
މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލާއެކު ހިނގަމުންދާ ހަނގުރާމައަށް ނިމުމެއް ގެނައުމަށާއި، ހަމާސް ވެރިކަމުން ދުރުކުރުމަށް ގޮވާލައި ބޭއްވި އެންމެ ބޮޑު މުޒާހަރާތަކެވެ.
ބައިތު ލަހިޔާގައި ފެށި މުޒާހަރާތައް ވަގުތުކޮޅެއްގެ ތެރޭގައި ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި ހަމައަށް ފެތުރިގެން ގޮސް، ދެކުނުން ހާން ޔޫނިސްއާ ހަމައަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮސްފައެވެ. ފުރަތަމަ ދެތިން މަދުބަޔަކު ފެށި މުޒާހަރާތައް ފަހުން ބައެއް ސަރަހައްދުތަކުގައި 2،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މުޒާހަރާކުރި މީހުން "ހަމާސް ބޭރަށް!" އަދި "ހަމާސް ޓެރަރިސްޓުން!" ފަދަ އިބާރާތްތައް ގޮވަމުން ދިޔައެވެ.
ހަމާސް އާއި ދެކޮޅަށް ގައްޒާގައި ކުރިއަށް ދިޔަ މުޒާހަރާ
މުޒާހަރާތަކުގައި ބައިވެރިވި ގިނަ ބަޔަކު ހަމާސްގެ ވެރިކަމުގެ ދަށުގައި ދިގު މުއްދަތަކަށް ދެމިގެންދިޔަ ދަތިތަކާއި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުން ނުރުހުން ފާޅުކުރިއެވެ. "ހަނގުރާމަ ހުއްޓާލާ!"، "މަރުވާން ބޭނުމެއް ނޫން!" އަދި "ސުލްހައިގައި ދިރިއުޅެން ބޭން!" ފަދަ ބެނާތައް ހިފައިގެން މުޒާހަރާކުރި މީހުން ދިގު މުއްދަތަކަށް ދެމިގެންދިޔަ ހަނގުރާމައިން އަރައިގަންން ބޭނުންވާކަން ހާމަކޮށްފައިވެއެވެ.
ރޯދަ މަހުގައި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން އިތުރަށް ދެމެހެއްޓުމަށް ހަމާސް އިން މަސައްކަތް ނުކުރުމާއި، ސުލްހަ މަޝްވަރާތަކުގައި ލަސްކުރުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ހަމާސްގެ ވެރިކަމާ ދެކޮޅަށް ގައްޒާގައި ކުރި މި ނުރައްކާތެރި މުޒާހަރާތަކަށް ހަމާސް އިން ވަނީ ބާރުގެ ބޭނުންކޮށް ހުރަސް އަޅައި، ބިރުދެއްކުމުގެ ޓެކްޓިކްސްތައް ބޭނުންކޮށްފައެވެ. މޫނު ނިވާކޮށްގެން ތިބި ހަމާސްގެ ހަނގުރާމަވެރިން ބަޑި ބޭނުންކޮށްގެނ މުޒާހަރާކުރި މީހުން ހުއްޓުވަން މަސައްކަތް ކޮށްފައިވެއެވެ. ބައެއް މީހުންނަށް އަނިޔާވެސް ލިބިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ހަމާސްގެ ސަލާމަތީ ބާރުތަކުގެ މީހުން ކުލަ ހެދުމުގައި ވެސް މުޒާހަރާތައް ހުއްޓުވަން މަސައްކަތްކުރިއެވެ.