
ރޭ އެ ޗެނަލުން ދެއްކި ޕްރޮގްރާމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑުކިޔުމަށް، އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްވާ ފަދަ މޭރުމަކުން ވަނީ ވާހަކަދައްކާފައެވެ.
ރާއްޖެ ޓީވިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޓީވީ ސްޓޭޝަނުން ލައިވްކުރި އެ ޝޯގައި ދެކެވުނު ވާހަކައިން އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ނިކަމެތިކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.
މި މައްސަލާގައި ރާއްޖެ ޓީވީން މައާފަށް އެދިފައިވާއިރު ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މިކަން ކުށްވެރިކޮށް މައްސަލަ ބަލާނެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
ޕާޕާ އާއި މޮސްޓާ ދެއްކި ވާހަކަތަކަށް ފާޑުކިޔައި މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބައެއް މީހުން ޓީވީތަކުގައި ހީސަމާސާކުރަން އެކި މީހުންނަށް ނިސްބަތްކޮށް އޯޓިސްޓިކް ގޮތެއް ހުންނަ މީހެއް ކަމަށް ސިފަކޮށް ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.