ads
އަމާލް މަލިކް
މައިންބަފައިންގެ ސަބަބުން ކޮއްކޮ އާ މައްސަލަ ޖެހޭތީ އަމާލް މަލިކް ގެއިން ނުކުމެއްޖ
މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު އަމާލް މަލިކް އޭނާގެ އާއިލާއާ ގުޅުން ކަނޑާލަން ނިންމާފައިވާކަން އިންސްޓަގްރާމްގައި ހާމަކޮށްފިއެވެ.
Advertisement

މި ބަޔާނުގައި އަމާލް ވަނީ އޭނާ ކްލިނިކަލް ޑިޕްރެޝަންގައި އުޅޭކަމާއި، އޭނާގެ މައިންބަފައިންގެ އަމަލުތަކުގެ ސަބަބުން އޭނާއާއި އޭނާގެ ކޮއްކޮ އަރްމާން މަލިކްއާ ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހެމުން އަންނަނަކަމަށެވެ. 

"އަހަރެންނާއި އަހަރެންގެ ކޮއްކޮގެ ހުނަރުވެރިކަމާއެކު، އަހަރެމެން ވަނީ ނަސަބު ނުބުންޏަސް ކޮންބައެއްކަން އެނގޭވަރު ބަޔަކަށް ވެފަ. އަހަރެންގެ ކޮއްކޮ ވެސް އަހަރެންގެ ކޮއްކޮ ކަން ނުބުންޏަސް އެންމެ ނަަށްވެސް އެނގޭނެ. އަހަރެމެން ދެމީހުންނަށް މި ދަތުރު ވަރަށް ރީތިވެފައިވީ ނަމަވެސް، އަހަރެމެންގެ މައިންބަފައިންގެ ޢަމަލުތަކުގެ ސަބަބުން އަހަރެމެން ދެ ބޭންގެ ދެމެދު ވަރަށް ބޮޑު ދުރުކަމެއް އަންނަނީ އުފެދެމުން. މިކަމުގެ ސަބަބުން އަހަރެންގެ ހިތުގައި ވަރަށް ފުން ހިތްދަތިކަމެއް އުފެދިފައިވޭ،" އަމާލް ލިޔެފައިވެއެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 126 ލަވަ އުފައްދާފައިވާ އަމާލް، އޭނާގެ ބުރަ މަސައްކަތަށް އާއިލާއިން އެކަށީގެންވާ އަގުވަޒަންކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. އޭނާގެ ބަޔާނުގައި ވަނީ މިކަމުގެ ސަބަބުން އޭނާގެ މެންޓަލް ހެލްތަށް ނޭދެވޭ އަސަރުކޮށް، އަމިއްލަ އަގު ވަޒަންކުރުމުގެ ގާބިލުކަން ގެއްލިފައިވާކަމަށެވެ. 

"މިއަދު އަހަރެން މިހުރީ އަހަރެންގެ ހިތްހަމަޖެހުން ގެއްލި، އިހުސާސްތަކުގެ ގޮތުން ހުސްވެފައި، އަދި މާލީގޮތުންވެސް ގެއްލުންވެފައި. އެހެންނަމަވެސް އެއީ އަހަރެން އެންމެ ކަންބޮޑުވާ ކަމެއް ނޫން. އެންމެ މުހިންމީ މި ހުރިހާ ކަމެއްގެ ސަބަބުން އަހަރެން މިހާރު ކްލިނިކަލް ޑިޕްރެޝަންގައި އުޅެން ޖެހިފައިވާކަން،" އޭނާ ލިޔެފައިވެއެވެ.

އަމާލް މަލިކް ވަނީ މީގެ ފަހުން އޭނާގެ އާއިލާއާ އޮންނާނީ ހަމައެކަނި ޕްރޮފެޝަނަލް ގުޅުމެއްކަން ސާފުކޮށް ބުނެފައެވެ.

"މިއަދު ހިތާމައާއެކު އަހަރެން މި އިޢުލާންކުރަނީ މި އަމިއްލަ ގުޅުންތަކުން އަހަރެން ދުރުވާން ނިންމައިފިކަން. މީގެ ފަހުން އަހަރެންގެ އާއިލާއާ އޮންނާނީ ހަމައެކަނި ޕްރޮފެޝަނަލް ގުޅުމެއް. މިއީ ރުޅިވެރިކަމުން ނިންމި ނިންމުމެއް ނޫން، އެހެނަސް އަހަރެންގެ ދިރިއުޅުން އަލުން ބިނާކޮށް ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންވާ ނިންމުމެއް،" ކަމަށް އަމާލް ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް