ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް އޭނާ ގަނެފައިވާކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަހުމީ ވިދާޅުވީ އޭނާ ސްޓެލްކޯގެ އެމްޑީކަމާއި ހަވާލުވެޑައިގަތުމަށް ފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ އަބުރަށް އަރައިގަނެ، ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށް ދައްކާ ހަގީގަތާއި ހިލާފު، އަސާސެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ފަހުމީ ވިދާޅުވީ އޭނާ ފްލެޓެއް ގަންކަމަށް ބުނެ ވާހަކަ ދައްކަމުން ދާ ފްލެޓަކީ މީގެ އެތައް އަހަރެއް ކުރިން ގަނެފައިވާ ތަނެއްކަމަށެވެ.
" މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް." ފަހުމީ ވިދާޅުވިއެވެ.
ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް ފަހުމީ ވަނީ ގޮވާލައްވާފައެވެ.
" އެހެންނަމަވެސް، ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ އަޅުގަނޑު ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކޮށް، މަރުހަބާ ކިޔާނެ ވާހަކަ ދަންނަވަން." ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެއެވެ.