވެ. ރިދީގެ ފަށުވި އިސްތަށިގަނޑު ވައިރޯޅިއާއި ސަމާސާކޮށްލި އެވެ.

ފިޔާތޮށި ފިނިފެންމާކުލަ އަރަމުންދިޔަ މޫނާއި ސްޓޯބަރީގެ ލިޕްގްލޮސް އަހަރެން ދީވާނާކުރަނީ އެވެ. އެސްފިޔަ ދިގު، ބައްޓަން ރީތި ލަދުރަކި ލޮލުގެ ޖާދޫގައި ހިއްސުތަކުގެ ކޮންޓްރޯލް ގެއްލެނީ އެވެ. މިއީ ހަމައެކަނި އަހަރެންގެ ހަރަކާތްތަކުގެ ސަބަބުން ރިދީއަށް ލިބެންޖެހޭނެ ފުރިހަމަ ކަމެކެވެ. އެހެން އެއްވެސް މީހަކަށް އަހަރެންގެ ރިދީގެ މައްޗަށް ހައްގެއް އޮވެގެން ނުވާނެ އެވެ.

"ރިދީއާއި ގުޅުންހުރި އެއްވެސް ކަމެއްގައި އަހަންނާއި ސަމާސާ ނުކުރައްޗޭ.. ވަރަށް ސީރިއަސްކޮށް މިބުނީ..!" ތުންފަތާއި ދިމާއަށް ގުދުވެފައި ވައިއަޑުން އަހަރެން ބުނީމެވެ. ދެމީހުންގެ ނޭފަތް ބައެއް ފަހަރު ބީހިލަ އެވެ. އެ ސިކުންތުގައި ރިދީގެ އެސްފިޔަތައް ލައްޕާލަނީ ކީއްވެކަން އަހަންނަށް ސާފުކޮށް އެގެ އެވެ.

"މިއީ ކުރީގެ އީތަންނަމަ، މިވަގުތު އަހަރެން 'ކިސް' ނުކޮށް އެންމެ ސިކުންތެއްވެސް ބޭކާރު ނުކުރާނެ! އެކަމަކު މިހާރު މިއީ ކުރީގެ އީތަންއެއް ނޫން.. ވަރަށް ތަފާތުވާނެ!" އެއްމިޔަކަނުން ހިނިއައިސްފައި އަހަރެން ބުނީމެވެ. 

ލިބުނު ހައިރާންކަމުގައި ރިދީގެ އަނގަހުޅުވި، ދެ ލޯ ބޮޑުކޮށް، އެސްފިޔަތައް ނުހަނު އަވަސް އަވަހަށް ތަޅުވާލި އެވެ.

ރިދީގެ ހާލަތު ފެނުމުން އަހަރެންގެ ހިނިގަނޑު މައިތިރިއެއް ނުވި އެވެ. މިއަށްވުރެން އަދިވެސް  'ކިއުޓް' ސިފަތައް ރިދީގެ ހުންނާނެ ބާ އެވެ؟ (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް