
މީގެކުރިންވެސް ބިން ހެލުމުގެ ތަޖުރިބާ ކުރެވިފައިވާ ފުއާދު މިއަދު ތައިލެންޑަށް ބިން ހެލުން އައި އިރު ހުންނެވީ އެމްބަސީގައި މަސައްކަތުގައެވެ.
ފުއާދު ވިދާޅުވީ އޭނާ ޖަޕާނުގައި ދިރިއުޅުވި ދުވަސްވަރުވެސް ބާރުގަދަ ބިން ހެލުންތައް އައި ނަމަވެސް މިއަދު ކުރެވުނު ތަޖުރިބާ ތަފާތުކަމަށެވެ. އެގޮތުން މިއަދު ބިން ހެލުން އައި ވަގުތު ކޮޅަށްވެސް ނުހުންނެވުނަކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ތައުފީގު
ބިން ހެލުން އައީ އިމާރާތުގެ 11 ވަނަ ބުރީގައި ހުންނަ އޮފީސް ތެރޭ ހުންނަވަނިކޮށް ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ހީވީ "ދޯންޏަކުން އޮއިގަނޑެއްގައި" ޖެހުނުހެންކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ ބިން ހެލުން އައުމާއެކު އެމްބަސީން ވެސް ވަގުތުން މީހުން ހުސްކުރިކަމަށެވެ. އަދި 11 ވަނަ ބުރިން އެންމެ ތިރިއަށް ފޭބީ ސިޑިތަކުންކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ މިވަގުތު އެއްވެސް އިމާރާތަކަށް ވަނުުގެ ހުއްދަ ނެތުމުން އޭނާވެސް ހުންނެވީ ހުސް ބިމެއްގައި މަޑޫކޮށްލައިގެންކަމަށެވެ.
ގިނަ އަދަދަކަށް ދިވެހީން ޒިޔާރަތްކުރާ ތައިލެންޑްގެ ވެރިރަށް ބެންކޮކަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ސަފީރު ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.
ބިންހެލުން އައުމާ ގުޅިގެން ބެންކޮކުގެ ގިނަ ރައްޔިތުން މަގުމަތީގައި ތިބި ކަމަށާއި، އިމާރާތްތައް ބަލައި ފާސްކުރުމަށް ފަހު ބައެއް އިމާރާތްތަކަށް ވަނުމުގެ ހުއްދަ މަޑުމަޑުން ދެމުން އަންނަ ކަމަށް ސަފީރު ފުއާދު ވިދާޅުވިއެވެ.
ބެންކޮކުގެ ޗަޓޫޗަކް މާކެޓު ކައިރީގައި ހަދަމުންދިޔަ އިމާރާތެއް ވެސް ވަނީ ބިމާ ހަމަވެފަ އެވެ. އެ ގައުމުގެ ފުލުހުން ބުނާ ގޮތުގައި އެ އިމާރާތުގެ ދަށުގައި 43 މީހުން ތާށިވެ ތިން މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް ސަލާމަތް ކުރެވުނީ އެންމެ ހަތް މީހުންނެވެ.