
މި މަސައްކަތުގެ ތެރޭގައި ފެން ހަރުލާ ސަރަހައްދުތަކުގެ ކާނުތައް ސާފުކުރުމާއި، ފެން ހިންދުމަށް ހޮޅިއަޅައި ގުޅުވުމާއި، މަގުތައް މަރާމާތުކުރުން ހިމެނެއެވެ.
މި މަސައްކަތް ކުރިއަށްދަނީ މައިގަނޑު ތިން ސަރަހައްދެއްގައެވެ. އޭގެ ތެރޭގައި މަޖީދީމަގު އަތަމާ ޕެލަސް ކުރިމަތި ހިމެނެއެވެ. މި ސަރަހައްދުގައި ހަރުލާ ފެންގަނޑު ހިންދުމަށްޓަކައި ފާށަނާކިލޭގެފާނު މަގުގެ ކާނުތަކާއި މަޖީދީމަގުގެ ކާނުތައް ހޮޅިއަޅައިގެން ގުޅުވައި، އެ ސަރަހައްދުގެ މަގުތައް ފެން ނުހެދޭނެހެން މަރާމާތު ކުރެވޭނެއެވެ. އަދި މަޖީދީ މަގާއި ސޯސަން މަގުގެ ބައެއް ސަރަހައްދުތަކުގެ ކާނުތައް ސާފުކޮށް، މަގު މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތް ބެލައްވައިލެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން މަސައްކަތް ހިނގާ ސަރަހައްދަށް ރޭ ޒިޔާރަތްކުރެއްވިއެވެ.
މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން އިތުރު ފިޔަވަޅުތަކެއް ވެސް އަޅަމުންދެއެވެ. އޭގެ ތެރޭގައި ދާދި ފަހުން ޒަމާނީ ފެންވަރުގެ "ގްލޯބަލް" ދެ ޕަންޕު ގެނައުމާއި، އިތުރު ދެ ޕަންޕު ގެނައުމަށް ނިންމާފައިވެއެވެ. ކައުންސިލުން ބުނީ މި މަސައްކަތްތަކުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.