
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ތެލެސީމިއާ ސެންޓަރުން ލިބޭ ހިދުމަތްތައް ނުލިބޭކަމަށް ބުނެ ތެލެސީމިއާ ކުދިންގެ އާއިލާތަކުން ވަނީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންގެ އިސްތިއުފާއަށް ގޮވާ ރޭ މުޒާހަރާކޮށްފައި ވަނިކޮށެވެ.
ތެލެސީމިޔާ ކުދިން ބެލެނިވެރިން ރޭ ކުރި މުޒާހަރާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުވަނީ ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލު ބައްލަވާލައްވާފައެވެ. އަދި ރަައީސް ވަނީ ތެލެސީމިޔާ ސެންޓަރު ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ އޮރެންޖެ ހިޔާ އިމާރާތައްވެސް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތަށް ފަހު އެމަނިކުފާނު ދެއްވި އިންޓާވިއުގައި ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ހާލަތު އެގޮތަށް އޮތްކަން އެނގިވަޑައި ނުގަންވާކަމަށެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް މިއަދު މަޝްވަރާކުރައްވާފައިވާކަމަށެވެ.
އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ތެލަސީމިއާ ސެންޓަރު ހިންގަމުންދަނީ ޑިރެކްޓާ ޖެނެރަލެއް ނެތިކަން އެގުމުން އެ އެކަން ވަގުތުން ހައްލުކުރަން އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނަރުހުން މަދުވުމާއި، ސީނިއާ ފިޒިޝިއަނެއް ހަމަޖެއްސުމަށާއި، ތަނަށް ބޭނުންވާ އެކި ކަހަލަ އާލާތް ހޯދޭނެ ގޮތާއި، ލެބް ޓެކްނީޝަނުންނާއި އެކިއެކި މުވައްޒަފުން ހަމަޖެއްސުމަށް މަޝްވަރާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ، ފައިސާގެ ދަތިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖައްސަވާނެ ކަމަށެވެ. އަދި އެކަންކަން ކުރުމަށް އެންމެންގެ މަޝްވަރާގެ މަތިން މުހުލަތްތަކެއް ކަނޑައަޅާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގައި އަލަށް ގާއިމުކުރާ ތެލަސީމިއާ ސެންޓަރު ނިމެންދެންވެސް މާލޭގައި މިހާރު ހުރި ތެލަސީމިއާ ސެންޓަރުގެ ހިދުމަތް މިވަގުތަށް ރަނގަޅުކޮށްދެއްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.