
މޯލްޑިވިއަންއިން ބުނީ މާލެއާއި އައްޑޫ ސިޓީ ގަމާ ދެމެދު ހަފުތާއަކު 2 ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މޯލްޑިވިއަންއިން ބުނާ ގޮތުގައި މި ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއެއްގެވެސް ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މީގެ ކުރިންވެސް މި ބޯޓުގެ ދަތުރުތައް އައްޑޫ ސިޓީ ގަމަށް ބާއްވާފައިވާއިރު، ޝެޑިއުލްޑް މެއިންޓެނެންސްއަށް މި ބޯޓުގެ ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ފެށުމަށް ނިންމާފައިވަނީއެވެ. މިހާރުވެސް މޯލްޑިވިއަންއިން މާލެއާއި ގަމާ ދެމެދު ކޮންމެ ދުވަހަކު ތިން ދަތުރު ބާއްވައެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އޭ320 ބޯޓަކީ 152 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގައި 14 ބިޒްނަސް ގޮނޑިއާއި 138 އިކޮނޮމީ ގޮނޑި ހިމެނެއެވެ. މޯލްޑިވިއަންގެ ފްލީޓުގައި ޖުމުލަ 25 ބޯޓު ހިމެނޭއިރު، މީގެ ތެރޭގައި އޭޓީއާރު72ގެ 2 އެއަރކްރާފްޓާއި، އޭޓީއާރު42ގެ ބޯޓަކާއި، ޑޭޝް8-300ގެ 7 ބޯޓާއި، ޑޭޝް8-200ގެ 2 ބޯޓާއި، ޑީއެޗްސީ-6 ޓްވިން އޮޓަރގެ 11 އެއަރކްރާފްޓާއި، ނެރޯބޮޑީގެ އެއަރބަސް އޭ320ގެ ބޯޓަކާއި އަދި ވައިޑްބޮޑީގެ އެއަރބަސް އޭ330ގެ ބޯޓެއް ހިމެނެއެވެ.
މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ބައިނަލްއަގުވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ގައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި ބޯޓަކީ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ ބޯޓެކެވެ. މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ.