
މިއީ އިމިގްރޭޝަންއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މުއައްސަސާގެ އިސްވެދިޔަ ހިދުމަތްތެރިންނާއި މިހާރުވެސް މަސައްކަތްކުރައްވާ މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެ ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ވާހަކައެކެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިމިގްރޭޝަންގެ ހިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި، އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ހިދުމަތްތެރީންނަށް މަރްޙަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ. އިމިގްރޭޝަންގެ ހިދުމަތްތެރިންގެ ހީވާގި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ތަރައްގީއަށް ލިބެމުންދާ ކުރިއެރުންތަކަށް ރައީސް އިޝާރާތްކުރެއްވިއެވެ.
އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނުންވަނީ ނިންމަވާފައެވެ. މިގޮތުން ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ފަންފެއަރ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒް އެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ މަގްސަދަކީ އިމިގްރޭޝަންގެ ހިދުމަތްތަކާ ގުޅޭގޮތުން އާންމުންނަށް އިތުރަށް ހޭލުންތެރިކުރުވުމާއި، ހިދުމަތްތެރިންގެ މަސައްކަތްތައް ފާހަގަކޮށް އަގުވަޒަންކުރުމެވެ.
ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ހިދުމަތް ދޭންފަށާފައިވަނީ 1950 ވަނަ އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. އެހެންކަމުން މިއަހަރަކީ އެ ހިދުމަތް ފެށިތާ 75 އަހަރު ފުރޭ ޚާއްސަ އަހަރެކެވެ. ރައީސް މުޢިއްޒު ވަނީ އިމިގްރޭޝަންގެ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައި، އެ މުއައްސަސާގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޤައުމީ ތަރައްގީއަށް އިމިގްރޭޝަނުން ކުރާ ހިދުމަތްތައް ފާހަގަކުރައްވާފައިވެއެވެ