ads
މައުމޫނާއި ހަސަން ހަމީދު
އީދުގެ ހަނދުގެ ކަންތަކުގައި ހަސަންގެ ފާޑުކިޔުން މައުމޫންގެ ވާހަކަތަކަށް
އަންނަ ފިތުރު އީދު ވާނެ ދުވަހަކާއި އެކަމުގައި އަމަލުކުރާ ގޮތްކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަކަށް ގިނަ އިލްމީ އަދި ތާރީހީ ދިރާސާތައް ލިޔުއްވާ ޑރ. ހަސަން ހަމީދު ރައްދު ދެއްވައިފިއެވެ.
Advertisement

ރައީސް މައުމޫން މިދިޔަ އަންގާރަ ދުވަހު ލިޔުއްވި ލިޔުވުމެއްގައި ވިދާޅުވީ މިއަހަރުގެ ފިތުރު އީދު ވާނީ އަންނަ އާދިއްތަ ދުވަހަށްކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭކަމަށެވެ. 

ފަލަކީ އިލްމުވެރިޔާ އަދި ހަނދު ބެލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ކުރީގެ ރައީސްގެ ލިޔުއްވުމުގައި ވިދާޅުވީ ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އީދު ވާނީ އަންނަ އާދިއްތަ ދުވަސްކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ސައުދީ އަރަބިއްޔާ، މިސްރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު ހަނދު ނުއޮއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީކަމަށެވެ.  

މި ވާހަކަތަކަށް ރައްދުދެއްވާ މައުމޫންގެ ލިޔުންތައް ގެނެސްދިން ނޫސްތަކުގެ ސްކްރީން ޝޮޓް ހިމަނާ ހަސަން ވަނީ މައުމޫންގެ އެ ވާހަކަތަކަށް ރަނގަޅު ނޫންކަމަށް ބުނެ ދަލީލު ދައްކަވާފައެވެ. 

އައު ހަނދު އުފަންވަނީ މުޅި ދުނިޔެއަށް އެއް ހިނދަކު

ހަސަން ލިޔުއްވުމުގައި ވިދާޅުވީ  އެކި ގައުމަތަކަށް  އިރު އެކި ވަގުތުތަކުގައި އެރި ނަމަވެސް އައު ހަނދު އުފަންވަނީ މުޅި ދުނިޔެއަށް އެއް ހިނދަކުކަމަށެވެ. 

" އެކި ޤައުމުތަކަށް އިރު އަރަނީ އެކި އިރުއެވެ. ނަމަވެސް، (އެކްލެޕްޓިކް ލޮންޖިޓިއުޑުން ހިސާބުކުރާއިރު) އައު ހަނދު އުފަންވަނީ ހުރިހާ ޤައުމަކަށް އެއް ހިނދެއްގައެވެ. ކުރިން ދެންނެވި ގޮތަށް އެއް އުއިވަނީ އެއް ހިނދަކު." ހަސަން ހަމީދުގެ ލިޔުއްވުމުގައިވެއެވެ.

މައްކާއަކަށްވެސް ހަނދެއް ނުފެންނާނެ 

މައުމޫން ލިޔުއްވުމުގައި ސައުދީއަށް މި މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު ހަނދު ނުއޮއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ބުނށާ ވާހަތަކަށްވެސް ހަސަން ވަނީ ރައްދުދެއްވާފައެވެ. ހަސަން ވިދާޅުވީ މުޅި އޭޝިއާގެ ބައްރަށް 29 މާޗްގައި ހަނދެއް ނުފެންނާނެކަމަށެވެ. ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާގެ ހުޅަނގު ބިތަށްކަމަށް ހަސަން ލިޔުއްވުމުގައި ވެއެވެ. ހަސަން ވިދާޅުވީ މައްކާގެ އުޑުމަތި އެދުވަހު ކިތަންމެ ސާފު ނަމަވެސް އެ ގައުމަށްވެސް އެރޭގެ ހަނދު ނުފެންނާނެކަމަށެވެ.

" ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަޑަކަށް 4 ގަޑިއިރެވެ. މިހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެ. ފުރޭފުކުރެވިފައިވާ އެއްވެސް ލިޔުމެއްގައި ފެނިފައިވާ ކަމަކަށް ވެސް ނުވޭ. ވީމާ، ޖެހިގެން އަންނަ ދުވަސް (30 މާޗު) ޢީދަކަށް ނުވާނެ." ހަސަން ލިޔުއްވާފައިވެއެވެ.

ހަނދު ލެއްވުމުގައި ސަޢޫދީ އެރެބިޔާއަށް ހަނދު ފެނުނުތޯ ބަލަން ޖެހޭތަ

ހަނދު ސާބިތުކުރުމުގައި ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލަކީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ އިސްލާމީ ގައުމަކަށް ހާއްސަކޮށް ސައުދީއަށް ފެނުނުތޯ ބަލާ އެ ގޮތަށް އަމަލުކުރުމެވެ. އަދި ރާއްޖޭގައި ހަނދު ސާބިތުކުރުމުގެ ކަންކަންވެސް ކުރަނީ ރާއްޖެއަށް އިރުއޮއްސި އެތައް އިރެއް ވާ ފަހުން އިރު އޮއްސޭ ސައުދީ އަރަބިއްޔާއިން އެމީހުން ނިންމާ ނިންމުން އިއުލާން ކުރާ ވަގުތަށް ބަަލައިގެންނެނެވެ. 

ހަސަން ވިދާޅުވީ އިސްލާމީ ގައުމަކަށް ހަނދު ފެނުމުން އެއަށް ތަބާވެ ދުވަސް ކަޑައަޅަން ފެށީވެސް މައުމޫންގެ ވެރިކަމުގައިކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އިސްލާމީ ދުނިޔޭގައިވެސް 1300 ވަރަކަށް އަހަރު ވަންދެން ހަނދު ލައްވަނީ އެ ޤައުމަކަށް ހަނދު ފެނުމުންކަމަށް ހަސަން ވިދާޅުވިއެވެ. އަދި މިކަމުގައި ދީނީ އިލްމުވެރިންގެ ބަސްވެސް ހަސަން ވަނީ އޭނާގެ ލިޔުމުގައި ހިމަނުއްވާފައެވެ. 

" މިކަމާ ބެހޭ ގޮތުން، އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢާލިމް ޢަބްދުލްޢަޒީޒް އިބްން ޢަބްދުﷲ އިބްން ބާޒް ވިދާޅުވަނީ، މައްކާގައި ފެންނަ ހަނދަށް އެހެން ޤައުމުތަކުގައި މީހުން ތަބާވާން ޖެހޭނެކަމަށް ބުނާ މީހުންނަށް ބުނެ އަންގާށެވެ. ކީރިތި ޤުރްއާން އާއި ހަދީސްގައި އެކަމަށް އެއްވެސް ދަލީލެއް ނުވޭޭ." ހަސަންގެ ލިޔުއްވުމުގައިވެއެވެ.

ރައީސް މައުމޫމާއި ހަސަން ހަމީދުގެ ހިޔާލު ފިތުރު އީދަށް ހަނދު ސާބިތުކުރުމުގައި ތަފާތެވެ. ކަލަންޑަރު  ބުނަނީ އީދަކީ އަންނަ ހޯމަ ދުވަސްކަމަށެވެ. އެހެންވީމާ އީދު ވާނީ އާދިއްތަ ނޫނީ ހޯމަ ތޯ އެނގޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ. 

  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް