
"ހެޓަކަށް ކައިގެން ބަނޑުދަމާފައި ނިދަންވީކީ ނޫން.. ވީ އެންމެ އަވަހަކަށް އެއަޕޯޓަށް ދާންވީ..! ތެދުވޭ އަވަސްކުރޭ! ޒުވާން އަންހެން ކުއްޖަކަށްވުރެން ފާހާނާގައިވެސް ގިނައިރުވެފައި ނިކުންނާނީ..! ވަގުތެއް ނެތް..! އެހެން އެންމެން ތައްޔާރުވެއްޖެ..!" ހަޅޭއްލަވަމުން އަހަރެންގެ ދެއަތުގައި ހިފައި ދަމާފައި ގެންގޮސް ފާހާނާއަށް ވައްދައިފި އެވެ.
"އަމިއްލަ ސިކުނޑި ބޭނުންކުރަން ނޭގޭއިރު އެހެން މީހުންގެ ބަސްއަހައިގެން ބުނާގޮތަށް ކަންކަން ކޮށްބަލަ!" ދޮރުލެއްޕުމާއެކު ނުހަނު ބާރަށް ކާމިލް ބުނެލިއަޑު އިވުނެވެ.
އެބުނީ އަހަރެން ރިދީ ނުހުއްޓުވި ވާހަކަ އެވެ. ތެދެކެވެ. އަހަރެންގެ ރިދީ ހިގައްޖެ އެވެ. އަހަރެން ދޫކޮށްފައި ރިދީ ހިގައްޖެ އެވެ. މުޅި ދުނިޔެއަށް އަހަރެން އެކަނިވެރިކޮށްފައި އަނެއްކާވެސް ރިދީ ދިޔައީ އެވެ. މިއީ ތަހަންމަލްކުރާން އުނދަގޫ އިހްސާސެކކެވެ. އަހަރެންގެ ލޮލުކޮޅަށް ނުފެންނަ ހިސާބަށް ރިދީ ދިޔައީންސުރެން ހިތް ނުތަނަވަސްވަނީ އެވެ. އެކަނިވެރިކަމުގެ އިހްސާސަކީ މަރުބައްޔެއްފަދަ ދައުވަތެކެވެ. އެއީ އެއްވެސް އިންސާނަކު އެނގިހުރެގެން ވެއްޓޭނެ ވަޅުގަނޑެއް ނޫނެވެ. އެކަމަކު އަހަރެންގެ މިވަގުތުގެ ހާލަތަކީ މމިއީ އެވެ.
އަހަރެން ދޫކޮށް ރިދީ ދިޔަފަހުން އަށާރަގަޑީރު ފާއިތުވީ އެވެ. މުޅިން އެހެން ދުވަހަކަށް އިރުއަރައިގެން ދުނިޔެ، އެއިގެ ވާޖިބައިގެން ބުރުއަޅަނީ އެވެ. އަހަރެންގެ ރަށްޓެހިން އަހަންނާއި ދިމާއަށް ގޮވިއެއްޗެހި އަދިވެސް ކަންފަތުގައި އެބަހުއްޓެވެ. އެމީހުންގެ އެ ސަޒާއަށްވެސް ކެތްކުރުން ނޫން އެހެން ގޮތެއް ނެތެވެ.
ހުރިހައި އެންމެން އެއްޗެހިކީ އަހަރެން، ރިދީ ނުހުއްޓުވީތީ އެވެ. ރިދީގެ ކުށެށް އަހަރެންގެ ރަށްޓެހިންނަކަށް ނުފެނުނެވެ. އެކަމަކު އަހަންނަށް ނޭގި ރޭވިރޭވުމަކަށް، ނަގާފައި އޮތް ޓިކެޓަކަށް ރިދީ ދަތުރުކުރުން ހުއްޓުވުމުގެ ބާރު އަހަރެން އަތުގައި އޮތްކަމަށް ރިދީ އިޝާރާތްކޮށްފައެއް ނެތެވެ. ރައްޓެހިންގެ ތުހުމަތަކީ ފުރިޔަނުދީ ނުހިފެހެއްޓި މައްސަލަ އެވެ. އަހަންނަކީ ބޮލީވުޑްގެ ސްކްރީންތަކުންފެންނަ ކަހަލަ 'ހީރޯ'އެއް ނޫނެވެ. އެއާޕޯޓްތެރެއަށްވަދެ، ސެކިއުރިޓީ ފަޅާލާފައި ރޮމުން، ދުވަމުންގޮސް، އަހަރެންގެ ބައިވެރިޔާ ގެނެސް އަތުތެރެއަށް ލުމަކީ އީތަން މުހައްމަދު މަނިކުގެ ސްޓައިލެއް ނޫނެވެ.
އަހަރެން ދޫކޮށް ރިދީ ދިއުމާއެކު އަނދިރިކަން ވަށާލައިފި އެވެ. ފާއިތު މިވަނީ ދިރުމެއް ނެތް އެތައް ގަޑީރެކެވެ. ހަށިފުރައި ނޭވާއެއް ލުމަކީ އަހަރެންގެ އިހްތިޔާރުގައި އޮތް ކަމެއް ނޫނެވެ. މީގެ ދެއަހަރު، ދޮޅުއަހަރު ފަހަތަށް އަހަރެން ދިރިއުޅުން ވިއްސައިގެން ދިއުމަކީ އަހަންނަށްލިބުނު އެންމެ ބޮޑު މާޔޫސްކަމެވެ.
އެކަމަކު މިފަހަރު ތަފާތަކީ، ކުރިން އަހަރެން ހެދި ގޯސް، ދެން ދުވަހަކުވެސް ތަކުރާރުވުމަށް އަހަރެން ފަރުސަތެއް ނުދޭނެކަމެވެ. އަހަރެން ދޫކޮށްފައި ދިއުމަކީ ރިދީގެ ނިންމުމެވެ. އެކަމަކު ރިދީ ދޫކޮށްލުމަކީ މި އީތަންގެ ނިންމުމެއް ނޫނެވެ. ކުށް ކުރެވިއްޖެ އެވެ. ތަކުރާރުކޮށް އިންސާނެއްގެ ހިތަށް އަނިޔާ ލިބިއްޖެ އެވެ. ދެން އިތުރަށް އެކަން ކުރުމުގެ އިޒުނައެއް އެހެން އެއްވެސް މީހަކަށް ދިނުމަށް އަހަރެން ދޫކޮށްނުލާނަމެވެ.
ހިނިތުންވެފައިވާ ތާޒާ މޫނަކާއިގެން އަހަރެން ފާހަނާއިން ނިކުތީމެވެ. މިއީ ރިދީގެ ޖާދޫގެ ބާރެވެ. ރިދީގެ ހަނދާންތަކުގެ އަޑިއަށް އަހަރެން ފީނި ވަރަކަށް ލިބެނީ ތާޒާކަމާއި ފިނިކަމާއި އަރާމެވެ.
ރިދީ އިމާދެވެ! ތިއައީ ޖާދޫގަރެއް ހެއްޔެވެ؟ އަހަރެންގެ ހިތް ލޯބިން ދިވާނާކޮށްފި އެވެ.
ތާޒާކަމާއެކު އަހަރެންގެ ކޮޓަރީން ނިކުމެގެން ތިރިއަށް އައިއިރު އަހަރެންގެ ހުރިހައި ރައްޓެހިންގެ ތުންގަނޑު ހަރިޔަނަށް ދަމާފައިވެ އެވެ. އަހަރެން ލަސްވެގެންނެވެ. ފަހަރަކު މީހަކަށް ބަލައިލީމެވެ. ލޮލުގެ ކަޅި އަހަންނާއި ދިމާއަށް އަނބުރާނުލާ ހަމައެކަކުވެސް ނެތެވެ.
"މާތްކަލާކޯ، ދުނިޔޭގައި އެކުވެރިންނަކީ ތިއީ...! ލޯ އަޅާ..! ލޯއަޅާ..! ތުންގަނޑުވެސް އަދިވެސް ދަމާ..! ދެ ލޯވެސް ވަށްކުރޭ..! އަހަރެންގެ ލަވް އޮފް ލައިފް، ތިޔަ އަނިޔާވެރިންގެ އަތްމައްޗަށް އަހަރެން ދޫކޮށްލާފައި ދިޔަފަހުން ސައުވީސްގަޑީރުހަމަވުމާއި ގާތްވެއްޖެ..! ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް އަހަރެންގެ މައްޗަށްވެސް ބާއްވަބަލަ..!" ފޭކް ކަރުނަ ފޮހެމުން އަހަރެންވެސް ޑްރާމާ ދައްކާލީމެވެ.
"ހޫމް.. ހީވޭ ރިދީ މިނިވަންކަމާއެކު ނޭވާލާން ދޫކޮށްލާނެހެން..!" އަހަންނާއި ދިމާކުރަން ރަޒީން މަލާމާތްކުރި އެވެ.
ހިނިއައެވެ. ވަރަށް ބާރަށް ހޭންވެސް ބޭނުންވި އެވެ. ތެދެކެވެ. އަހަރެން ދޫކޮށްލާފައި ގޮސް، ރިދީ އެކަނި އުޅެން އަހަރެން ފުރުސަތެއް ނުދޭނަމެވެ. ރިދީގެ ދިރިއުޅުމުގެ ކޮންމެ ސިކުންތެއްގެ ހައްގުވެރިއަކީ އަހަންނެވެ.
އަހަރެންގެ ކިބައިން މިންޖުވުމަކީ ފަސޭހަކަމެއްކަމަށް މިސް، ރިދީ އިމާދުއަށް ހީވުމަކީ ވަރަށް ބޮޑު އޮޅުމެކެވެ!
.......................
(ރިދީ)
އަހަންނަށް އެންމެ ފަހުން އީތަން ފެނުނުފަހުން ސައުވީސްގަޑީރު ފާއިތުވެއްޖެ އެވެ. އަހަރެންގެ އީތަން އެންމެ ފަހުން ފެނުނުނީ މީގެ ސައުވީސްގަޑީރު ކުރިންނެވެ. އެ ހަސްކީ، ފިރިހެންވަންތަ އަޑާއި އެ ބަލައިލުމާއި އަތުގައި ހިފައިލާ އާދަޔާހިލާފު އަސަރުތައް އަހަރެންގެ މި ހިތް އިހްސާސްކުރީ މީގެ ސައުވީސްގަޑީރު ކުރިންނެވެ. ލޯބިލޯބިން އަހަރެންގެ ދެއަތުގައި ހިފައިލި އިހްސާސްތަކުގެ ހުސްކަން މުޅި ހަށިގަނޑު ތަހަންމަލްކުރަނީ އެވެ.
ހޫނު ކަރުނަތައް ފޫއަޅުވާލާފައި އެސްފިޔަތައް ލައްޕާލީމެވެ. އަހަރެންގެ ނިއްކުރީގައި އީތަން ކިސްކޮށްލި ޖަޒްބާތުން މުޅި ހަށިގަނޑުގައި ގަދަރިހުމެއް އުފެދިއްޖެ އެވެ. ތަނަވަސް މޭމަތީގައި ބޯއަޅާލައިގެން، އެ ކަނދުރާގައި ބީހިލުމުގެ އިހްސާސް އަހަރެންގެ ޖިސްމް ބަލިކަށިކޮށްފި އެވެ. އީތަންއަކީ އަހަންނަށްޓަކައި ލެއްވި ޖާދޫގަރެކެވެ. އަހަރެންގެ ހުރިހައި ކޮންޓްރޯލެއް އީތަން ލިބިގަންނަ ގޮތެއްވެސް ނޭގެ އެވެ. އަހަރެންގެ އިހްތިޔާރިގައި އަމިއްލަ ނޭވާއެއްވެސް ނުނިކުމެ އެވެ.
މޫސުން ގޯސްވެ، ޑިލޭވުމުގެ ވަރުބަލިކަމާއެކުވެސް އަހަރުމެންގެ ފްލައިޓް ލަންޑަންގައި ލޭންޑްކޮށްފި އެވެ. މުޅި ދަތުރުގައި އަހަރެންގެ ކަމަކީ ބްލޭންކެޓް އޮޅައިގެން އޭގެތެރޭގައި އޮވެ، ރުއިމެވެ. ކަންފަތުގައި މިއުޒިކު ގުޅާފައި ހުއްޓަސް، ދެލޮލުގެ ކަރުނައަށށް ބަދަލެއް ނައި އެވެ.
އަހަރެންގެ ދިރިއުޅުމުގެ މިވަގުތުގެ ހަގީގަތް އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ.
އަހަރެންގެ ލޯބި ދެވަނަފަހަރަށް ނާކާމިޔާބުވެ ހުރިހައި އުފަލެއް ބީވެއްޖެ އެވެ. އަހަރެންގެ ލޯބި ދެވަނަ ފަހަރަށް ފެއިލްވެއްޖެ އެވެ.
ހަވަނަ ހިއްސު ދިނީ އުއްމީދެކެވެ. އެއީ ފަހުމެއް ކަމަށްވިޔަސް މައްސަލައެއް ނެތެވެ. ބޯޓުން ފޭބުމާއެކު ފުރަތަމަވެސް އަހަރެން އަޑުއަހަން ބޭނުންވަނީ އަހަރެންގެ އީތަންގެ ހިތްގައިމު އަޑެވެ. އެއީ އީތަންއަށްޓަކައި އަހަރެން ހިތުގައި އޮތް ލޯތްބާއި، އެ ލލޯތްބަށް އޮތް ގަދަރެވެ. އެކަން ބަދަލުކުރެވޭނެ މީހަކު ނުހުންނާނެ އެވެ.
އީތަން ބޭނުންވަގުތަކު އޭނާގެ ދިރިއުޅުމުން އަހަރެން ނެރޭށެވެ. ބޭނުން ނެތުމުން އެއްލާލާށެވެ. އެކަމަކު، މިހަށީގައި އެންމެ ވިންދެއް ހުއްޓައިވެސް މިހިތަކުން އީތަން ނެރި ބޭރުކުރެވޭނެ މީހަކު ނުހުންނާނެ އެވެ. އެއީ އަހަރެންގެ އީތަން އެވެ. ކިރެމުން ކިރެމުން، ދަތުރުކުރާ ފައިދިގުމަކުނެއް ފަދައިން އީތަންގެ ދިރިއުޅުމުގައި އަހަރެން ރަނިކަން ކުރާނަމެވެ. އެއީ މިހިތުގެ އެންމެ ސާފު ލޯތްބެވެ.
މާލޭގައި އަހަރެން ހުރި ހޮޓެލްގެ ކޮޓަރީގައި ހިނގާދިޔަ ހާދިސާ، ލޯކުރިމަތީގައި ސިފަވި އެވެ. ކުށްވެރިޔަކީ އީތަންއެއް ނޫނެވެ. ހުރިހާވެސް މައްސަލައަކީ އަހަރެންނެވެ. އީތަންގެ ރުޅިއާއި އޭނާގެ ރުޅިކޮންޓްރޯލްކުރުމުގެ ހުރިހައި މަންޒަރެއް އެންމެ ފުރިހަމައަށް ޑައިރެކްޓްކުރެވޭނެ މީހަކީ އަހަންނެވެ. އަހަރެންނަށް ހަމަލާއެއް ދީފާނެކަމަށް ނުވަތަ ޖިސްމާނީ އަނިޔާއެއް އީތަން ދޭނެކަމަށް އަހަރެންގެ ހިތަށް އެރުވުމަކީވެސް ކުށެކެވެ. އެފަދަ ގޮތަކަށް އީތަންއާއިމެދު އެންމެ ސިކުންތަކަށް އަހަރެން ވިސްނުމަކީވެސް ކުށެކެވެ. އެއީ އަހަރެންގެ އީތަން އެވެ.
މީހަކު ނޭވާއެއްލާ ގޮތަކުންވެސް އީތަންގެ ރުޅިގަނޑު ބޮލުމެދުން ނިކުމެދާނެކަން އަހަންނަށް އެނގެންވާނެ އެވެ. ރަގަޅު ހުރިހައި ކަމެއް ގުޅިއަކަށް އަޅާފޮރުވާފައި، ނުރަގަޅު ހުރިހައިކަމެއް އަމިއްލަ މުށުތެރޭގައި ގެންގުޅޭ އީތަންއަކީ އަހަރެންގެ ހައްގެކެވެ. އީތަންގެ ކޮންމެ ކުށަކީ އަހަންނަށްޓަކައި ވިދާބަބުޅާ އުޖާލާކަމެކެވެ!
ލޯތްބަކީ މިއެވެ. އެމީހަކު، އެމީހެއްގެ ގޮތުގައި ބަލައިގަތުމެވެ. އިންތިހާއަށް އަހަރެންގެ އީތަން ދެކެ ލޯބިވެ އެވެ. އީތަން މުހައްމަދު މަނިކާއި ނުލައި ރިދީ އިމާދުގެ ނޭވާ ފުރިހަމައެއް ނުވާނެ އެވެ.
ލަގޭޖްތައް ނަގައިގެން އަހަރުމެން ނިކުތީމެވެ. ލޯބިވާ މީހުންގެ އިންތިޒާރުގައި ހިނިތުންވެފައިތިބި އެތައް މޫނެއް ދުށީމެވެ. ލިބުނީ މާޔޫސްކަމާއި ނާއުއްމީދެވެ. އަހަރެންގެ މި އައު ބަދަލުގައި ދިރުމެއް ނެތްކަން އިހްސާސްވެއްޖެ އެވެ. އެތައް ހާސްމޭލެއް ދުރަށް އަހަރެން މިއައީ އަހަރެންގެ އުއްމީދުތައް ވަޅުލާފަ އެވެ.
ވަށައިގެން ތިބި މީހުންގެ ހިނިތުންވުން ބެލުމުގެ ޝައުގުވެރިކަން ނެތުމުން، އިސްޖަހައިލީމެވެ. ހަމަ އެ ސިކުންތުގައި ދެ ލޯ ބޮޑުކޮށްފައި ކުރިމައްޗަށް ބަލައިލީމެވެ. އަހަރެންގެ އީތަންއާއި ވަރަށް ވައްތަރު ސޫރައެއް ފެނުނުހެން ހީވުމުން ދެބުމަ ގާތްކޮށްފައި ބެލީމެވެ. ދެ ލޯ ފޮހެލާފައިވެސް ބަލައިލީމެވެ.
މިއީ ހުވަފެނެއް ނޫނެވެ. ފެންނަނީ ހަގީގަތެކެވެ. ގޮތްނޭގޭ ހިނިތުންވުމެއް މޫނުމަތި އުޖާލާކޮށްފި އެވެ.
"އީތަން!" ވައިއަޑުން އަހަރެންގެ އީތަންގެ ނަން ކިޔާލީމެވެ.
ހިތްކަތިލާފަދަ އިޝްގީ ހިނިތުންވުމަކުން އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރީ އަހަރެންގެ އީތަން އެވެ. ކޮނޑުގެ އެއްއަރިޔަކަށް ބެކްޕެކް އަޅުވާލާފައި ހުއްޓެވެ. ފެންނަފެނުމަށް ވަރަށް ތާޒާ އެވެ. އަހަރުމެން ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ ހުވަފެނީ ފިނިފިނި ވައިރޯޅިއަކާއެކު އެވެ. ފިރިހެންވަންތަ ގޮތަކަށް ހުއްޓިލައިގެން ހުރީ، އީތަން ހުރަސްކުރާ ކޮންމެ އަންހެން ކުއްޖެއްގެ ނަޒަރު އޭނާއަށް ހުއްޓާލަން މަޖުބޫރުކުރުވާފަ އެވެ.
އަހަރެންގެ ފަރުވާލެއް ނެތެވެ. އެއީ ހަމައެކަނި އަހަރެންގެ ލޯތްބެވެ. ހިތުގައި ބާރުގަދަ ވިންދެއް ޖަހައިލި އެވެ. އަތުގައި އޮތް ހޭންޑްލަގޭޖް ދޫކޮށްލާފައި ފުމެމުން ދުއްވައިގަތީމެވެ.
އަހަންނަށް ޔަގީންވި އެވެ. އަހަރެންގެ އީތަން ދުވަހަކުވެސް އަހަރެން ދޫކޮށްނުލާނެ އެވެ. އަހަރެންގެ އީތަން އަހަރެން ދެކެ އިންތިހާއަށް ލޯބިވެ އެވެ. ދުވަހަކުވެސް މި ލޯތްބަށް ނިމުން އައުމަށް އީތަން ނޭދޭނެ އެވެ.
އިކާންއާއި އަހާންބޭބެ އަހަރެންގެ ނަމުން ބާރަށް ގޮވި އެވެ. އެމީހުންނަށް ޖަވާބުދިނުން މިވަގުތު މުހިއްމެއް ނޫނެވެ. ކުރިމަތީން ދިމާވި ކޮންމެ މީހަކު ކޮށްޕަމުން، އެންމެންގެ ތެރެއިން އަހަރެން ދުވެފައި ނިކުރީ ވަރަށް ބާރަށެވެ. ދެތިންފޫޓެއްހައި ދުރުމިން އަހަރުމެން ދެމީހުންގެ ދެމެދު ހުއްޓައި އަހަރެން އީތަންއާއި ދިމާއަށް ފުންމާލީ، އެއިގެ ޝިކާރައާއި ދިމާއަށް ބާޒެއް ތިރިކުރާހައި ބާރަށެވެ. އީތަންގެ ކަނދުރާގައި އަހަރެންގެ ދެއަތުން ބާރަށް ބެއްދީމެވެ. އެތަނަށް ނުވެއްޓި އީތަން ސަލާމަތްވީ އަހަރެންގެ އެ ހަރަކާތަށް އީތަން ނުހަނު ކުޅަދާނަވީމަ އެވެ. ގައިގައި ދެވަނަ ހަމެއް ލެވިފައިވާ ފަދައިން، އޭނާގެ ދެއަތުން އެ ހަށިގަނޑުގައި އަހަރެން ތަތްކޮށްލި އެވެ.
އަހަރެންގެ ލޯބިވާގެ މޭގައި، މޫނު ފޮރުވާލަމުން ދެއަތުން އެ އިޝްގީ ކަނދުރާގައި ބާރަށް ބެއްދީމެވެ. އުނަގަނޑުގައި ދެއަތުން ބައްދާފައި އީތަން އަހަރެން އުފުލާލީ އެވެ. އެންމެ ތަންކޮޅެއްވެސް ދެ ހަށިގަނޑު ދުރުކޮށްނުލަ އެވެ.
އަހަރެންނަށްޓަކައި އަހަރެންގެ ލޯބި މިހުރީ އައިހެވެ. އަހަރެންގެ އީތަން އައިސް މިހުރީ އަހަރުމެންގެ ލޯތްބަށްޓަކަ އެވެ. އެތައް އިރެއްގެ ލޯބި ބައްދާލުމަކަށްފަހު ބިމުގައި އަހަރެން ބަހައްޓާލި އެވެ. ލޯތްބާއެކު އަހަރެންގެ ނިއްކުރީގައި ކިސްކޮށްލި އެވެ. ލިބުނު އަރާމުގައި އެސްފިޔަތައް ލައްޕާލީމެވެ.
އަހަރެންގެ މުޅި ދުނިޔެ އަހަރެންނާއި މަކިވެއްޖެކަމުގެ އިހްސާސްކުރެވުނު ވަގުތު، އަހަރެންގެ ދުނިޔެ އަހަރެންގެ ކުރިމަތީން ބައްދަލުކުރީ އެވެ. އަހަރެންގެ އުއްމީދު، ކާމިޔާބު ހޯދައިފި އެވެ. އީތަން ލަންޑަންއަށް އެއައީ އަހަރެންނަށްޓަކަ އެވެ.
"މިސްޑް މީ ސޯމަޗް، ހާން..!؟" އަހަރެންގެ އީތަން ސަމާސާކޮށްލި އެވެ. އަސުރަށް ފޮޅިފައި އިން އަސުރުމަލެއް، މޯޅިވެލާ ފަދައިން އަހަރެން އިސްޖަހައިލީމެވެ. ތިރީ ތުންފަތުގައި ދަތް އަޅައިލެވުނީ ލަދުން، ކޯތާފަތް ހޫނުވީތީ އެވެ. (ނުނިމޭ)