
ކުއާލަ ލަމްޕޫރުން ފުރައިގެން 239 މީހުންނާ އެކު ބެއިޖިން އަށް ދަތުރުކުރި ފްލައިޓް އެމްއެޗް370 ގެއްލުނީ މާޗް 2014 ގަ އެވެ. ގިނަ ބަޔަކު ބުނަނީ އެ ބޯޓު ކަނޑަށް ވެއްޓިފައިވާނެ ކަމަށެވެ. ގެއްލުނު ބޯޓު ހޯދުމަށް ކަނޑު އަޑި ބަލަމުންދާ ތިން ބޯޓުން މީގެ ކުރިން ވެސް ވަނީ އިންޑިއާ ކަނޑުގެ ދެކުނުން 120،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފަ އެވެ. މީގެ ތެރޭން ބޮޑު ބަޔަކީ ދުވަހަކު ވެސް ބަޔަކު ބަލާފައި ނުވާ ސަރަހައްދެކެވެ.
މެލޭޝިއާ ސަރުކާރުން އިއްޔެ ވަނީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުން 15،000 އަކަ ކިލޯމީޓަރުގެ ސަރަހައްދު ބެލުމަށް އޯޝަން އިންފިނިޓީ ކިޔާ ކުންފުންޏަކާ އަލުން ހަވާލުކޮށްފަ އެވެ.
މެލޭޝިއާގެ ދަތުރުފަތުރާބެހޭ ވަޒީރު، އެންތޮނީ ލޯކޭ ވިދާޅުވީ އެމެރިކާގެ މެރިން ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ އޯޝަން އިންފިނިޓީއާ އެކު ހެދި އެއްބަސްވުމެއްގެ ޝަރުތުތަކާ ގަވާއިދުތަކަށް ވަޒީރުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.
ފައިނަލް ކުރި އެއްބަސްވުމުގައި އޯޝަން އިންފިނިޓީއަށް 70 މިލިއަން ޑޮލަރު ދިނުމަށް ރުހުން ދިން ނަމަވެސް، އެއީ "ނޯ ފައިންޑް، ނޯ ފީ" ޕޮލިސީއެއްގެ ދަށުން ވެފައިވާ އެއްބަސްވުމެއް ކަމަށް ވެސް ލޯކް ވިދާޅުވިއެވެ. މާނައަކީ ކުންފުންޏަށް ފައިސާ ލިބެނީ ކާމިޔާބުކަމާއެކު ބޯޓު ހޯދުމުންނެވެ.
އޯޝަން އިންފިނިޓީން 2018 ވަނަ އަހަރު ވެސް ވަނީ ބޯޓު ހޯދުމުގެ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. މީގެއިތުރުން ފްލައިޓް އެމްއެޗް370 ހޯދުމަށް މިހާތަނަށް ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
އެގޮތުން ބޯޓު ހޯދުމުގެ މަސައްކަތް އޮސްޓްރޭލިއާ، މެލޭޝިއާ އަދި ޗައިނާ އިން ވެސް ކުރި އެވެ. ބޯޓު ހޯދުމަށް ކަނޑު އަޑިން 120،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބެލި އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް ވެސް މިހާރު ވަނީ ހުއްޓާލާފަ އެވެ.