
ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ތައިލެންޑާއި މިޔަންމާއަށް މިއަދު މެންދުރު ފަހު ވަނީ 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. އެއާ އެކު، އެ ދެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
ތައިލެންޑާއި މިޔަންމާއަށް މިއަދު މެންދުރު ފަހު އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެއްޓި، ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި ބައެއް މަސައްކަތްތެރިން އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ވެސް އެ ގައުމުގެ ފުލުހުން ބުންޏެވެ.
ބެންކޮކަށް މިއަދު މެންދުރު އައި ބާރުގަދަ ބިންހެލުމުގައި މަގުތައް ކަނޑައިގެން ގޮސްފައި.
ރައީސްގެ މެސެޖުގައި ވަނީ، އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުންލިބުނު މީހުންނަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފަ އެވެ. އަދި ގެއްލިފައިވާ މީހުން ހެޔޮހާލުގައި ތިއްބާ ފެނުމަށާއި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވަމުން ރައީސް ވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އެކި ގައުމުތަކުން މިހާރު ދަނީ ބިންހެލުމުގައި ގެއްލުންވި ދެ ގައުމަށް އެހީތެރިކަން ހުށަހަޅަމުންނެވެ.