ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން:-
މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު 10 މީހެއްގެ ވަނަވަރު އާންމުކޮށްފި
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ތުހުމަތުގައި 10 ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އާންމުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގެ ތެރެއިން މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކުރުމަށްފަހު، 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެހި ހޯދުމާ ގުޅިގެންކަމަށެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބައިވެރިވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

your imageރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހުން

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އިންޑޮނޭޝިއާގެ ތިން މީހަކާއި އިންޑިއާގެ ހަތް މީހަކު ހިމެނެއެވެ. އިންޑޮނޭޝިއާގެ މީހުންނަކީ 30 އަހަރުގެ ނަސްވަން އާދިލްއާއި 25 އަހަރުގެ އެޑްރިއަންސަޔާއާއި 30 އަހަރުގެ މުހައްމަދު އިގްބާލް މަކްރޫމެވެ. އަދި އިންޑިއާގެ ރައްޔިތުންނަކީ 35 އަހަރުގެ ޕްރަބާކަރަން ނަގަރާޖަން، 58 އަހަރުގެ ރޯމަންސް ސަންތިޔާ ފެނާންޑޯ، 22 އަހަރުގެ ގަނޭޝް ބޮމްމާލީ، 22 އަހަރުގެ ޑަތުކިލޭ ދަރްޝަން ވިޖޭ، 28 އަހަރުގެ ޕީޓާ ވިނީ، 28 އަހަރުގެ ސަރަން ޕަދްމަން އަދި 30 އަހަރުގެ ގޯސިކް ރާޖް ޖޭމްސް ނޮކްސްއެވެ.

ފުލުހުން ބުނީ ހައްޔަރުކުރެވުނު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް މީހަކު ފަސް ދުވަހަށް އަދި ފަސް މީހަކު އެއް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެއް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި މީހުންގެ ބަންދު އިތުރުކުރުމަށް މިއަދު ހާޒިރުކުރުމުން އެކަކަށް އިތުރު ތިން ދުވަހަށް އަދި ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް