
މި ލަވައަކީ ޓޮކްސިކް ގުޅުމެއްގެ ވާހަކަ ކިޔައިދޭ ލަވައެއް ކަމަށްވާއިރު، ލޯބީގެ ގުޅުމެއްގައި ދިމާވާ އުނދަގޫތަކާއި ނަފްސާނީ ގޮތުން ކުރިމަތިވާ ދަތިތައް ފާހަގަކޮށްފައިވެއެވެ.
ޖައިޕޫރުގައި ރެކޯޑުކޮށްފައިވާ މި ލަވައިގެ މިއުޒިކް ވީޑިއޯގައި ދަނަޝްރީ ވަރުމާ އާއި އިޝްވާކް ސިންގް ފީޗަރކޮށްފައިވެއެވެ. ޓައިމްސް އޮފް އިންޑިއާއަށް ދަނަޝްރީ ދީފައިވާ އިންޓަވިއުއެއްގައި، މި ލަވައަކީ އޭނާ މިހާތަނަށް ބައިވެރިވެފައިވާ އެންމެ ނަފްސާނީ ގޮތުން ބުރަ ޕާފޯމަންސްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ބުނެފައިވެއެވެ.
މި ލަވައިގެ ކޮމްޕޯސާ އަދި ލިރިސިސްޓް ޖާނީ ބުނެފައިވަނީ "ޑެކާ ޖީ ޑެކާ މައިނެ" އިން ދައްކައިދޭން ބޭނުންވަނީ ލޯބި ނުރައްކާތެރި ދިމާއަކަށް ހިނގައްޖެނަމަ ކުރިމަތިވާ ނަފްސާނީ ހާލަތްތައް ކަމަށެވެ. މި ލަވައިގެ މިއުޒިކް އަދި ލިރިކްސްއިން އެ ހިތާމައިގެ ވާހަކަ ކިޔައިދޭކަމަށް ޖާނީ ބުނެފައިވެއެވެ. މި ލަވަ ޑިރެކްޓްކޮށްފައިވަނީ ދުރުވާލް ޕަޓެލް އަދި ޖިގާ މުލާނީއެވެ. ޖޯޓީ ނޫރާންގެ އަޑުން ކިޔާފައިވާ މި ލަވަ މާރޗް 20 ވަނަ ދުވަހު ޓީ-ސީރީޒްގެ ޔޫޓިއުބް ޗެނަލްގައި ރިލީޒްކޮށްފައިވެއެވެ.
ގިނަ ފޭނުން މި ލަވައާއި ދަނަޝްރީގެ އަމިއްލަ ދިރިއުޅުމާ ދެމެދު ގުޅުން ހޯދަން ފަށާފައިވެއެވެ. ޔޫޓިއުބްގެ ކޮމެންޓް ސެކްޝަންގައި ގިނަ ބަޔަކު ލިޔެފައިވަނީ މި ލަވައިން ދަނަޝްރީ އޭނާގެ އަމިއްލަ ވާހަކަ ކިޔައިދޭކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އޭނާ މި ލަވައިން އޭނާގެ ވާހަކަ ކިޔައިދެނީހެން" އެއް ކޮމެންޓްގައި ލިޔެފައިވެއެވެ.
އަނެއް ކޮމެންޓެއްގައި ލިޔެފައިވަނީ "އަޅުގަނޑަށް ހީވަނީ މިއީ ދަނަޝްރީގެ ވާހަކަހެން" މިގޮތަށެވެ.