
އަހަރުމެން އެކަކު އަނެކެއްގެ ނޭފަތް ބީހިގެންދިޔަ ވަގުތު އަހަރެންގެ ގިރުވާނުގައި ރިދީ ހިފެހެއްޓި އެވެ. ހަށިގަނޑު ތަހަންމަލް ކުރަމުންދިޔަ ބާރުގަދަ އިހްސާސްގައި ރިދީގެ ގައިން ވާގިދޫވަނީކަން އަހަންނަށް އެނގެ އެވެ. އަހަރެންގެ ހިއްސުތައް އަހަރެން ކޮންޓޓްރޯލްކުރަމުން މިދަނީ ކިހައި ހާލެއްގައިކަން އިނގޭނީ އަހަންނަށެވެ. ރިދީއަކީ އަންހެން ކުއްޖެކެވެ. ލޯބީގައި ތަޖުރިބާ މަދުވިޔަސް، ރިދީގެ ލޯބީގެ އާރާއި ބާރު އެންމެ ރަގަޅަށް އެނގޭ މީހަކީވެސް އަހަންނެވެ. މަޑުމަޑު އާހެއްގެ އަޑު ނިކުންނަމުންދިޔަ ތުންފަތާއި ދިމާއަށް ބަލައިލީމެވެ. އަހަރެންގެ ހިއްސުތަކުގައި ހުޅު ރޯވެއްޖެ އެވެ.
"ހިސްޓްރީ ރިޕީޓްސް އިޓްސެލްފް، ނޫންތަ؟" އެއްމިޔަކަނުން ހީނލާފައި އަހަރެން ބުނީމެވެ.
އިޝްގުގެ އޮއެވަރުގައި ގެނބެމުންދިޔަ އަހަރެންގެ ރިދީ ދިއައީ ސިއްސައިގެންނެވެ. ކުއްލިޔަކަށް ތެޅިގެންފައި އަހަރެންގެ އަތުތެރެއިން ނިކުތީ ބުޅަލުބުޑުގައި އުނބުންޖެހީމައި ދުއްވައިގަންނަ ފަދައިންނެވެ.
ހަމަ އެވަގުތު ރިދީގެ ލޮލުގައި އަޅައިގަތީ އޭނާގެ އެއް ބޮޑީގާޑްގެ އާދަޔާ ހިލާފް ހަރަކާތެވެ. ދެ ލޮލުގައި އަތް އަޅައިގެން އިކާން ހުރީ ވަރަށް ގާތުގަ އެވެ.
"އަހަރެން އެކަށްޗެކޭވެސް ނުބުނަން.. އެއް ކަމެއްވެސް ނުދެކެން.. ޓްރަސްޓް މީ!" ލަނގޮޑީގައި ހިފާފާއި އިކާން ހަޅޭއްލަވައިގަތެވެ.
"އިކާން..!"
ފެނުނު މަންޒަރާއި އިވުނު އަޑު ގަބޫލުނުކުރެވިގެން ރިދީ، ދެ ފަރާތަށް ބޯ ހޫރުވާލި އެވެ. އަހަންނާއި ދިމާއަށް ރިދީ ބަލާލާފައި އަނގަޔަށް ވައްތަރެއް ޖައްސާލީ ރުޅިގަދަވަގެންނެވެ. ހިނގާމިދިޔަ ހާދިސާއަށް ފުރިހަމަ ޒިންމާނަގަން މިޖެހުނީ އަހަންނަށެވެ.
"މޮންސްޓަރ" ދަތްކުނޑިވިކާލާފައި މަޑުމަޑުން އަހަންނާއި ދިމާއަށް ބުންޏެވެ.
ތުން އަނބުރާލާފައި، ދެ ފަޔަށް ބާރުލާފައި ދިޔައީ އިކާން ގާތަށެވެ.
"އަޑު އިވިއްޖެ!" ފަހަތުން އަހަރެން ހަޅޭއްލަވައިގަތީމެވެ.
"ރަގަޅީވެސް އަޑު އިވުނިއްޔާ!" އަހަންނާއި ދިމާއަށް ހަޅޭއްލަވަމުން ރިދީ ބުންޏެވެ.
އިކާންގެ އަތުގައި ހިފައިގެން ހިނގައިގަތީ އަހަންނާއި ދިމާއަށް ލޯ އަޅާލާފަ އެވެ. ހިނިތުންވަމުން އަހަރެންގެ ލޯބިވާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ. ރިދީގެ ކޮންމެ ހަރަކާތެއް އަހަރެންގެ ހިތް އުފާކޮށްދެ އެވެ.
އަހަރެންގެ ހަޔާތުގައި ރަގަޅު ހެޔޮކަމެއް މިހައިތަނަށް ކުރެވިފައިވާނަމަ އެއީ، ހަމައެކަނި ރިދީއަށް އަހަރެންގެ ހިތް ހިބަކޮށްދެވުމެވެ. އިންތިހާއެއް ނެތް މިންވަރަށް ރިދީދެކެ ލޯބި ވެވުމެވެ. އަހަރެންގެ ހަޔާތުގައި އޮތް ހުސްކަން ފިލުވައިދީ، އަހަރެންގެ ހަޔާތް ފުރިހަމަކޮށްދިނުމަށް މިދުނިޔޭގައި ލެއްވި ހަމައެކަނި އުއްމީދަކީ ރިދީ އެވެ.
.................
ކައިވެނިގެ ކަންކަން ނިމުމާއެކު އަހަރުމެން، ލޮނުޒިޔާރަތް ޕާކުގެ ހިތްގައިމު މަންޒިލެއްގައި އިށީނީމެވެ. ގައިސަރްގެ ބޮލުގައި ރިއްސާތީ، އޭނާ ގޮވައިގެން ގެއަށް ދިޔައީ އަންޔާއާއި ނަޔާރާ އެވެ. ކާރު ދުއްވާނެ މީހަކަށް ގުރު ނެގިވަތުގު އަހަރެން ސަލާމަތްކުރެއްވުމަށް ދުއާކުރީމެވެ. ނަސީބަކުން އެކަން ކުރާންޖެހުނީ ރަޒީން އަށެވެ.
ހާސްކަމާއި ނުތަނަވަސްކަމުގެ ދުވަސްތަކަކަށްފަހު އަހަރުމެން ފަސް މީހުން މާލޭގެ މިފަދަ ތާކުން ދިމާވި މިއީ ފުރަތަމަ ފަހަރެވެ. އައްޑޫ ސިޓީގައި ބޭއްވި، ކާމިލްއާއި ގައިސަރްގެ ކައިވެންޏަށްފަހު، ފުލުފުލުގައި އަހަރެންގެ އެކުވެރިންގެ ކައިވެނިތައް ބާއްވަންފެށީ، ބޮޑު އީދެއް ފަދައިންނެވެ. އެމީހުންނަށް ނިކަން މަޖަލެވެ. އަހަރެންގެ ސިކުނޑިން ތެޔޮފެލޭވަރަށް ނަފްރަތުގެ އަލިފާނުން ކެކެމުންދާކަމެއް އެހެން އެކަކަށްވެސް ނޭގޭނެ އެވެ.
އަހަރެންގެ ނަމާއި ކައިވެނި، އެއް ޖުމުލައެއްގައި ހިމެނިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އޮތީ އެންމެ ބިރެކެވެ. މިކަމުގައި ރިދީގެ ވިސްނުމެއް އަހަރެންގެ މައުލޫމާތުގައި ނެތީމަ އެވެ. މިވަގުތު އަހަރެން ބޭނުމީ ރިދީއާއެކު މިތަނުގައި އެކަނިވެލާށެވެ. ނަމަވެސް ޗަމްޗީގެ ތިން ބޮޑީގާޑުންގެ ޒިންމާގައި އަދިވެސް ތިބީ އެވެ.
އެއްމިޔަކަނުން ހީލީމެވެ. އަހަރެންގެ ދުލުން އެންމެ އިބާރާތެއްވެސް ނުބުނެ މިމީހުން މިތަނުން ދުރަށް ފޮނުވާލާނެ ފޮމިއުލަރ އަހަރެން ކިބައިގައި އެބައޮތެވެ.
ވަރަށް ގާތްގޮތަކަށް ރިދީ ގައިގައި ބައްދާލީމެވެ. ދެން ތިބި މީހުން ލޯ މަރައިލާން މަޖުބޫރުކުރުވީ އެވެ. ލިބުނު ކާމިޔާބުގައި އަމިއްލަ ފުށްކިބައިގައި ދެފަހަރަކު ޖަހައިލީމެވެ. އެއަށްފަހު ރިދީގެ ގާތުގައި އިށީނީމެވެ.
"ވަރަށް މިސްވާނެ.. ހުރިހާ އެންމެންގެ ހަނދާންތައް އަހަރެންގެ ދަބަހަށް އަޅާއިގެން ދިއަޔަސް، މިފަހަރު ސަލާމމަތެއް ނުވާނެ.. އައްޑޫގެ ހަންދާންތަކާއި ޖެހިޖެހިގެން މިއައި ކައިވެނިތަކުގެ މަޖާ ކަންކަން ވަރަށް ވަރަށް މިސް ވާނެ.." އެންމެން އިށީނދެ ހަމަޖެހިލުމުން ރިދީ ބުންޏެވެ.
ރިދީ އިނީ އަހަރެންނާއި ޖެހިގެންކަމަށްވާތީ ފަނޑުއަލީގައިވެސް ރިދީގެ މޫނު ސާފުކޮށް އަހަންނަށް ފެނެ އެވެ. ރިދީ ފޮހެލި ކަރުނަ އެހެންމީހެއްގެ ލޮލުގައި އަޅައިގަތްކަމެއް ނުވަތަ ނޫންކަމެއް ނޭގެ އެވެ. އެ ސިއްރު ސާފުކޮށް އަހަރެން ދުށީމެވެ. ކުއްލިޔަކަށް ދުލުން ނުކުތީ ސުވާލެކެވެ.
"މިސް..!؟" ވާނުވާ ނޭގިފައި ސުވާލުކުރީމެވެ. އަހަރެން ސުވާލުކުރީ ރިދީއަށެވެ. ހުއްޓުން އެރީ ދެންތިބި އެހެން މީހުންނެވެ. ރިދީ އަނެއްކާވެސް ފުރަނީ ހެއްޔެވެ؟
"ހޫމް... މާލޭގައި ހުރުމުގެ ބޭނުމެއް ނެތްހެން ހީވާތީ، ލަންޑަންއަށް ދާން މި ވިސްނަނީ.. އީތަންގެ ހެޔޮފުޅުކަމުން ދިހަ އަހަރުގެ ވިސާ އޮތީ ލިބިފައި.. އެހެންވީމާއި އެއިގެ ބޭނުންވެސް ހިފަންވާނެނުން.." ލަސްލަހުން ރިދީ ބުނަމުންދިޔަ، ޖުމުލައިގެ ކޮންމެ ލަފްޒެއް އަހަރެން ސަމާލުވެ އަޑުއެހީމެވެ. އެބުނަނީ ކޮންމެވެސް ބޮޑު އެއްޗެއްކަން އެނގެ އެވެ. އެކަމަކު ހަގީގީ މައްސަލަ ސާފެއް ނުވި އެވެ. ރިދީ ލަންޑަންއަށް ދާން ޖެހުނީ ކީއްވެ ހެއްޔެވެ؟ ރާއްޖެއަކީ މިތަނުގައި ދިރިއުޅުން އާރާސްތުކުރާކަށް ނޫންހެއްޔެވެ؟
ޓްރެއިނިންގއަށް ރިދީ ފޮނުވަން ވިސާ ހޯދިއިރު ދިހަ އަހަރަށް ހޯދައިދެވުނުކަމުގެ މޮޔަ މިވަގުތު ހިތަށް އަރައިފި އެވެ. ހަގީގަތުގައި އެކަންކުރީ އޭގެ ފައިދާ އަހަރެން ހޯދުމުގެ ބޭނުމުގަ އެވެ. އަހަންނާއެކު ދަތުރުތަކުގައި ރިދީ ގެންދިއުމަށެވެ. އެކަމަކު މިހާރު ކަންކަން މިވަނީ ދިމާ އިދިކޮޅަށެވެ.
"ޔޫ..؟ ލަންޑަން؟ ކީއްވެ؟ ކޮން އިރަކުން؟" އަހަރެންގެ ސުވާލުތައް ނިކުތީ އަޑު ހަރުކޮށެއް ނޫނެވެ. ވައިއަޑުންނެވެ. ނަމަވެސް ރިދީގެ މައިބަދައިން ހީބިހި ހިލުވާލާހައި އަސަރާއެކު އެވެ.
"އަހަރެން ފުރަން ހުރިހައި ކަމެއް ނިންމާފަ މިތަނަށް އައީ.. ފްލައިޓް އޮތީ ފަތިހު.. އައްޑޫގައި ހުރެފައިވެސް އަހަރެން ބުނީމެއްނުން.. ވަރަށް އަވަހަށް ފުރަންށޭ މި އައީ.. ހަގީގަތުގައި ކާމިލްއާއި ގައިސަރްގެ ކައިވެންޏަށް އައީ.. އިއްތިފާގުން އަހަރުމެން އެންމެންގެ ގާތް ދެ އެކުވެރިންގެ ކައިވެނި ގާތްގާތުގައި އޮތީމައި، އިތުރަށް މަޑުކޮށްލީ..!" ލުއިގޮތަކަށް ހިނިތުންވާން މަސައްކަތްކުރަމުން ރިދީ ބުންޏެވެ. ރިދީގެ ހަމަބުއްދި ފިލައިދިޔައީ ކޮންއިރަކު ބާ އެވެ؟
ރިދީގެ އަތުގައި ހިފައި ކޮޅަށް ނެގީމެވެ. އިކާންއާއި ކާމިލް އަހަރެންގެ ހަރަކާތުގެ ސަބަބުން ގުޑާލަން ނޭގިފައި ތިއްބައި ރިދީ ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ނެރިގެން ގެނެސް، ކާރަށް އެރުވީމެވެ.
މާލޭގެ ހަލަބޮލި ޓްރެފިކްގެ ތެރޭގައި ދުއްވަން ކިތަންމެ އުނދަގޫވިޔަސް، އަހަންނަށް ވީވަރެއް ކުރީމެވެ. ބާރަށް ދުއްވާފައި އައިސް، ރިދީ ހުންނަ ހޮޓަލުގެ ކުރިމަށްޗަށް ކާރު ހުއްޓީމެވެ. ރިދީގެ ގެ ކުށްޔަށް ދީފައި ހުރުމުން މި ދަތުރުގައި ރިދީ ހުންނަނީ ގެސްޓްހައުސްއެއްގަ އެވެ.
"ފައިބާ..! މިއަންނަނީ ޕާކުކޮށްފައި!" އަހަރެންގެ އަޑުގައި ހަރުކަށިކަން އިންތިހާއަށް އުފެދުނު އިރެއްވެސް ނޭގެ އެވެ. ވާހަކަދެއްކުނީ އެންމެ މުނާސަބުގޮތަށް ނޫންކަން ގަބޫލުކުރަމެވެ.
..................
އަތުގައި ހިފައި ދަމަމުންކަހަލަ ގޮތަކަށް ގެނެސް ލިފްޓަށް އެރީމެވެ. ދިހަވަނަ ފަންގިފިލާއަށް ލިފްޓްހުއްޓެން މިހައި ގިނަވަގުތު ނަގާކަމެއް ކުރިން އިހްސާސްކުރެވިފަނެތީ ކީއްވެބާ އެވެ؟ ނުވަތަ އެހެންޏާއި ދުވަހަކުވެސް ނުވާވަރަށް އަހަރެންގެ ހިތް އަވަސްވެފައިވަނީ ބާ އެވެ.؟
"ފުރަން ނިންމީ ކީއްވެ؟ ކޮން އިރަކު ރިދީ ނިންމި ނިންމުމެއްތިއީ؟" ދުރުދުރުން ވާހަކަދެއްކުމަކީ އަހަރެންގެ ސިފައެއް ނޫނެވެ.
ކޮޓަރިއަށް ވަދެވުމާއެކު އަހަރެންގެ ހަރުއަޑުން ސުވާލުކުރީމެވެ. ބިރުން ފިއްކެނޑިފައި އިން ޅަބުޅަލެއް ފަދދައިން އަހަންނާއި ދިމާއަށް ރިދީ ބަލައިލި އެވެ. ރިދީއާއި ނުލައި އަހަންނަށް ދިރިނުހުރެވޭނެކަން ރިދީއަށް އޮޅުނީ ކޮންއިރަކު ބާ އެވެ؟
"އީތަން..! ރުޅި މަޑުކޮށްބަލަ! އަހަރެން ކުރިންވެސް ބުނީމެއްނުން.. އަހަރެން ރާއްޖެއައީ އެންމެ ތިން ދުވަހަށޭ.. އެކަމަކު ދުވަސް އިތުރުކުރީ ދެ ކައިވެނީގެ ދައުވަތު ލިބުނީމައި..!" ދޮގުހަދަން ފަސޭހަ ނުވިޔަސް ތެދަށް ބުނަން ޖެހިލުންވި އެވެ.
ކޯޓުގެ މަރުހަލާއެއް އޮތުމުން އެކަމަށް އަހަރެން އައީކަމަށް ބުނަން ބޭނުންނުވީ އެވެ. ކައިވެންޏަށް އައީ ތިން ދުވަހަށްކަން އެންމެންނަށްވެސް އިނގޭނެ އެވެ. އެ މައުލޫމާތު މިވަގުތުވެސް ތަކުރާރުކުރީ އެވެ.
"ރިދީ.. ޔޫ..!" ބުނެވުނީ ވަރަށް ބާރަށެވެ.
އަހަރެންގެ ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާފައި ދަތްކުނޑިވިކީމެވެ. ބޮލުމެދުން ދުން އަރާހެންވެސް ހީވަނީ އެވެ. ގަތް ބިރުން ފުންމައިގެން ގޮސް، ރިދީ ޖެހުނީ ފަހަތަށެވެ.
ހާލަތުގެ ޖަޒްބާތުގައި އަހަރެންގެ އަތް މައްޗަށް އުފުލާލެވުނީ ތަންކޮޅެއް ހަރުކަށިކަމާއެކު އެވެ. ރިދީއާއި ދިމާއަށް ބަލައިލެވުނު އިރު، ލިބުނު ޝޮކްގައި ރިދީގެ އަނގަހުޅުވި ދެލޯ ބޮޑުވެފައިވަނީ އިންތިހާއަށެވެ. ބިރުން ފިއްކެނޑިފައި ހުރިކަން ރިދީގެ ދުލުން ބުނާކަށް ނުޖެހެ އެވެ.
އަހަރެންގެ މެއަށް ހީވީ ގަނޑުފެން އެއްޗެއް އޮއްސާލިހެންނެވެ. އަހަރެންގެ ހާލަތު ބުނެދޭން މަސައްކަތްކުރީމމެވެ. ނަމަވެސް އެންމެ ލަފްޒެއްވެސް ބޭރެއްނުވި އެވެ. މުޅި ހަށިގަނޑުގައި ލޭ ކެކެން ފަށައިފި އެވެ.
"ރިދީ.. ހީކުރީ.. އަހަރެން.. އަހަރެން ރިދީއަށް ހަމަލާދޭން އަތް އިސްކުރީކަމަށްތަ؟" އަހަރެންގެ ދެ ލޮލުން އާވި ނިކުތީ ގަސްތަކު ނޫނެވެ.
މިވަގުތ އަހަރެންގެ އަމިއްލަ ހާލަތު އަހަންނަށްވެސް ނޭގެ އެވެ. ހިތުގައި ޖެހުނެވެ. މެއަށް ތަދުވި އެވެ. ބޮލަށް ބަރުވެ އެނބުރުންވެސް އެރި އެވެ. އެވަރުގެ އިތުބާރެއްވެސް އަހަންނާއިމެދުގައި ރިދީއަށް ނެތީ ހެއްޔެވެ؟
"އީތަން..! އައި- އައި..!" ރިދީގެ ލޮލުން ކަރުނަގަނޑު ފައިބައިގަތެވެ. ވާހަކަ ދައްކަން ރިދީއަށް ފަސޭހައެއްވެސް ނޫނެވެ.
"އީތަން ހުރީ ... އަހަރެންދެކެ އިންތިހާއަށް... ރުޅިއައިސްފައި.. އަހަރެން ހީކުރީ.. އެހެންވެ.. ހީކުރީ..!" ރިދީއަށް ރޮވިއްޖެ އެވެ.
"ރިދީ ހީކުރީ އަހަރެން ރިދީއަށް ހަމަލާ ދޭން އުޅެނީ ކަމަށްތަ؟ ރިދީއާއި ދިމާއަށް އަހަރެން އަތް އިސްކުރާނެކަމަށްތަ؟"
ރިދީގެ ހަރަކާތްތައް ގަބޫލުނުކުރެވުމުން އަހަރެން އަނެއްކާވެސް ސުވާލުކުރީމެވެ. އަހަރެންގެ ލޯބި ރިދީއަށް އިހްސާސްނުކުރެވެނީ ހެއްޔެވެ؟
އާއެކެވެ. އަހަރެން ރުޅި އައި އެވެ. އަދިވެސް، މިވަގުތުވެސް ރިދީގެ އެ ނިންމުމަށް އަހަރެން ދެކޮޅެވެ. އެކަމަކު އަހަރެންގެ އަމިއްލަ ނަފުސަށްވުރެން އަހަރެން ލޯބިވާ އިންސާނަކަށް ހަމަލާ ދިނުމަށް ނުވަތަ ނުރައްކަލެއް ކުރިމަތިކުރުމަށް އަހަރެން އަތް އިސްކުރާނެކަމަށް ރިދީއަށް ހީވުމަކީ މައްސަލައެކެވެ. މީހަކަށް ނަފުސާނީގޮތުން ކިތަންމެ ވަރުގަދަ އަނިޔާއެއްވެސް އަހަރެން ދީފާނެ އެވެ. އެކަމަކު ޖިސްމާނީ އަނިޔާއަކީ އެއާއި އަހަރެން އިންތިހާއަށް ދެކޮޅު ކަމެކެވެ. އެކަމެއް އަހަރެން ދުވަހަކުވެސް ނުކުރާނެ އެވެ.
އަދި ވަކިން، އަންހެންކުއްޖަކާއި ދިމާއަށް އަތް އިސްކުރުމަކީ، ދިރިހުއްޓައި އަހަރެން ވެއްޓޭނެ ދަށުދަރަޖައެއް ނޫނެވެ. އަހަންނަކީ ފިރިހެނެކެވެ. ފުރިހަމަ ފިރިހެނަކު، އަންހެން ކުއްޖަކާ ދިމާއަށް، އަނިޔާއަކަށް ވާގޮތަށް އަތްވެސް އުފުލާނުލާނެ އެވެ.
"އީތަން... އައި..!" އަހަރެންގެ އަތުގައި ހިފާފައި ރިދީ ބުނަން އުޅުނެވެ.
ހަމަ އެ ސިކުންތުގައި އަހަރެން އެ އަތް ފޮޅުވާލީމެވެ. މިވަގުތު ރިދީއަށްވުރެން އަހަރެން މިހުރީ އަހަރެންގެ އަމިއްލަ ނަފުސުދެކެ ރުޅިގަދަވެފަ އެވެ. އަހަރެން އެންމެ ލޯބިވާ އިންސާނާގެ ކުރިމަތީގައި، އަހަރެން ރުޅި ކޮންޓްރޯލްނުވެގެން، އޭނާއަށް އަހަރެން، ހަމަލާއެއް ދީފާނެކަމަށް ގަބޫލުކުރުމަކީ ވަރަށްބޮޑު މައްސަލައެކެވެ.
"ޑިސްގަސްޓިންގ –ރިދީ އިމާދު!" އަޑުގެ ނެތްތަނަށް އަހަރެން ހަޅޭއްލަވައިގަތީމެވެ.
އެންމެ ހިނދުކޮޅަކަށްވެސް ރިދީ ކުރިމަތީގައި ހުރުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. ބާރަށް ދޮރުލައްޕާފައި އެ ކޮޓަރީން އަހަރެން ނިކުމެއްޖައީމެވެ.
އަހަންނަކީ މޮންސްޓަރއެއްކަން އަހަރެން އަމިއްލައަށްވެސް ގަބޫލުކުރަމެވެ. އަހަރެންގެ އިހްސާސްތަކާއި އަހަރެންގެ ރުޅި ކޮންޓްރޯލްކުރުމަކީ އަހަރެން އެންމެ ބޮޑަށް ފެއިލްވެފައިވާ ކަންކަމެވެ. އަހަރެން ކުށްކުރަމެވެ. ގޯސް ހެދެ އެވެ. ކުދި ބޮޑު ހުރިހައި މިންވަރެއްގެ ގޯސް ހެދެ އެވެ. އެކަމަކު ދުވަހަކުވެސް ރިދީއަށް ޖިސްމާނީ އަނިޔާއެއް ނުދެމެވެ. އަހަރެންނާއިމެދު ރިދީ ދެކެފައިވާ ގޮތަކީ މިއީ ހެއްޔެވެ؟
.....................
ގަޑިއެއްހާއިރުފަހުން އަހަރެންގެ ގެއަށް އައީމެވެ. (ނުނިމޭ)