
މިއަދު ރައްޔިތުންގެ މަޖިލީހުގައި ޓްރާންސް ޕޯޓު މިނިސްޓްރީގެ މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ސައުދުﷲ ވިދާޅުވީ، 21 އަހަރުގެ ކުއްޖަކު ދަންވަރު ހަތަރެއް ޖަހާއިރު ގެއިން ބޭރުގައި އުޅޭނަމަ، އެކުދިން އުޅެނީ ކޮންތާކުތޯ ބެލުމަކީވެސް މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ.
ސައުދުﷲ ވިދާޅުވީ އިސްލާމީ އުސޫލުތަކާއި ހިލާފަށް ކަންތައްތައް ކުރެވެމުންދާތީ، މިފަދަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އިސްލާމްދީނުގައި އެންމެ ބޮޑަށް ހަރާމްކުރައްވާފައިވާ އެއް ކަންތައް ކަމަށްވާ މަސްތުވާތަކެތި ބޭނުންކުރުމާއި ރާބުއިމަކީ ހުރިހާ ނުބައެއްގެ އަސްލު ކަމަށް ދީނުގައި އަންގަވާފައި އޮތް ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ކަންކަމާ ދުރުހެލިވުމަށް ޒުވާނުންނަށް ހިތްވަރުދީ ނަސޭހަތްތެރިވާންޖެހޭ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ވެރިންނަށް ނުވަތަ ދައުލަތަށް މައިންބަފައިންގެ މަސްއޫލިއްޔަތު ދޫކޮށްލައިގެން ނުވާނެ ކަމަށާއި، މައިންބަފައިންގެ މަސްއޫލިއްޔަތު އަދާކުރުމަށްފަހު، ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ދަރިން ތަރުބިއްޔަތުކޮށް، މުޖުތަމައުގައި ރިވެތި އުސޫލުތަކާއި ހަމަތަކަށް ބޯލަބައި، ދީނީ ރިވެތި އުސޫލުތަކަށް ލޯބިކުރާ ދަރިންތަކަށް ހެދުމަށް އެންމެހާ ބެލެނިވެރިން މަސައްކަތް ކުރަންޖެހޭ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.