
މިވެއަތުވެދިޔަ އަހަރުތަކުގައި އެހެން ގައުމުތައް ފުޓުބޯޅައިން ކުރިއެރުން ހޯދި ނަމަވެސް، ރާއްޖެ ދަތުރު ކުރަމުން ގޮސްފައި ވަނީ ފަހަތަށެވެ. ރާއްޖޭގެ ފުޓުބޯޅަ އޮތީ ކަރަޕްޓްވެފަ އެވެ. 150 މިލިއަން ރުފިޔާއަށް ދަރުވާލާފަ އެވެ. 16 އަހަރު ތެރޭ ތިން ވަނަ ފަހަރަށް ނޯމަލައިޒް ކުރަން ޖެހިފަ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ އެސޯސިއޭޝަނަކީ މާލޭގެ ކަންމަތީ ކަރުދާސް ކްލަބްތަކަކުން އިންތިހާބު ކުރާ ޖަމިއްޔާ އެކެވެ. އަސާސީ ގަވާއިދާ ހިލާފަށް އަތޮޅުތެރޭގެ ވަރުގަދަ ކްލަބްތައް އެވަނީ އެކަހެރި ކޮށްފަ އެވެ. ނަތީޖާއަކީ ދިވެހި ލީގް އެންމެ ޒޯނަކަށް ހަނިވެ ފެންވަރު ދަށްވުމެވެ. މާލެ ޒޯނުން އެކުލަވާލާ ދިވެހި ލީގަކީ "ފަސްކުޅަނދު މަދު" ލީގެކެވެ. ބަލިކަށި ލީގަކުން މޮޅު ގައުމީ ޓީމެއް ނުނެރެވޭނެ އެވެ.
މީގެ ދެ އަހަރު ފަހުން ބާއްވާ 2027 ވަނަ އަހަރުގެ އޭޝިއާކަޕް ކޮލިފައިންގެ ގެ ފުރަތަމަ މެޗްގައި 1 ލަނޑު 4 ލަނޑުން ރާއްޖެ ބަލިވި އިރު ފުޓުބޯޅަ އޮތީ ހުއްޓި ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށުގަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުން ވީތަން ވެސް ނޭނގޭ ކަހަލަ އެވެ. އެކޮމިޓީން ވެސް މިހާތަނަށް އަމަލު ކުރަމުން ގެންގޮސްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށެވެ. އަތޮޅުތެރޭގެ ކްލަބްތައް އެކަހެރިކޮށް "ޑިސްކްރިމިނޭޓް" ކުރުން މިވަނީ އިންތިހާއަށް ގޮސްފަ އެވެ.
ލީގް ހުއްޓި މެޗެ ތަޖްރިބާ ނުލިބުނު ނަމަވެސް، ކޯޗް ސުޒޭން ފާހަގަ ކުރީ ކުޅުންތެރިންގެ އަމިއްލަ ފިޓްނަސް ހިފެހެއްޓި ކަމެވެ. މިއީ ކުޅުންތެރިޔާގެ ޑިސިޕްލިންކަމުގައި ނޫނީ ނުވާނެ އެވެ. ކުޅުންތެރިޔާއަށް ހައްގު މިންވަރު (ލީގްކުޅެން) ނުލިބުނު ނަމަވެސް އޭނާގެ އަމިއްލަ އިހްތިޔާރުގައި އޮތް ފިޓްނަސް ހިފަހައްޓައިފި އެވެ.
ފިލިޕީންސް މެޗުން ބޮޑުތަނުން ރާއްޖެ ބަލިވި ބަލިވުމަކީ އެފްއޭއެމްގެ ނުކުޅެދުންތެރިކަމެވެ. މިއީ ކުޅުންތެރިންނާއި ކޯޗުންގެ މައްސަލައެއް ނޫނެވެ.
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން --- ފޮޓޯ: އެފްއޭއެމް
އެފްއޭއެމުގެ އަސާސީ ގަވާއިދުން ކުޅުންތެރިންނަށް ލީގް މުބާރާތެއް ގެރެންޓީކޮށްދީފައި އޮތް ނަމަވެސް، އެ މުބާރާތް މެދުކެޑިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި އަސާސީ ގަވާއިދާ ހިލާފަށް "ދިވެހި ޕްރެމިއާ ލީގް" ގެނަމުގައި ސީދާ ސަރުކާރުގެ އެހީގައި މިހިންގާ ލީގަކީ "ފަސްކުޅަނދު މަދު" ލީގެކެވެ. "ފަސްކުޅަނދު މަދު" ލީގަކަށް ވަނީ އަސާސީ ގަވާއިދުގައި ބުނާގޮތަށް އަތޮޅުތެރޭގެ ޒޯން ޗެމްޕިޔަނުން ބައިވެރި ނުކޮށް މާލޭ ކަންމަތީ ކަރުދާސް ކްލަބްތަކެއް ދިވެހި ލީގް ހައިޖެކްކޮށްގެން އުޅޭހެން ހީވާ ކަހަލަ މަންޒަރު ފެންނާތީ އެވެ.
މިއީ ގައުމީ ޓީމްގެ ކުށަކަށް ނުވާނެ އެވެ. ގައުމީ ޓީމްގެ ބެލެނިވެރި ފަރާތް މިވަގުތު މިއޮތީ ފޭލްވެ ގައުމީ ޓީމަށް އިހްމާލް ވެފަ ކަމަށް ފެނެ އެވެ. ވީމާ ނޯމަލައިޒޭޝަންގެ މިވަގުތުކޮޅަކީ ގައުމީ ޓީމްގެ ފޭން ކްލަބަކަށް ބޭނުންވެފައިވާ ވަގުތަށް ވާނެ އެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.