ads
ރަސްމާލެ އަޅާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށެމުގެ ތެރެއިން.
ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއުތަކަށް ފައިސާ ހޯދަން ހުޅުވާލައިފި
ކްރޮސް ސަބްސިޑީ އުސޫލުން ހިންގާނެ މަޝްރޫއުތައް ކަނޑައެޅުމާއި ގުޅޭގޮތުން ނެރުއްވާފައިވާ ރައީސްގެ ގަރާރު އިސްލާހުކުރައްވައިފި އެވެ.
Advertisement

އެ ގަރާރުގައި ބުނެފައި ވަނީ މިފަދަ ގަރާރެއް ނެރުނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލު ކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސްގެ ގަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތްގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.

އެގޮތުން ގަރާރުގެ ދަށުން ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫއުތަކާއި، އެ މަޝްރޫއުތައް ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު އަދި މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދު ކުރަން ޖެހޭނޭ މިންވަރު ވަނީ ބަޔާންކޮށްފައިވެ އެވެ. މަޝްރޫއުތަކުގެ ތެރޭގައި، ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްގީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްގީކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަނޭޝަލަން އެއާޕޯޓެއް ތަރައްގީ ކުރުން ހިމެނެ އެވެ.

އަދި ޓޫރިޒަމް ދާއިރާއިން ލ. ގަމާއި، އައްޑޫގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް ވެސް ހިމަނާފައިވެ އެވެ.

މީގެއިތުރުން، ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކާ ރަސްމާލެ ތަރައްގީ ކުރުމުގެ ބިން ހިއްކުމުގެ މަސައްކަތަށްވެސް މިފަހަރުގެ ގަރާރުގައި ފައިސާ ހޯދަން ހިމަނާފައިވެ އެވެ.

މީގެ އިތުރުން ހިމެނޭ ބައެއް މުހިންމު މަޝްރޫއުތައް:

  • ކޮޅުމަޑުލު ވޭމަންޑޫ އާއި ކޮޅުމަޑުލު ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން
  • ކޮޅުމަޑުލު ދިޔަމިގިއްޔާއި ކޮޅުމަޑުލު މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅައިލުން
  • ހައްދުންމަތީ ހިތަދޫ އާއި ހައްދުންމަތީ ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން
  • ހައްދުންމަތީ ކަލައިދޫ އާއި ހައްދުންމަތީ ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން
  • މުލަކަތޮޅު މުއްޔާއި މުލަކަތޮޅު ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅައިލުން

މި ހުރިހާ މަޝްރޫއުތަކަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަތަރު މިލިއަން ޔޫއެސް ޑޮލަރެވެ.

މީގެ އިތުރުން ހައިޕާފޯމަންސް ސެންޓަރެއް ގާއިމުކުރުން ވަނީ މަޝްރޫއުތަކުގެ ތެރޭގައި ހިމަނާފައެވެ. އެ މަޝްރޫއަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20 މިލިއަން ޔޫއެސް ޑޮލަރެވެ.

އަދި، މި ފަހުން ނުހިއްކާނެ ކަމަށް އިއުލާނުކުރި ގުޅީފަޅު ހިއްކުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިއްކާފައިވާ ބިންތަކުގައި މަގު ހެދުމާއި ކުށްކުރާ ކުޑަކުދިން ރިހަބިލިޓޭޓްކުރުމަށް ގެންދަން ތަރައްގީކުރާ "ހޯޕް އައިލެންޑް" ހިއްކުމަށާއި ތަރައްގީ ކުރުމަށްވެސް ފައިސާ ހޯދުމަށް އިއުލާނުކޮށްފައިވެ އެވެ.

އަދި ހާއްސަކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތައްވެސް މި ސިޔާސަތުގެ ދަށުން ހިންގުމަށް ނިންމަވާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް