ads
ތުރުކީގެ އިދިކޮޅު ލީޑަރު ހައްޔަރުކުރުމުން އާންމުން މަގުމަތަކަށް ނުކުމެ މުޒާހަރާ ކުރާއިރު ފުލުހުން ބާރުގެ ބޭނުންކޮށް ކޮންޓްރޯލްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ތުރުކީން 2000 މީހުން ހައްޔަރުކޮށްފި، ކުށަކީ ސަރުކާރާ ދެކޮޅުވުން..!
ތުރުކީގެ ރައީސް ތައްޔިބް އުރުދުގާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމަމޮގްލޫ މި ހަފުތާގެ ކުރީކޮޅު ހައްޔަރުކުރުމާ އެކި މުޅި ގައުމުގައި މިހާރު އޮތީ މުޒާހަރާތައް ފަށާފައި އެވެ.
Advertisement

އޮގްލޯ ޖަލަށްލާން އަމުރު ކުރީ ޓެރަރިޒަމާއި ކޮރަޕްޝަންގެ ތުހުމަތު ތަކެއް އޭނާގެ މައްޗަށް ކުރުމާއެކު މިދިޔަ ބުދަ ދުވަހު ތުރުކީ ފުލުހުން ކުއްލި ގޮތަކަށް އޭނާ ހައްޔަރު ކުރުމާ ގުޅިގެންނެވެ. ހައްޔަރު ކުރުމަށްފަހު ތުރުކީގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ މިދެންނެވި މައްސަލަތަކުގައި ކޯޓުގައި އޭނާގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

މިކަމާދެކޮޅަށް ތުރުކީގެ އާންމުން އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި ގެންދަނީ ވަރަށް ފުޅާދާއިރާއެއްގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މުޒާހަރާކުރާ މީހުން ބުނާގޮތުގައި އޮގްލޯ ހައްޔަރުކުރީ 2028 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުން އޭނާ މަހުރޫމް ކުރުމުގެ ރޭވުމުގެ ދަށުންނެވެ.  

އިމާމޮގްލޫ ޖަލުގައި ބަންދުކުރުމާ ގުޅިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދު 2000 އިން މައްޗަށް އަރައެވެ. މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 500 މީހުންނާ ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ. 

އިސްތަންބޫލްގައި މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ސީއެޗްޕީގެ ލީޑަރު އޮޒްގުރް އޮޒެލް ވީހާ ވެސް ގިނަ ބަޔަކު މަގުތަކަށް ނިކުމެ ސަރުކާރަށް އިތުރު ޕްރެޝަރު އުފެއްދުމުގެގޮވާލާފަ އެވެ. އޮގްލޯ ހައްޔަރު ކުރުމުން ފުރަތަމަ ސަރުކާރާ އިދިކޮޅަށް އާންމުން މުޒާހަރާތައް ފެށީ އިސްތަންބޫލްގައެވެ. އެއަށްފަހު އެތައް ލައްކަބަޔަކު ވަނީ މުޒާހަރާތަކާ ގުޅިފައެވެ. އަދި މުޒާހަރާތައް ވަނީ ތުރުކީގެ 55 ޕްރޮވިންސަކަށް ފެތުރިގެން ގޮސްފައެވެ. ތުރުކީގައި އޮންނަނީ 81 ޕްރޮވިންސެވެ. މުޒާހަރާތައް މިހާރު ވެސް ދަނީ ވަރަށް ހޫނުކޮށެވެ. 

ދެހާސް ތިން ވަނަ އަހަރުން ފެށިގެން ތުރުކީގައި ވެރިކަން ކުރައްވަމުން ގެންދަވަނީ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއެވެ. ތުރުކީގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީގެ ފަރާތުން ވާދަކުރާނެ ކަމަށް ބެލެވޭ އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމޮގްލޫ ޖަލުގައި ބަންދުކުރުމާ ގުޅިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ކަވަރުކުރަމުންދިޔަ ދިހަ ނޫސްވެރިޔަކު ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ތުރުކީ ސަރުކާރުން "އެކްސް"ގެ 800 އަށް ވުރެ ގިނަ އެކައުންޓް ބްލޮކްކޮށްދޭން އެދިފަވާކަމަށް އެ ޕްލެޓްފޯމުން ވަނީ ބުނެފަ އެވެ.

އަންކާރާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ވާހަކަ ދައްކަވަމުން އުރުދުގާން ވަނީ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީން މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"ޒަހަމްވި ފުލުހުންނާއި، ފިހާރަތަކުގެ ބިއްލޫރިތައް ތަޅައިގެން ދިއުމާއި، ހަލާކުވެފައިވާ ރައްޔިތުންގެ މުދަލުގެ ޒިންމާ އުފުލަން ޖެހޭނީ މައި އިދިކޮޅު ޕާޓީން. މި ހުރިހާ ކަމަކަށް ސިޔާސީ ގޮތުން މަޖިލީހުގައި އަދި ގާނޫނީ ގޮތުން ޝަރުއީ ދާއިރާއިން އެ ޕާޓީ ޖަވާބުދާރީ ކުރުވާނަން" އުމުރުން 71 އަހަރުގެ އުރުދުގާން އިންޒާރު ދެއްވި އެވެ.

އެކްސް އިން ބުނީ ތުރުކީ ސަރުކާރުގެ މި އަމުރުތައް ގާނޫނާ ހިލާފް ކަމަށް ގަބޫލުކުރާ ކަމަށާއި އަދި މިއީ ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި ސިޔާސީ ފިކުރާއި މައުލޫމާތަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށެވެ. އުރުދުގާންގެ މި އަމަލުތަކަކީ ޑިމޮކްރަސީއާ ދެކޮޅަށް ކުރަމުންދާ ބަގާވާތެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފަ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނާ ގޮތުގައި އުރުދުގާންގެ ސަރުކާރުން އެ ފަރާތްތަކާ ދެކޮޅު އަދި ފާޑުކިޔުން އަމާޒުކުރާ ނޫސްތަކުގެ ނޫސްވެރިންނަށް ދީފައިވާ ފާސްތައް އަތުލުމާއި އިތުރު ބިރުދެއްކުމުގެ އަމަލުތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި ތުރުކީގެ %90 ނޫސްތައް ކޮންޓްރޯލް ކުރަނީ އުުރުދުގާންގެ ސަރުކާރުންނެވެ.

ހިޔާލު ހޯދުމުގެ ބައެއް ވޯޓުތަކުގައި އުރުދުގާންގެ ސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ކުރި ހޯދަމުން ނެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް