
ސާންތީ ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުންދާތާ ދުވަސްތަކެއް ފަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ސާންތީ ފަރުވާ ހޯދަމުން ދިޔައީ އިންޑިޔާގައެވެ. އެހެންނަމަވެސް ސާންތީވަނީ މީގެ ދުވަސްކޮޅެއް ކުރިން މާލެއަށް އެނބުރި އައިސްފައެވެ. ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ސާންތީއަކީ ދިވެހި ފުޓްބޯޅައިގެ އަގު ނުކުރެވޭނެ ފަދަ ހިދުމަތްތެރިއެކެވެ. 2008 ވަނަ އަހަރު، ރާއްޖޭން އެންމެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ސާންތީވަނީ އޭރުގެ ކޯޗު ޖޯސެފް ޔަންކޭޒްގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރިން އަދާކުރި ސާންތީ ނިޔާވީ ގިނަ ދުވަސްތަކެއްވަންދެން ބަލިވެ އުޅުމަށް ފަހުއެވެ.
ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުގެ އިތުރުން ސާންތި އަކީ ގައުމީ ކުޅިވަރު މަޖިލީހުގެ ވެސް ކުރީގެ މެންބަރެކެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ރޯލުވެސް ކުރިން ސާންތީ އަދާކުރިއެވެ.