ads
ސިއްރު
ސިއްރު - 52 ވަނަ ބައި
އެޕިސޯޑް 52
Advertisement

އިއްޔެގެ އަދަދު

ހޯސްލާފައި ފިނިފެން ފައިބަމުންދިޔަ ފެންމާގަނޑުދަށުގައި ހުރެވުނީ ކިހައި އިރަކު ކަމެއް ނޭގެ އެވެ. އިނގިލިތަކާއި ދެއަތްވެސް އޮތީ ފިނިވެގެން ނޫފައިގަތްފަ އެވެ. ފެންފޮދަކަށް ބޭނުންވެގެން ގޯޕާލްއާއި، ސްރޭޝްއަށް އެތައް ފަހަރަކު ގޮވީމެވެ. ފޯނަށް ޖަވާބެއްވެސް ނުދެ އެވެ. ކޮޓަރީގެ ފެން ޖަގު ހުރީ ހުސްވެފައި އެވެ. ތިރިއަށް ފޭބުން ނޫން ގޮތެއް ނެތެވެ.   

ބަޔަކު ބޭރުން ވާހަކަދައްކާ އަޑުއިވިގެން ބަލައިލީމެވެ. ގޭޓްކައިރީގައި ހުންނަ ސެކިއުރިޓީ ގާޑާއި އަދި ސްރޭޝް، ކޮންމެވެސް މީހަކާއި ވާހަކަތަކެއް ދައްކާތީ ރަގަޅަށް ބަލައިލީމެވެ. އެމީހުނާއެކު އެތަނުގައި ތިބީ ރިދީ އާއި އޭނާގެ ބޮޑީގާޑުންނެވެ. 

އައިސްފެނުން ފެންވެރީތީވެ، އަހަރެންގެ ހުރިހައި ނާރެއް މައިތިރިވެ، މިހާރު ސިކުނޑި ކޮންޓްރޯލް ކުރެވިއްޖެ އެވެ. އެތައް ގުނައެއް އަހަރެން މިހާރު ހަމަޔަކަށް އެޅި މުޅިން ބަރާބަރުވެއްޖެ އެވެ. އެކަމަކު ލޮލުގެ ކުރިމަތީން މިވަގުތުވެސް ފެންނަނީ އަހަރެންދެކެ ބިރުން ރިދީއަށް ވީ ގޮތެވެ. އަހަރެންނަށްޓަކައި ރިދީގެ ހިތުގައި އުފެދުނު އެ ބިރު، މިހިތުން ފިލާނެހެން ހިޔެއްވެސް ނުވެ އެވެ. 

އެމީހުންކައިރިއަށް އަހަރެންވެސް ނިކުތީމެވެ.  ފަހަރަކު މީހަކު ބައްދާލާފައި ރިދީއަށް 'ގުޑްބައި ސަލާމް' ކޮށްލަނީ އެވެ. ސީދާ އަހަރެންނަށް ރިދީގެ ސަމާލުކަން ހުއްޓުނެވެ. އެކަމަކު އަހަރެން އެންމެ ފަހަރަކުވެސް ރިދީއާއި ދިމާއަށް ބަލައިނުލަމެވެ. ޕާކިންގ ކައިރީގައި ދެ ލަގޭޖްފޮށި ހުއްޓެވެ.

ފެނުނު މަންޒަރުތަކުން، އަލުން އަހަރެން ގޭތެރެއަށް ވަނުމުގެ ހިޔާލު މުޅިން ވިއްސިވިހާލި ވެއްޖެ އެވެ. ޕާކިންއަށްވަދެ، ކާރު ނަގައިގެން ޑްރައިވަރު ސީޓްގައި ހަމަޖެހިލީމެވެ.

އަހަރެން ދޫކޮށްފައި މިވަގުތު ރިދީ ފުރައިގެން ދިއުމަކީ، ކުޑަ މިންވަރަކަށްވެސް އަހަރެން ހުއްދަކުރާނެ ކަމެއް ނޫނެވެ. އެކަން ވިޔަކަ ނުދޭނަމެވެ. އެކަކުވެސް އެކަށްޗެއްވެސް ނުބުންޏެވެ. އިރުކޮޅަކު ހުރުމަށްފަހު، ޑިކީއަށް އެއްޗެހި އަރުވާފައި، ކާމިލް އައިސް ޕެސެންޖަރ ސީޓްގައި އިށީނެވެ. އަހަރެންގެ ބެސްޓްފްރެންޑްގެ މަގާމް ކާމިލްއަށް ލިބިފައި އޮންނަނީ މިފަދަ އެތައް ސަބަބެއް އޮންނާތީ އެވެ. ބުނުމާކާއި ނުލައި އަހަރެންގެ ހުރިހައި ހަރަކާތެއް އޭނާ ފަސޭހައި ދެނެގަންނާނެ އެވެ. 

އިރުކޮޅަކުން، އަހާންއާއި އިކާން އަދި ރިދީ ފަހަތު ސީޓުގައި ހަމަޖެހިލައިފި އެވެ.

"އީތަން..!" ސީޓުގައި ލެނގިލަމުން ރިދީ ގޮވާލި އެވެ.

އަޑު ފަނޑުވެ، ދެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ ފައިބައިގަތެވެ. އަހަރެންގެ ދެ ލޯ މަރައި ތަގުޅިކޮށްލީމެވެ. ހަށިފުރައި ބާރުގަދަ ނޭވާއެއް ދޫކޮށްލުމަށްފަހު، އަޑުގަދަކޮށް ލަވަޖަހާލީމެވެ. ދައްކާ އެއްވެސް ވާހަކައެއް  އަޑުއަހަން ބޭނުން ނުވާކަން މިއަށްވުރެން ރަގަޅަށް ބުނެދޭނެ އެހެންގޮތެއް މިވަގުތު ނޭގެ އެވެ.

އަހަރެން ހިތުގައި ޖެހިފައިވާ މިންވަރު ރިދީއަށް އަންދާޒާކުރެވުމަށް، އެދި ހިތާއި ސިކުނޑިން ދުއާކުރީމެވެ.  

މަގުތަކުގައި ދުއްވަމުން ދިޔައީ އަޑުގަދަކޮށް ލަވަޖަހައިގެންނެވެ. ރެއާވިއު މިރަރއިން އިރުއިރުކޮޅުން އަހަންނާއި ދިމާއަށް ރިދީ ބަލައިލަ އެވެ. އެކަމަކު ދެނަހުރިކަމަށްވެސް އަހަރެން ނުހަދަމެވެ. ހަގީގަތަކީ ރިދީގެ ލޮލަށް ބަލާނެ ހިތްވަރު މިވަގުތު އަހަރެންގެ ކިބައިގައި ނެތީ އެވެ. އޮތީ ދެ ސަބަބެވެ.  އެއީ އޮޅިގެންވެސް އެ ދެ ލޮލަށް ބަލައިލެވިއްޖެއްޔާ، މިވަގުތު އަހަރެންގެ ކަރުނައެއް ނުހިފެހެއްޓޭނެ އެވެ. އަނެއްގޮތަކީ އަލުން އިއާދަވުމެން ނެތް މިންވަރަށް އަހަރެންގެ ސަބަބުން ރިދީއަށް ލިބޭނީ އިތުރު ހިތްދަތި އަނިޔާތަކެކެވެ.

މާލެވަށައި ބުރެއްޖެހުމަށްފަހު، އަހަރެން މިސްރާބުޖެހީ ސިނަމާލެ ބްރިޖަށެވެ. ރިދީ އެއާޕޯޓަށް ދިއުމަށެވެ. ކާރުތެރޭގައި އެކަކުވެސް އެއްވެސް އެއްޗެއް ބުނަން އަނގަވެސް ހުޅުވާނުލަ އެވެ. ކަންފަތް ފަޅާއިގެންދާވަރުގެ ގަދަ މިއުޒިކާއެކު ކާރު ދުއްވަމުން ދިޔައީމެވެ. ބްރިޖަށް އެރުމާއެކު އަހަރެންގެ އަތް މަތީގައި ކާމިލް އަތް ބޭއްވި އެވެ.

"ސްޕީޑް ކޮންޓްރޯލްކުރޭ!" ކާމިލް ދިނީ އޯޑަރެވެ. 

ހިތާއި ދެކޮޅަށްވެސް އަހަރެންގެ ސްޕީޑް މައިތިރިކުރީމެވެ. އެހެންމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފަ އެވެ. އަހަރެންގެ ޕްރިންސެސް އިނީ ބޭރުބަލާށެވެ. ދެ ލޮލުން އޮހޮރެމުންދިޔަ ކަރުނައަށް ނިމުމެއް ނާދެ އެވެ. ޕްރިންސެސްގެ ހާލަތަށް، އަހަރެންގެ ހިތުގައި އަޅަމުންދިޔަ ވޭން އިނގޭނީ އަހަންނަށެވެ. 

ދެހިތުގެ އަޑު އެއް ހިތުން އަނެއް ހިތަށް ފޮނުވާލާނެ ހިމޭން ވަސީލަތެއް ދުނިޔޭގައި އޮތްނަމައޭ ހިތަށްއެރި އެވެ. އެންމެ ލޯބިވާ ޕްރިންސެސްގެ ހިތުގައި ޖެއްސުމަކީ، މިހިތަށް ލިބޭ ކިހައިވަރެއްގެ އަނިޔާއެއްކަން ބުނެދޭނެ ގޮތެއް އެނގެން އަހަރެން ބޭނުމެވެ. ހަގީގީ ލޯބިވާ މީހުންނަށް ހިތްދަތިކަން ދިނުމަކީ ހާދަހައިވާ ބޮޑު ވޭނެކެވެ. އަމިއްލަ އަތުން އަމިއްލަ ހަށިގަނޑު ޒަހަމްކުރުމަށްވުރެން މި ވޭން ގަދަ އެވެ. 

......................

އެހެންމީހުންނަށް އުނދަގޫ ނުވާނެގޮތަށް ބަލާފައި، އެއާޕޯޓް ޓާމިނަލްގެ އަރިމައްޗަށް ކާރު ހުއްޓާލީމެވެ. އެހެން މީހަކަށްބެލުމެއްނެތި އަހަރެން ނިކުމެގެން އައިސް ޑިކީގައި ހުރި ތަކެތި ބާލައިފީމެވެ.

ޗަމްޗީގެ ތިން ބޮޑީގާޑުން އެކަކުއަނެކަކާއި ބައްދާލި އެވެ.

ކުއްލިޔަކަށް އިކާން އައިސް އަހަރެން ގައިގައި ބައްދާލި އެވެ. ހަގީގަތުގައިވެސް މީނާގެ ފިރިހެންވަންތަ ކަމުގައި މައްސަލައެއް އުޅެނީބާއޭ ހިތަށްއެރި އެވެ. 

"އަހަރުތަކަކަށްފަހު، އެކުގައި މި ހޭދަކުރެވުނު ވަގުތުތަކަށްޓަކައި އަހަރެން އުފާކުރަން.. ތެންކިއު ބަޑީ..!" ހީލާފައި އިކާން ބުންޏެވެ. 

އަހަރެންނަށް ހީކުރެވިފައި އޮތް ގޮތް ރަގަޅުނޫނީ ކަމަށް ވެދާނެ އެވެ. ހަގީގަތަށް ބުނަންޏާއި ނުރަގަޅު އެއްވެސް ކަމެއް އިކާން ފަރާތަކުން ނުފެނެ އެވެ. އޭނާއާއިމެދު ގޯސްކޮށް ދެކެވުނީ އަހަންނަށް ކަމަށް ވެދާނެ އެވެ. 

އަހާންވެސް އައިސް ސަލާމްކޮށްލި އެވެ. މިވަގުތުވެސް އިއުތިރާފްވާން ބޭނުމެވެ. އަހަރެން، އަހާންއާއި ރިދީގެ ގާތްކަމަށްޓަކައި ހަސަދަވެރިވެ އެވެ.

މިވަގުތު މިތިބީ އަހަންނާއި ރިދީ އެކަންޏެވެ. ވަގުތާއި ހާލަތު ދެނެނަގެފައި، ދެން ތިބި ދެމީހުންނާއެކު ޓްރޯލީ ހިފައިގެން ކާމިލް ދިޔައީ ކޮފީއެއް ހޯދަންކަން ޔަގީނެވެ.

"އީތަން..!" ނުހަނު މަޑުމަޑުން، ވަރަށް އަސަރާއެކު ރިދީ ގޮވާލި އެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީ އެވެ. މިކަމެއް އަހަންނަކަށް ނުވާނެ އެވެ! ރުޅިއައިސްފައި މިހެން ރިދީ ކުރިމަތީގައި ހުރުމަކީ އަޒާބެކެވެ. ހިތް ހީވަނީ މޭ ފަޅާފައި ނިކުމެދާނެ ހެނެވެ.

ތިބާ ލޯބިވާ މީހަކު، ބީވެގެންދާ މަންޒަރު ދުށުމަކީ ހާދަހައިވާ ގަދަފަދަ ވޭނެކެވެ. ހާއްސާކޮށް ދެވަނަ ފަހަރު ތިމާގެ ލޯބި، ތިމާ ދޫކޮށް ދިއުމުގެ ބިރު އިންތިހާއަށް ބޮޑެވެ. ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ނުލިބުނެވެ.

ކުއްލިޔަކަށް މަޑުމަޑު ދެއަތުން އަހަރެންގެ ކަނދުރާ ވަށާލައިފިއެވެ. ލިބުނު ސިހުމުގައި ހަށިގަނޑަށް ލޮޅުމެއް އެރި އެވެ. އަހަރެންގެ މޭގައި އެއް އަތް ބާއްވާލާފައި އަނެއް އަތް ފުރަގަހަށްވާގޮތަށް އަހަރެން ގައިގައި ނުހަނު ލޯބިން ބައްދާލި އެވެ. އަހަރެންގެ އިހްތިޔާރެއް ނެތި، ދެ އަތް ރިދީގެ ގައިގައި އޮޅާލީމެވެ. އަދި ގަޔާއި ކައިރިކޮށްލައި ދެ ހަށިގަނޑު ފިއްތާލީމެވެ. ދެހިތުގެ ވިންދު ގުޅުނީ އެވަގުތު އެވެ.

ރިދީގެ ގިސްލުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު، ހިތް ފަޅައިގެން ހިނގަށްޖެ އެވެ. ބޮލަށް ބަރުވެ ކޮޅަށް ހުންނާންވެސް އުނދަގޫވި އެވެ. ކުރިއަށްވުރެން ގާތްކޮށްލަމުން އަހަރެންގެ ދެ ލޯ މަރައިލީމެވެ. ލުއި ލިބޭތޯ އެވެ.

މެދުހަށިން ވާގިނެރެގެންވެސް ހިތްވަރުކުރީމެވެ. އެކަމަކު އަހަންނަކަށް އިހްސާސްތައް ކޮންޓްރޯލެއް ނުވި އެވެ. އެތައް ބަޔަކު އެތަނުގައި ހަރަކާތްތެރިވަމުންދިޔަކަން އެނގެ އެވެ. މަނާ ތަނެއްގައި ކާރު ބާއްވައިގެން ހުރުމަކީވެސް ކިހައިވަރެއްގެ ކަމެއްކަން އެނގެ އެވެ. ނަމަވެސް ތަގުދީރުވެސް ބައެއް ހާލަތްތަކުގައި އެހީތެރިވެދޭކަން އަހަރެން މިވަގުތު ގަބޫލުކޮށްފީމެވެ. އެތަނުގައި އަހަރެންގެ ކާރު އޮވެގެން ބަރުގޮނުއަޅާނެ މީހަކު ނުވި އެވެ. އެތަނުން ކާރު ދުރަށްލުމަށް އިންޒާރުކުރާނެ ސެކިއުރިޓީއެއްވެސް ނައި އެވެ. 

ރިދީ ހިތްފުރޭވަރަށް ރޮވުމުން ދުރަށް ޖެހިލުމަށް ހަރަކާތްކޮށްލި ވަގުތު އަހަރެންނާއި ދުރަށް ޖައްސާލީމެވެ. އަދި މަޑުމަޑު ދެ އަތުގައި ހިފާލާފައި އަހަންނާއި ދިމާއަށް އަނބުރާލީމެވެ. ރަތްވެފައިވާ ދެ ލޮލުން އަހަންނާއި ދިމާއަށް ދިރީ ބަލައިލީ އާދަޔާހިލާފް އުއްމީދަކާ އެކު އެވެ. އެ ލޮލަށް ބަލަން މިވަގުތު އަހަންނަށް ލާހިކެއް ނޫނެވެ. އެއީ ކޮންކަމަކާއި ގުޅުން އޮތް އުއްމީދެއްކަން ދެނެގަންނާކަށް ސިކުނޑި މަސައްކަތެއް ނުކުރި އެވެ. 

"ފުރައިގެން ދިއުން، ކޮންމެހެން ވަރަށް މުހިއްމުތަ؟" މަޑުމަޑުން އަހަރެން ސުވާލުކޮށްލީމެވެ. އަހަރެންގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރީވެސް ފަނޑުގޮތަކަށެވެ. 

ބަލިގޮތަކަށް ހީލަމުން އަހަރެންގެ މޫނުގައި ރިދީ ފިރުމާލި އެވެ.

"ކޭން ޔޫ ސްޓޮޕް މީ؟" ލޯބި އަޑަކުން ރިދީ ސުވާލުކޮށްލި އެވެ.

ހިމޭންކަން ނޫނީ އަހަރެންގެ ސިކުނޑިއަށް ނައި އެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ ރިދީއަކީ ނުވިސްނޭ ކުޑަކުއްޖެއް ހެއްޔެވެ؟ ނުވަތަ ތަންދޮރު ނޭގޭ ޖާހިލަކީ ހެއްޔެވެ؟ އަހަރެންގެ ރިހުމާއި އަހަރެންގެ އާދޭހާއި އަހަރެންގެ ވާހަކަތަކާއި އަހަރެންގެ ހަރަކާތްތަކުން، ހަމަ އެކަށްޗެއްވެސް ރިދީއަށް ނުވިސްނެނީ ހެއްޔެވެ؟ އަހަރެން ރިދީދެކެވާ ލޯބި، ރިދީއަށް ނޭގެނީ ހެއްޔެވެ؟ 

"ބައެއް ހާލަތްތަކުގައި، މަޑުކުރާނެ ސަބަބެއް ނެތުމަކީ، ފުރައިގެން ދިއުމަށް އެންމެ އައުލާކަން ބޮޑު އަދި  އެކަމަށް މަޖުބޫރުކުރާ ސަބަބު..!" ހީލަން މަސައްކަތްކުރަމުން ރިދީ ބުންޏެވެ.

ބޮޑުވައި އިނގިލިން އަހަރެންގެ ތުންފަތާއި ދާދި ގާތުގައި ފިރުމާލި އެވެ. ތޫނު އިހްސާސަކުން މުޅި ހަށިގަނޑުގައި ކަރަންޓުގެ ރާޅެއް ދައުރުކޮށްލި އެވެ. ލޯ މެރިގެން ދިޔަ ވަގުތުގައިވެސް ރިދީގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި އަހަރެން ދުށީމެވެ.

ފުން ނޭވާއެއް ލީ އަޑަށް އަހަރެން ބަލައިލީމެވެ. މުޅި ހަށިގަނޑުގައި ހުސްކަމެއް އިހްސާސްކުރެވުނެވެ. ރިދީގެ އަތް އަހަރެންގެ ގަޔާއިވަކިކުރީ ކޮންއިރަކު ހެއްޔެވެ؟ އަހަންނަށް ފުރަގަސްދީ ޓަމިނަލާއި ދިމާއަށް އެނބުރިއްޖެ އެވެ. އަތަރެސްފައިގެ ހުރިހައި އިނގިއްޔެއް އަހަރެންގެ ނަފުސަށް މަޖުބޫރުކުރަމުންދިޔައީ ރިދީ ހުއްޓުވުމަށެވެ. ދުވެފައި ގޮސް ރިދީގެ އަތުގައި ހިފައި އަހަރެންގެ ދެއަތުގެ ތެރޭގައި ހައްޔަރުކުރާން ބޭނުންވި އެވެ. އެނބުރި ދިއުމަކީ އަހަންނަށްވެސް އަދި ރިދީއަށްވެސް ވޭންދެނިވި، ރިހުމަކުން މުޅި ދިރިއުޅުން ބަދަލުކޮށްލާނެ، ހަލަބޮލިކަމެއްކަން ބުނެދޭން ބޭނުންވި އެވެ. އެކަމަކު އަހަރެންގެ އީގޯ އެކަމަށް އިޒުނައެއް ނުދިނެވެ! 

ދާދިގާތުގައި ކާމިލް ހުއްޓައި ފެނުމުން ހައިރާންވި އެވެ. އަހަރެންނާއި އެހައި ގާތަށް ކާމިލްއަކީ ކޮންއިރަކު ހެއްޔެވެ؟ ރިދީއަށް ޓްރޯލީ ހަވާލުކުރީ ކޮންއިރަކު ހެއްޔެވެ؟

ހިޔާލްތައް ދުރުކޮށްލީމެވެ. މިވަގުތު އަހަންނަށް މުހިއްމީ ރިދީ އެވެ. 

އެތެރެއަށް ވަނުމުގެ ކުރީން އަހަރުމެންނާއި ދިމާއަށް ބަލައިލި އެވެ. ކުރިއަށްވުރެން ދެ ލޯ ރަތްވެ، ކަރުނައިން ކޯތާފަތް ތެމެމުންދިޔަ މަންޒަރު އަހަރެން ދުށީމެވެ. ހުވަފެނީ ބުނެލުމަކުން 'ސޮރީ' ބުނެލާފައި އެތެރެއަށް ވަދެގެން ގޮސް ޗެކްއިން ލައިންގެ ތެރެއިން އަހަންނަށް ރިދީ ގެއްލިއްޖެ އެވެ. 

"ސޯ، އިޓްސް އޯވަރ..؟ ހާނނނނ؟" ނާއުއްމީދާއި ނަފްރަތާއި މަލާމާތުން ފުރިގެންވީ، ކުރު ބުނެލުމެކެވެ.

މޫނުގައި ދެ އަތް އަޅާފައި ކަނދުރާ ހަމަޔަކަށް އަޅުވާލުމަށް ކޮޅުކޮޅަށް އަނބުރާލީމެވެ. ކާމިލްގެ ކުރު ޖުމުލައިން އަހަރެންގެ އީގޯއަށް ލޮޅުން އަރައިފި އެވެ.

އިނގިލިތައް ދުރުކޮށްލާފައި ބިއްލޫރިގަނޑާއި ދިމާއަށް ނަޒަރު ހިންގާލީމެވެ. ބޯޑިންޕާސް ހިފައިގެން ރިދީ އެބުރެލީ އެވަގުތު އެވެ. މަލާމާތުގެ ހިންޏަކުން އަހަރެންގެ މޫނު އަލިވެއްޖެ އެވެ. 

"އީތަން އާއި ރިދީގެ ގުޅުމަކީ ދާއިމީ ސިއްކަ ޖަހާފައިވާ ގުޅުމެއް..! އަހަރުމެން ދެމީހުންގެ މި ގުޅުން ނިމޭނީ، އެކަމަށް އަހަރެން ބޭނުންވެ، އަހަރެންގެ ދުލުން އެކަން އިއުލާނު ކުރީމައި.. އެއިގެ ކުރިން މި ގުޅުމަކަށް ބާރެއް ނުފޯރުވޭނެ..!" މަކަރުވެރި ހިންޏަކުން ކާމިލްއަށް ޖަވާބުދިނީމެވެ.

ރިދީ އިމާދު އެވެ. އީތަން، ރިދީދެކެ އިންތިހާއަށް ލޯބިވެ އެވެ.

......................

(އީތަން)

ރޭގަނޑު ބަރު ނިންޖަށްފަހު ކަންނެއްކަމާއެކު ލޯ ހުޅުވާލާ ވަގުތުގައި ދެ ލޮލުގެ ވިދުވަރު ސަލާމަތްކުރެވޭނެ މަގެއް ހޯދަންވެއްޖެ އެވެ. ކޮޓަރީގެ އެއްފާރު އެއްކޮށް ބިއްލޫރިޖަހާފައި ބެހެއްޓުނު މޮޔަ ހިތަށްއެރި މިލިއަން ދުވަސްތަކުގެ ތެރެއިން މިއަދު މިއީ އެންމެ އަނިޔާ ބޮޑު ދުވަހެވެ. ކުޑަމިނުން ދޮރުފޮތިތައް ދަމާލާފައި ބެހެއްޓިނަމަވެސް މި ވޭން ތަހަންމަލްކުރާކަށް ނުޖެހުނީހެވެ.

"ޖާން..! ރިދީ..! ލޮލަށް އަވިނޭޅޭނެގޮތެއް ހަދާބަލަ.. ކާޓައިންސްތައް ދަމާލަބަލަ..!" ދެ ލޯ ނުހުޅުވާ އޮވެ ރުޅިގަނޑު ބާލާލީމެވެ.

އަތުޖެހުނު ބާލީސް ދަމައިގަނެގެން ބޯމަތީގައި ބާލީސްއަޅައި ފިލީމެވެ. 

"ޖާން..؟ ރިދީ..؟ މިހާރު ދެން ދުނިޔޭގައި ބާކީ އޮތީ ތިކަން ދޯ..؟ އަހަންނަކީ އަންހެނަކަށް ހަދާފައި، ކަލޭގެ ލޯބިވެރިޔާގެ ލަގަބު މަށަށް ދިނުން ދޯ؟" ކާމިލްގެ ހަޅޭއްލެވުމުގެ އަޑަށް ކަންފަތް ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ.

ވާނުވާ ރެއަކާލުމާއެކު ބާލީސްތައް އެތައްމިތަނަށް ބުރުވާލަމުން ފުންމައިގެން ތެދުވެއްޖައީމެވެ. އިހަށް ދުވަހު ކައިވެނި ކޮށްގެން، އަދި ހަނީމޫނަށްވެސް ނުގޮސް، އަލަތު އަނބިމީހާ ދޫކޮށްލާފައި މަގޭކައިރިއަށް އަރާ ނިދަން މިއޮތީ ކީއްވެގެން ހެއްޔެވެ؟ (ނުނިމޭ)

.............

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް