
މި ޒިޔާރަތުގައި ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޒިޔާރަތުގައި ރައީސް މުއިއްޒު ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ އެކި ސަރަހައްދުތައް ބައްލަވައި، މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ހޯއްދެވި އެވެ. މިހާރު ދުވާލަކު 76 ބޭލް ކުނި އުފައްދަމުންދާކަމާއި، ކުނި ބޭލުމުގެ މަސައްކަތް އަވަސްކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. މި މަޝްރޫއުގެ ދަށުން މާލެ އަދި އެހެން ރަށްރަށުން ކުނި ނެގުމާއި އުފުލުމުގެ މަސައްކަތް އާ ޓެކްނޮލޮޖީއާއެކު އިތުރަށް ތަރައްްގީ ކުރެވޭނެ އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ފަދައިން، މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ ޓެކްނޮލޮޖީ ތަޢާރަފުކޮށް، ދުވާލަކު އުފެދޭ 774 ޓަނު ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ އެވެ.