
ބިޒްނެސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިންތިޒާމުކޮށްގެން ބާއްވާ އުފެއްދުންތެރި ކަމުގެ ގައުމީ މަރުކަޒު "މޯލްޑިވްސް އެކްސްޕޯ 2025" އޮންނާނީ އަންނަ މޭމަހުގެ 23 އިން 30 އަށެވެ. މި އެކްސްޕޯ ކުރިޔަށް ދާނީ ހުޅުމާލޭ ސެންޓަރަލް ޕާކުގައެވެ.
ބީސީސީން ބުނީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ކުރިން 15 ބާވަތެެއްގެ އުފެއްފދުން ބައިވެރިކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން ގެނައި ބަދަލާއި އެކު މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން އަދަދަކަށް މިހާރު ތަކެތި ބައިވެރި ކުރެވޭނެކަމަށް ބީސީސީން ބުނެއެވެ.
މީގެއިތުރުން މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމުގެ އިތުރުން، މިހާރު މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރާ އަމިއްލަ އަށް ހުށައަޅައިގެންވެސް މައުރަޒުގައި ބައިވެރިވެވޭނެކަމަށް ބީސީސީން ބުނެއެވެ. މި ފޯމް ބީސީސީގެ ހެޑް އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ބީސީސީ އޮފީސްތަކުގެ އިތުރުން ބީސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި ފޯމް ފުރުމަށްފަހު އީމެއިލްގެ ޒަރީޢާއިން ނުވަތަ ބީސީސީގެ ހެޑް އޮފީހަށް ނުވަތަ އަތޮޅުގެތޭގެ ކޮންމެ ބިޒްނަސް ސެންޓަރަކަށް ފޯމު ހުށަހެޅުއްވުމުންވެސް ފޯމް ބަލައިގަންނާނނެކަމަށްވެސް ބީސީސީން ބުނެއެވެ.
މޯލްޑިވްސް އެކްސްޕޯ 2025 އަކީ މިހާތަނަށް ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒުކަމަށް ބީސީސީން ބުނެއެވެ. މި މައުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތަކަށްވެސް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް ބިޒްނެސް ސެންޓާ ކޯޕަރޭޝަން ބުނެއެވެ.
އެކްސްޕޯގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރޗް 2025 އެވެ.