
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނިކޮށް، ޕީޖީން އެދިގެން ދޫކޮށްލި ދެ މީހުންނަކީ، ގދ. ވާދޫ ބެރޫމާގެ އަހްމަދު ޝައްފާފް 26، އަދި ށ. ޅައިމަގު ފިއުޗަރ، މުހައްމަދު އަނަސް 25، އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި މި ދެ މީހުންނަކީވެސް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ނިސްބަތްވާ ދެ މީހުންނެވެ.
މި ދެ މީހުން ދޫކޮށްލީ، ކޯޓަށް ހާޒިކުރުމުން ހޯމަ ދުވަހު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ދެ މީހުންވެސް ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ.
ކްރިމިނަލް ކޯޓުން މި ދެ މީހުން ދޫކޮށްލަން އަމުރު ކުރީ، ގާޒީ އިސްމާއިލް ޝަފީއު އެވެ.
މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ދެ މީހުންވެސް ދޫކޮށްލީ، ޕީޖީން އެދިގެން ޝަރުތު ކުރުމަށް ފަހުއެވެ. މި ދެ މީހުން ބަންދުން ދޫކޮށްލިއިރު، ދެ މީހުންގެ މައްސަލަ ދައުވާ ކުރަން ކޯޓަށް ހުށަހަޅާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.